ޙައްޖު އަދާކުރުމުގައި ދުޢާކުރުން އިތުރުކުރަންޖެހޭ: ޙައްޖު ޚުޠުބާ

މާތްﷲ އަށް ތަޤުވާވެރިވެ ޙައްޖުގެ މަނާސިކުތައް އަދާކުރުމުގައި ދުޢާކުރުން އިތުރު ކުރުމަށް ޙައްޖުގެ ޚުތުބާގައި ގޮވާލައްވައިފިއެވެ. ނަމިރާ މިސްކިތުގައި ޙައްޖު ޚުތުބާ އިއްވަވައި ދެއްވީ ޝައިޚް އަލީ ބިން އަބްދުއްރަޙްމާން އަލް ޚުޛައިފީއެވެ.
ނަމިރާ މިސްކިތުގައި ޝައިޚް އަލީ ބިން އަބްދުއްރަޙްމާން އަލް ޚުޛައިފީ އިއްވެވި ޙައްޖު ޚުޠުބާގައި މާތްﷲއަށް ތަޤުވެރިވުމުގެ މުހިންމު ކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. ތަޤުވާވެރިވުމަށް ނަސޭހަތްދެއްވައި ހުޠުބާގައިވަނީ ކީރިތި ޤުރުޢާނުގެ އަލް ހައްޖު ސޫރަތުގައިވެސް މާތް ﷲ މިކަން ވަހީކުރައްވާފައިކަން ފާހަގަކުރައްވާފައެވެ. ޙައްޖު ޚުތުބާގައި ވިދާޅުވީ ޤިޔާމަތް ދުވަހަށް ތައްޔާރުވުމަކީ ތަޤުވާވެރިކަމުގެ ތެރެއިންވާ ކަމެއްކަމަށެވެ.
ޤިޔާމަތް ދުވަހަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މާތް ﷲއަށް އެއްކައުވަންތަކުރުން ކަމަށް ބަޔާންކުރައްވަމުން އެކަލާނގެ އެއްކައުވަންތަކަމާއި ޚިލާފުވާ ކަންކަމުން ދުރުހެލިވުމަށް ވަނީ ގޮވާލައްވާފައެވެ. ޙައްޖު ޚުޠުބާގައިވަނީ މާތް ﷲ އަށް ޝިރުކު ކުރުމުގެ ނުބައިކަމުގެ މައްޗަށްވެސް އަލިއަޅުއްވާފައެވެ. އަދި ޝިރުކުކުރުމުން ދުރުހެލިވެ ޒިކުރުކުރުން މަތީ މުޢުމިނުން ދެމިތިބޭނަމަ މާތް ﷲ އެބައެއްގެ ހިތްތައް މަޑުމޮޅިކުރައްވާ ކެތްތެރި ބައެއްގެ ގޮތުގައި ލައްވާނެ ކަމަށް ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ކެތްތެރިވާ މީހުންނަށް ލިބޭ ދަރުމައާއި ސަވާބުގެ ވާހަކަވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
ޙައްޖު ޚުތުބާގައި މާތް ﷲ އަށް ބިރުވެތިވާ މީހާއަށް ހުރި ނިޢުމަތާއި ސަވާބުގެ މައްޗަށް ވަނީ އަލިއަޅުއްވާފައެވެ. އަދި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އިބްރާޙީމްގެފާނާއި ހަމައަށް ޙައްޖުގެ މަތިވެރި އަޅުކަން އައުމާއި ހަމައިން ފެށިގެން މިހާތަނަށް މިއަޅުކަން އަދާކުރަމުން އައިސްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމުގައި މާތްވެގެންވާ ގެފުޅުގެ ޠާހިރުކަން ދެމެއްޓުމަށް ޙައްޖު ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ. އެގޮތުން އެތަނަކީ ޝިރުކުން ޠާހިރުވެފައިވާ ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ. ޚުތުބާގައިވަނީ ފާސިޤް ކަންކަމާއި ގޯސް ބަސްތަކުން ދުރުހެލިވުމަށް ގޮވާލާފައެވެ.
މިއަހަރުގެ ޙައްޖު ޚުތުބާ ނިންމަވާލައްވާފައިވަނީ، ޙައްޖުގެ މަނާސިކުތައް ފުރިހަމައަށް އަދާކުރުމުގެ މުހިންމުކަން ހަނދުމަކޮށްދެއްވަމުންނެވެ. މި ޚުޠުބާގެ ތެރެއިން ޝައިޚްވަނީ ޙައްޖުގެ މަނާސިކުތައް ފުރިހަމަ ކުރުމުގެ ތެރެއިން ހޭދަ ކުރާ ވަގުތު ހެޔޮ ގޮތުގައި ހޭދަކުރުމަށާއި ދުޢާތައްކޮށް މާތް ﷲ ޒިކުރު ކުރުމަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ