ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު، ކުރިން ހިންގަމުން އައި އަތޮޅު ކައުންސިލްތައް އުވާލައި، އަލަށް އުފެއްދި "އެލްޖީއޭ އަތޮޅު އޮފީސް" ތަކަކީ އެލްޖީއޭގެ ގޮފިތަކެއް ކަމަށާއި، އެތަނަށް ސިޔާސީ ވެރިން އައްޔަނު ނުކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓް: ރައީސުލްޖުމްހޫރިއްޔާއާއެކު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އަތޮޅުތަކުގައި ގާއިމުކުރާ މި އޮފީސްތަކަކީ ސިޔާސީ މަސައްކަތްތައް ހިންގާނެ ތަންތަން ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި އޮފީސްތައް ހިނގަމުންދާނީ އެލްޖީއޭގެ ގޮފިތަކެއްގެ ގޮތުގައެވެ.
ރައީސް ވިދާޅުވީ، ކުރީ ޒަމާނުގައި އޮތް އަތޮޅު އޮފީސްތައް އިއާދަކުރުމުގެ ވިސްނުމެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށެވެ. އަދި އެލްޖީއޭއިން އަތޮޅުތަކުގައި ޤާއިމުކުރާ އޮފީސްތަކަށް އެލްޖީއޭގެ އަތޮޅު އޮފީސްގެ ނަމުން ނަން ދޭން ލަފާ އެރުއްވީ އެ އޮތޯރިޓީން ނަންތައް ހުށަހެޅުމުން ކަމަށާއި، އެތަންތަން ހިންގުމުގެ ހުރިހާ ކަމެއްވެސް ބަލަހައްޓާނީ އެލްޖީއޭއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ސިޔާސީ ވެރިން ލާންވެއްޖެއްޔާ ކޮބައިތޯ އޭގެ ބަދަލަކީ. އެނޫނިއްޔާ ހަމަ ކުރިން އޮތްގޮތަށް އަތޮޅު ކައުންސިލް ރައީސްވެސް ހޮވައިގެން ބަހައްޓަންވީނޫންތޯ،" ރައީސް ވިދާޅުވިއެވެ.
އެލްޖީއޭއިން ބުނީ މި އޮފީސްތަކުގައި ކުރިއަށްދާނީ، އެލްޖީއޭގެ މައި އޮފީހުން ކައުންސިލްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ކައުންސިލްތަކަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި މި އޮފީސްތައް މަސައްކަތް ކުރާނީ، އެ އޮތޯރިޓީގެ ގޮފިތަކެއްގެ ގޮތުގައި ކަމަށާއި މީގެ ސަބަބުން ކައުންސިލްތަކާއި އެލްޖީއޭއާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ޤާނޫނުން އެލްޖީއޭއަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އަތޮޅު އޮފީސްތަކަކީ އެލްޖީއޭގެ ގޮފިތަކެއް، ސިޔާސީ ވެރިންނެއް ނުލާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ