ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ނިމެންދިޔައިރު ރާއްޖޭގައި އުފެދިފައި އޮތް ސިޔާސީ ހަލަބޮލިކަމަކީ ވެސް ނަޞާރާދީނުގެ މީހުން އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް މައުމޫން ތުހުމަތުކުރެއްވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެކްސްގައި ޕޯސްޓެއްގައި ހިއްސާކުރައްވާ ރައްދު ދެއްވާފައި ވަނީ ޝްރީލަންކާގައި ހުންނަ އިރާނު އެމްބަސީން އެމަނިކުފާނުގެ ޕޯސްޓަށް ދިން ރައްދަކާއި ގުޅިގެންނެވެ. ރައިސް ނަޝީދު ވިދާޅުވީ އެމެރިކާއިން އީރާންގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމާ މެދު ދެކޮޅު ކަމަށެވެ. އެހެންނަމަވެސް މަގުތަކުގައި ތިބި ޒުވާން މުޒާހަރާވެރިންނަށް ތާއީދުކުރައްވާ ކަމަށެވެ.
މީގެކުރިން ރައީސް ނަޝީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ އަޑުއުފުލަމުންދަނީ، އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށާއި، އިންތިހާއަށް އުފުލިފައިވާ ދިރިއުޅުމުގެ ހަރަދުތަކުން މިންޖުވުމަށާއި، އެތައް އަހަރެއް ވަންދެން ތަހައްމަލުކުރަމުންދާ އަނިޔާވެރިކަމުން ސަލާމަތްވުމަށް ކަމަށެވެ. އެއީ މުސްލިމުން ކަމަށާއި އެހެންކަމުން މުސްލިމް އުންމަތާއި މުޅި ބައިނަލްއަގުވާމީ މުޖުތަމައު އެ ގައުމުގެ ވެރިކަން ދިފާއުކުރުމުގެ ބަދަލުގައި، އީރާނުގެ ރައްޔިތުންގެ ހައްގުގައި އެމީހުންނާއެކު ސާބިތުވެ ތިބެންޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިކަމަށް ރައްދުދެއްވާ ޝްރީލަންކާގައި ހުންނަ އިރާނުގެ އެމްބަސީން ބުނެފައި ވަނީ 2025 ވަނަ އަހަރުގެ ޖޫން 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، ޒަޔަނިސްޓު އިސްތިއުމާރީ ބާރުތަކުން އީރާނުގެ ސިޓީތަކަށާއި، އާންމު ރައްޔިތުންނަށާއި، އަދި އާންމު ހިދުމަތްތައް ދޭ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
މީގެއިތުރުން އީރާނުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގި ގަތުލުއާންމުތަކެއްގައި ގިނަ ބަޔަކު މަރާލާފައިވާ ކަމަށްވެސް އެމްބަސީން ބުންޏެވެ. މި ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން 1000 އަށްވުރެ ގިނަ ފިރިހެނުންނާއި، އަންހެނުންނާއި އަދި ކުޑަކުދިން ޝަހީދުވެފައިވާކަމަށް ވެސް އެމްބަސީން ބުނެފައިވެއެވެ.
އިރާނު އެމްބަސީން ބުނީ ޒަޔަނިސްޓު ބާރުތަކުން ދެމުންދިޔަ އިންސާނިއްޔަތާ ހިލާފު އަދި އަހުލާގީ ގޮތުން ދަށުދަރަޖައިގެ ހަމަލާތަކާ ދެކޮޅަށް އީރާނުގެ ރައްޔިތުން ދެއްކި ސާބިތުކަމާއި އެމެރިކާގެ ސަރުކާރުން އެ ބާރުތަކަށް ފޯރުކޮށްދިން ސީދާ އެހީތެރިކަމުގެ ސަބަބުން މަސްލަހަތު އިތުރަށް ގޯސްވެގެން ދިޔަކަމަށެވެ.
މިކަމުގެ ބޭނުމަކީ އީރާނުގެ މަގުތަކުގައި ހަމަނުޖެހުން އުފައްދައި، އާންމު ރައްކާތެރިކަން ނަގާލުން ކަމަށްވެސް އެ އމްބަސީން ވަނީ ބުނެފައެވެ.
އިރާނު އެމްބަސީން ބުނީ އީރާނުގެ ކުޑަކުދިންނާއި، އަންހެނުންނާއި އަދި ކުށެއްނެތް އާންމު ރައްޔިތުން ވެގެންދިޔައީ އިސްރާއިލްގެ ގައުމީ އިންޓެލިޖެންސް އެޖެންސީ މޮސާޑާ ގުޅުންހުރި ފަރާތްތަކުން ސިޓީތަކުގައި ހިންގި ނުރައްކާތެރި ޓެރަރިސްޓް އަމަލުތަކެއްގެ ޝިކާރައަކަށް ކަމަށެވެ. އެ އެމްބަސީން ބުނީ މި އަމަލުތަކުގެ ތެރޭގައި މިސްކިތްތަކުގައި ހުޅުޖެހުމާއި، ހޮސްޕިޓަލްތައް ސުންނާފަތިކުރުމާއި، މަގުމަތީގައާއި ބާޒާރުތަކުގައި އުޅުނު އާންމު ރައްޔިތުންނަށް ހަމަލާދިނުމުގެ އިތުރުން، މެޓްރޯ ސްޓޭޝަންތަކަށާއި ބޭންކުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.
އީރާނުގައި މިހާރު ހިންގަމުން އަންނަ މުޒާހަރާތަކަކީ އިގުތީސޯދީ ގޮތުން އެ ގައުމު މިހާރު އޮތް ދަށް ހާލަތުގެ ސަބަބުން ކުރިއަށްދާ ހަމަނުޖެހުންތަކެއް ނަމަވެސް މި މުޒާހަރާތަކުގެ ފަހަތުގައިވާ ކަމަށް އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީއާއި ރައީސް މަހްމޫދު ޕެޒެޝްކިއާންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ތުހުމަތުކުރަނީ އެމެެރިކާއާއި އިޒްރާއިލެވެ.
ނަޝީދުގެ ރައްދު އީރާނަށް: މައުމޫން ވެސް ވިދާޅުވީ މުޒާހަރާތަކުގެ ފަހަތުގައި ތިބީ ނަޞާރާއިންކަމަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ