މަނީ ލޯންޑަރިންގެ ތުހުމަތެއް އޮވެއްޖަ ނަމަ އޭސީސީގެ ބައިވެރިވުމެއް ނެތި ވެސް އެ މައްސަލަ ފުލުހުންނަށް ބެލިދާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.
މި މައްސަލަ ފުރަތަމަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މައްސަލަ ބަލައިނުގެންނެވުމަށެވެ. ނަމަވެސް އެ ނިންމުން ބާތިލުކޮށް ސުޕްރީމް ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގެންފައެވެ.
ބަންދުގެ މައްސަލައާއި ގުޅުވައި ޝަމްއާންގެ ފަރާތުން ހައިކޯޓަށް ދެ މައްސަލައެއް ހުށަހެޅިއެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކުރި މައްސަލައެވެ. ދެވަނަ މައްސަލައަކީ ޝަރީއަތް ނިމެންދެން ކުރި އަމުރާގުޅޭ މައްސަލައެވެ.
އޭގެ ތެރެއިން ފުރަތަމަ މައްސަލައިގައި ޝަމްއާންގެ ވަކީލު ހައިކޯޓަށް ހުށަހެޅުއްވި ނުކުތާތަކަށް ބަލާއިރު، އޭނާގެ ހައްޔަރު އިޖުރާއަތާއި، ބަންދުގެ މުއްދަތު އިތުރުކުރުން ކުރިއަށް ގެންގޮސްފައިވަނީވެސް ކޮރަޕްޝަންގެ ކުށްތަކެއްގެ ތުހުމަތުގައި އޭސީސީގެ އެއްވެސް ބައިވެރިވުމެއް ނެތި ކަމަށް ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އެ އަމުރަކީ ތަހުގީގީ ދެ އިދާރާއެއްގެ އިޙްތިސާސް ހިނގާ މައްސަލަތަކުގައި ޚާއްސަ އިހްތިސާސް އޮތް އިދާރާއަށް ތަހުވީލު ކުރުން ނުވަތަ ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގުމުގެ އުސޫލާ ޚިލާފު އަމުރެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.މީގެ އިތުރުން، މި މައްސަލައިގައި މިހާރު ނިންމާފައިމިވާ ގޮތަށް ބަލާއިރު، ޝަމްއާން ވަހީދު ބަންދުގައި ބެހެއްޓުމަށް ހެކި ވަޒަން ކުރުމުގައި ކޮރަޕްޝަންގެ ކުށްތަކުގެ ބައި އެއްކައިރި ކުރެވެންޖެހޭކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި ލިބިފައިވާ ހެކި ޤަރީނާ ވަޒަން ކުރެވެންޖެހޭނީ ހަމައެކަނި މަނީ ލޯންޑަރިން ގެ ތުހުމަތަށް ފޯކަސް ކުރެވިގެންކަމަށް ދެކޭކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ސަބަބަކީ އެ އަމުރު ސައްޙަކަމަށް އޭރު ކަނޑައަޅާފައިވަނީ މަނީލޯންޑަރިންގ ގެ ކުށުގެ ތުހުމަތު ބެލުމުގެ އިޙްތިސާސް ފުލުހުންނަށް އޮންނާތީ އެ ސަބަބަށް އެކަނި ރިއާޔަތްކޮށްގެންކަމަށްވާތީއެވެ.
އެހެންނަމަވެސް މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު އިއްވަވަމުން ވިދާޅުވެފައިވަނީ މަނީ ލޯންޑަރިންގެ ތުހުމަތެއް އޮވެއްޖަ ނަމަ އޭސީސީގެ ބައިވެރިވުމެއް ނެތި ވެސް އެ މައްސަލަ ފުލުހުންނަށް ބެލިދާނެ ކަމަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުން ގޯސްކަމަށް ބުނެ ޤާނޫނީ ބަހުސެއް އުފެދޭ މިންވަރަށް ޝަމްއާންގެ ފަރާތުން ތަފްސީލު ބުނެދެވިފައިނުވާ ކަމަށެވެ.
ފަނޑިޔާރު ނިޔާޒް އިތުރަށް ވިދާޅުވީ، އެ ނުކުތާގައި ދަށުކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް ޤާނޫނީ ނައްސުތަކާ ޙަވާލާދީ ޤާނޫނީ ބަހުސެއް އުފެދޭ މިންވަރަށް ބުނެދެވިފައިވާކަން އެނގެން ނެތްކަމަށެވެ. ހަމައެއާއެކު، ތަޙްޤީޤު ހިންގުމުގެ އުޞޫލާ ޚިލާފަށް ދަށުކޯޓުގެ ފަނޑިޔާރު ނިންމި ނިންމުމަކީ ކޮބައިކަން ބުނެދެވި، އެކަމުގައި އޮތް ޤާނޫނީ ބަހުސަކީ ކޮބައިކަން ބުނެދެވިފައި ނެތްކަންވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
އެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފައެވެ. އެހެންކަމުން ޝަމްއާންގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީއެވެ.
ޝަމްއާންގެ ފަރާތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ