ހިމަބިއްސަށް ފައްސިވީ މީހުންގެ އަދަދު 11 އަށް އަރައިފި

މިދިޔަ ހަފުތާގައި ވެސް ރާއްޖޭން އިތުރު ދެ މީހަކު ހިމަބިއްސަށް (މީސްލްސް) ފައްސިވެފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ. އެޗްޕީއޭއިން ބުނީ، ވޭތުވެދިޔަ ހަފުތާގައި ހިމަބިހީގެ ދެ ކޭސް މާލޭން ފެނިފައިވާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް ޖުމުލަ 11 މީހަކަށް ރާއްޖޭން ހިމަބިހި ޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް، އެ އިދާރާއިން ބުންޏެވެ. އެއާއެކު އެޗްޕީއޭއިން ވަނީ، ހިމަބިހިން ރައްކާތެރިވުމަށްޓަކައި ބައެއް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ހުން އައިސް ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށާއި، ބަލީގެ އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ. https://x.com/HPA_MV/status/2061725199117205535 މިދިޔަ ހަފުތާގައި އެޗްޕީއޭއިން ބުނީ، މިވަގުތު ފަސް ކޭސްގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އެގޮތުން އެ ފަސް ކޭހާ ގުޅުންހުރި 128 ކޮންޓެކްޓުން ފާހަގަކުރެވި، އެ މީހުން މޮނިޓާކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ. މި ބަލި ޖެހެނީ، ހިމިބަހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު، ނޭވާލާ ނިޒާމުގެ ތެރެއިން ކަމަށް އެ އެޖެންސީން މައުލޫމާތުދެއެވެ. އެހެންވެ، އެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ. ހިމަބިހީގެ ކޭސްތައް ފެންނަމުން ދާތީ، ހުމާއި ރަތްބިހީގެ އަލާމާތްތައް ހުރި ފަރާތްތަކަށް އެހީވާން އައިޖީއެމްއެޗްގައި ޚާއްސަ 'ހެލްޕް ޑެސްކް' އެއް ވެސް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ބޮޑެތި މީހުންގެ ކުއްލި ފަރުވާ ދޭ ބައި (މެއިން އީއާރް) ގެ އެމްބިއުލާންސް ޕޯޓިކޯ ކައިރީ 'ހެލްޕް ޑެސްކް' އެއް ގާއިމުކޮށްފައިވާ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ. އަދި މި ޑެސްކުން ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 23:00 އަށް ޚިދުމަތް ލިބޭނެ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ. ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފުކުރީ 1983 ވަނަ އަހަރެވެ. އެއަށްފަހު 2017ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ. އެކަމަކު، އޭގެ ފަހުން ވެސް އެ ބަލި ރާއްޖޭން ފެނިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ