ސަރުކާރުން ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަނީ ހައްދެއްނެތި، އަނެއް ދުވަހު ދެނީ ލުއި: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ހައްދެއް ނެތް މިންވަރަށް ވަންނަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ މި ސަރުކާރުން ސިނގިރޭޓު ޑިއުޓީ ބޮޑުކުރުމަށްފަހު، އަލުން އެ ޑިއުޓީ ކުޑަކުރުމަށް މަޝްވަރާކުރަމުންދާކަން ހާމަކުރުމާ ގުޅިގެންނެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޑރ. މުއިއްޒުގެ ސަރުކާރު ފާހަގަކުރެވެނީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް މަސައްކަތްކުރާ ސަރުކާރެއްގެ ގޮތުގައެއް ނޫނެވެ. https://x.com/mohamednasheed/status/2061728778339201464 އޭގެ ބަދަލުގައި، ސަރުކާރުގެ އަމަލުތައް ހުރީ ތަފާތު ކަންކަން މަނާކޮށް، "ހެޑްލައިން" ހެދުމަށް އިސްކަންދޭ އުސޫލަކުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ސަރުކާރުގެ ސިޔާސަތުތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ، މި ސަރުކާރުން ސިނގިރޭޓު ނުބޮވޭ ވަރަށް އަގު ބޮޑުކޮށް ވޭޕަކީ ކަޅު ބާޒާރުގައި އެކަނި ލިބޭ އެއްޗަކަށް ހަދައިފި ކަމަށެވެ. އަދި ޝީޝާ މަނާކުރަން މަޝްވަރާކުރާކަމަށް ވިދާޅުވެ، މިހާރު ސްމާޓް ފޯން ބޭނުންކުރުން މަދުކުރުމަށް ވަކާލާތު ކުރަމުންދާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ހައްދެއް ނެތި ވަނުން ކަމަށް ނަޝީދު ސިފަކުރެއްވިއެވެ. އަދި ފުރަތަމަ މިފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމަށްފަހު، ފަހުން ލުއި ދޭކަމަށް ދެއްކުމަށް ޓަކައި ކުރިން މަނާކުރި ކަންކަން ބަދަލުކުރުމަކީ މި ސަރުކާރުން އަމަލުކުރަމުންދާ އުސޫލު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރަން މަޝްވަރާކުރާ ކަމަށް ސަރުކާރުން ބުނާއިރު، އެ ކަން ކުރަން އުޅެނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާގެ މަތިން ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން އެ އިދާރާއިން އަދި އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. މި ސަރުކާރަކީ ކުރިން ނިންމާ ސިޔާސަތުތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން، އަލުން ކުރިން އޮތް ގޮތަށް ބަދަލުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ސަރުކާރެކެވެ. އޭގެ ތެރޭގައި އާސަންދަ އިސްލާހުކުރުމާއި ސަބްސިޑީ ރިފޯމް ކުރުން ފަދަ މުހިންމު ކަންކަން ހިމެނެއެވެ. ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ކަޅުބާޒާރުގައި ކޮލިޓީ ދަށް ސިނގިރޭޓު ވިއްކުން އިތުރުވެ، މީހުން އެހެން ބާވަތްތަކަށް ބަދަލުވެފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، މިކަންކަން ހުއްޓުވުމަށް ތަންފީޒީ ފިޔަވަޅުތައް ހަރުދަނާކުރުމުގެ ބަދަލުގައި، އަލުން އަގު ދަށްކުރަން އުޅޭތީ ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ