ބާކްޝަޔާ ހެތަވޭއިން ދެ ދުވަސް ތެރޭގައި 16.8 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފި

ބާކްޝަޔާ ހެތަވޭގެ އާ ސީއީއޯ ގްރެގް އޭބަލްގެ ބެލުމުގެ ދަށުން، އެންމެ ދެ ދުވަހުގެ ތެރޭގައި 16.8 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކެއް ކޮށްފިއެވެ. މި އަހަރުގެ ޖެނުއަރީ މަހު, އެމެރިކާގެ މަޝްހޫރު ބިލިއަނަރު ވޮރެން ބަފެޓްގެ ބަދަލުގައި ސީއީއޯގެ މަގާމާ ހަވާލުވި އޭބަލް ވަނީ، ގެދޮރު އިމާރާތްކުރާ ކުންފުންޏެއް ކަމަށްވާ ޓޭލާ މޮރިސަން 6.8 ބިލިއަން ޑޮލަރަށް ގަތުމަށް އާދީއްތަ ދުވަހު ނިންމާފައެވެ. އޭގެ ފަހުން ހޯމަ ދުވަހު، ގޫގުލްގެ މައި ކުންފުނި އަލްފަބެޓްގެ 10 ބިލިއަން ޑޮލަރުގެ ހިއްސާ ގަތުމަށް ވަނީ އެއްބަސްވެފައެވެ. އަލްފަބެޓްގެ ހިއްސާ ގަތުމަށް ނިންމި ނިންމުމަކީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާގައި އެ ކުންފުނިން ހޯދަމުންދާ ކުރިއެރުންތަކަށް ބާކްޝަޔާއިން ކުރާ އިތުބާރު ދައްކުވައިދޭ ކަމެއް ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ. މިއާއެކު، އަލްފަބެޓް ވެގެންދާނީ ބާކްޝަޔާއިން އެންމެ ގިނައިން ހިއްސާ ކޮންޓްރޯލްކުރާ ފަސް ކުންފުނީގެ ތެރެއިން އެއް ކުންފުންޏަށެވެ. އެމެރިކާގެ މަޝްހޫރު ބިލިއަނަރު ވަރެން ބަފެޓް-- މާރިޗު މަހުގެ ނިޔަލަށް ބާކްޝަޔާގެ އަތުގައި ނަގުދު ފައިސާގެ ގޮތުގައި 380.2 ބިލިއަން ޑޮލަރު ހުރިއިރު، އެ ފައިސާ އިންވެސްޓް ނުކޮށް ހުރުމުގެ ސަބަބުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށް އިންވެސްޓަރުން ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ. ޗެކް ކެޕިޓަލް މެނޭޖްމަންޓްގެ ރައީސް ސްޓީވަން ޗެކް ބުނި ގޮތުގައި، ވޮރެން ބަފެޓްގެ ހިޔަނިން ބޭރުވެ، އޭބަލް އަމިއްލަ ގޮތްތަކެއް ގެންގުޅޭތަން ފެނުމަކީ އިންވެސްޓަރުންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. ޓޭލާ މޮރިސަން ގަތުމަށްފަހު، ބާކްޝަޔާގެ ދަށުން ހިންގާ ގެދޮރު އިމާރާތްކުރުމުގެ އެހެން ވިޔަފާރިތަކާ އެ ކުންފުނި އެއްކޮށްލުމަށް މަސައްކަތްކުރާނެ ކަމަށް އޭބަލް ވަނީ އިޝާރާތްކޮށްފައެވެ. މިއީ ކުރިން ބަފެޓް ގެންގުޅުނު، ކުންފުނިތައް ގަތުމަށްފަހު އަމިއްލައަށް ހިންގަން ދޫކޮށްލުމުގެ ސިޔާސަތާ ތަފާތު، އަމަލީ ގޮތުން ކަންކަމުގައި ބައިވެރިވުމުގެ ސިޔާސަތެއް ކަމަށް މާހިރުން ފާހަގަކުރެއެވެ. ހިއްސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި އެންމެ ކުޅަދާނަ ބިލިއަނަރު, ބަފެޓް އުމުރުން 95 އަހަރުގައި ރިޓަޔާ ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ފަހު ދުވަހުއެވެ. އޭނާއަކީ ހިއްސާ ގަނެ, ވިއްކުމުގެ ދާއިރާއިން އެންމެ ބޮޑު ނަފާއެއް ހޯދި މީހާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ