ކޮންމެ ހުކުރު ދުވަހަކު އޭނާގެ އަޑު ނީވެ ނުދެ އެވެ. ދިވެހިރާއްޖޭގެ އަޑުން ފޮނުވައި މަދަހަ ޕްރޮގްރާމްގެ މަދަހައެއް ނުވަތަ މަދަހަތަކެއްގެ އަޑުގެ ވެރިޔަކަށް ވާނީ، އޭނާ އެވެ.
ގައުމީ ލަވަ ކިއުމުގައި ވެސް އޭރު، ލަވަކިއުންތެރިން މަދު ދުވަސްވަރު، ދިވެހިންގެ އެންމެ ގާތް ލަވަކިއުންތެރިޔަކީ އޭނާ އެވެ.
ހޮޅުދޫ އަބްދުﷲ ނަމުން މަޝްހޫރުވި އަބްދުﷲ ހަސަން، އުމުރުފުޅުން 82 އަހަރުގައި، މިއަދު އަވަހާރަވީ އެވެ. ވަރަށް ގިނަ ދުވަހު އާލާސްކުންފުޅާ އުޅުއްވައިފަ އެވެ.
ދިވެހި މަދަހައިގެ ރަން އަޑުގެ ގޮތުން އަބްދުﷲ ހަސަން ދިވެހިންގެ ތެރޭގައި މަޝްހޫރުވީ 1970 އާއި 1980ގެ އަހަރުތަކުގައި ކިއުއްވި ގިނަ އަދަދެއްގެ އަދި އެހާމެ ރީތި ޅެންތަކުގެ ސަބަބުންނެވެ. މިޔުޒިކާ ނުލާ ވެސް، އަދި ވަރަށް މަދު މިޔުޒިކީ ސާމާނެއްގެ އަޑު ހިމަނާލައިގެން ވެސް އޭނާ ހުރީ ގިނަ މަދަހަތަކެއް ކިއުއްވައިފަ އެވެ.
އިސްލާމް ދީނުގެ މާތްކަމާއި ކީރިތި ރަސޫލާގެ ހަޔާތްޕުޅާ ބެހޭ ގޮތުން ކިއުއްވި ގިނަ އަދަދެއްގެ މަދަހައިގެ އިތުރުން ހާއްސަ ދުވަސްތަކަށް ބިނާކޮށް ވެސް އޭނާ ލައްވާ އޭރުގެ ސަރުކާރުން މަދަހަ ކިއުއްވަ އެވެ. އެގޮތުން 1980 ވަނަ އަހަރު ރާއްޖޭގައި ވެސް ފާހަގަކުރި ހިޖުރީ އާ ގަރުނު ފެށުމުގެ ކުލަގަދަ ހަފުލާއާ ގުޅިގެން ތައްޔާރުކުރި މަދަހަތައް ފާހަގަކޮށްލެވެ އެވެ.
އޭރުގެ ކުޑަކުދިންނާއި މީހުންގެ ހަނދާނަށް މިއަދު ވެސް 'އާ ގަރުނެކޭ އުފާދޭ' ފަދަ މަދަހަތައް، އަބްދުﷲ ހަސަންގެ ވަކިވެދިއުމުގެ މި ހިތާމަވެރި ދުވަހު ވެސް، ނައިހެއް ނުދާނެ އެވެ. އެފަދަ ރީތި މަދަހަތަކުން އެތައް ދިވެހިންނެއްގެ ހިތް އަތުލެއްވި އެވެ.
ރާއްޖޭގައި ލިޔަންކިޔަން ދަންނަ މީހުންނަށް ވުރެ ނުދަން މީހުން ގިނަ ޒަމާން ފަހަތަށް ދޫކޮށްލަން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 1980ގެ ކުރީކޮޅު ފެއްޓެވީ "އަސާސީ ތައުލީމު ޕްރޮގްރާމް'ގެ މައިގަނޑު އަޑުގެ ވެރިޔަކީ އަބްދުﷲ ހަސަން އެވެ. އޭގެ ތެރެއިން މިއަދު ވެސް 'ވަޑައިގަންނަވާށޭ ކްލާހަށް އަސާސީ" މި ލަވައިގެ ފެށޭ ރާގުކޮޅާއި އެ ކިޔާލުން، ދިވެހިރާއްޖޭގެ އަޑުން ވަރަށް ގިނައިން އިވޭނެ އެވެ.
ޒަމާނާ އެކު ކުރީގެ ލަވަކިޔުންތެރިން އާންމުންގެ ލޯ މަތިން ގެއްލުނަސް، އަބްދުﷲ ހަސަން ފަދަ ލަވަކިޔުންތެރިންގެ އަޑާއި އެ ލަވަތަކުގެ ރީތި އަދި މުހިންމު މެސެޖްތައް، ހަނދާނުން ފިލައިގެން ނުދާނެ އެވެ.
މިކަހަލަ ލަވައެއް އަލުން އަޑުއަހާލާ އިރަށް އޭރުގެ ސާދާ ދިވެހިންގެ ގައުމީ ރޫހު ދިރުވާލަދެ އެވެ. ޒަމާނާ އެކު ހަނދާން ނެތިފައި ހުއްޓަސް، މިއަދަކީ އަނެއްކާވެސް އަބްދުﷲ ހަސަންގެ އެ ރީތި އަޑުން، ހަނދާންތަކެއް އާވާ ދުވަހެކެވެ.
'ދޮންވެލީ ތޮދަމާލީ'ގައި ތަމްސީލުކޮށްދޭ ރާއްޖޭގެ ރީތި މާހައުލުން ފެށިގެން ފަތިސް ނަމާދަށް ތެދުވެ، ދުވަސް ފަށަން ހިތްވަރު ލިބޭ ގޮތަށް ކިޔާލި 'ދޮންބެ ތެދުވެ، ފަތިހާ މި ތެދުވޭ ވަގުތަށް ނަމާދަށް ހިނގާށޭ' ފަދަ ލަވަތައް، އޭރު ދިވެހިންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅާލަ ދިނެވެ.
އޭރު އަބްދުﷲ ހަސަން ކަހަލަ ލަވަކިޔުންތެރިން އާންމުންގެ ހިތުން ޖާގަ ހޯއްދެވީ، މިހާރު ގޮތަށް 'ބަލާނެ އެއްޗެހި ގިނަ، އަޑުއަހާނެ އެއްޗެހި ގިނަ، ކުޅޭނެ އެއްޗެހި ގިނަ' ދުވަސްވަރަކަށް ނުވެފައި، ހަމައެކަނި އޮތް އެއްޗަކީ 'ދިވެހިރާއްޖެ އަޑަށް' ވުމުންނެވެ. މަދަހައެއް ނަމަވެސް، ލަވައެއް ނަމަވެސް، އިސާހިތަކު ދިވެހިން އެއަށް އެނބުރެ އެވެ. އެކަމަކު އަބްދުﷲ ހަސަންހާ ނުފޫޒު ގަދަ، ދީނީ ގޮތުން، ގައުމީ ގޮތުން އަދި އިޖުތިމާއީ ގޮތުން، އެންމެންގެ ދިރިއުޅުމަށް އަސަރު ފޯރުވި ފަދަ ލަވަކިއުންތެރިއަކު، ރާއްޖެއިން ފެނިފައެއް ނުވެ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ފޯރިގަދަ ދުވަސްވަރު ވިކްޓަރީން ތަށި މިލްކުކުރި އަހަރުގެ ހުރިހާ ލަވައެއް ހައްދަވައި އަދި ވިދާޅުވި އެވެ. ވިކްޓަރީ އުފެއްދުމުގައި އިސްކޮށް އުޅުނު ކުޅުންތެރިން އޭރު ކުޅުނު ޒަމާނީ މިޔުޒިކް ކްލަބްގެ ކުޅުންތެރިއެއްގެ ގޮތުން އައްޑޫގައި އޮތް ގައުމީ ފުޓްބޯޅަ މުބާރާތަށް ގޮސް، ލަވަ ކިއުއްވައިގެން، ކޮންމެވެސް ވަރަކަށް ޓީމަށް ފައިސާ ވެސް އެއްކޮށްދެއްވި ކަމަށް، އޭރުގެ ބައެއް މީހުން ބުނެ އެވެ.
އައްޑޫގެ މަޝްހޫރު ކްލަބް ޑީއެންސީ އާއި ޒަމާނީ މިޔުޒިކް ކްލަބް ފައިނަލްގައި ބައްދަލުކޮށް، 1-1 އިން އެއްވަރުވެ، ޖޮއިންޓް ޗެމްޕިއަނުންގެ ގޮތުގައި ނިމުނު އިރު، އަބްދުﷲ ކަނާތު ބެކަށް، ހުރިހާ މެޗެއްގައި ވެސް ކުޅުއްވި އެވެ.
ފަހުން ޒަމާނީ މިޔުޒިކް ކްލަބް އެއްކޮށް ކަހަލަ ގޮތަކަށް ބަދަލުވީ، ވިކްޓަރީ އުފައްދައިގެން ވިކްޓަރީއަށެވެ.
"ވިކްޓަރީގެ ހަމަ ވަރަށް ބޮޑު ސަޕޯޓަރެއް އަބްދުﷲ އަކީ،" ވިކްޓަރީގެ އޭރުގެ ކީޕަރު އަދި 1985ގައި ގައުމީ ތަށި މިލްކުކޮށްދިން ޕެނެލްޓީ ނިއު ރޭޑިއަންޓްގެ ގޯލަށް ވައްދާލި މައުރޫފް އަހުމަދު (މާއްޓޭ) ބުންޏެވެ.
ހަނދާންތައް އާކޮށްލުމުގެ ގޮތުން މި ލިއުމުގައި މި ހިމަނާލާފައި މިވަނީ އަބްދުﷲ ހަސަންގެ ވަރަށް މަދު މަދަހައަކާއި ލަވަކޮޅެކެވެ.
ހޮޅުދޫ އަބްދުﷲ ހަސަން: މަދަހަ އާއި ގައުމީ ލަވައިގެ ރަން އަޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ