ސިއްހީ ދާއިރާގެ ޚިދުމަތް ޑިޖިޓަލްކުރުމަކީ އިންގިލާބީ ބަދަލެއް، މިއީ އިންތިޒާރެއްގެ ނިމުން: ނައިބު ރައީސް
ރާއްޖޭގައި ސިއްހީ ޚިދުމަތްތައް ޑިޖިޓަލްކުރަން ސަރުކާރުން ފެށި މަސައްކަތަކީ އިންގިލާބީ ބަދަލެއް ގެނުވާނެކަމެއްކަމަށާއި މިއީ ގިނަ ބަޔަކު އިންތިޒާރުކުރިކަމެއްކަމަށް ނައިބު ރައީީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުމުގެ ގޮތުން އައިޓީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ތަކެތި އަތޮޅު ތެރޭ ރަށްރަށާ ހަވާލުކުރުމަށް މިއަދު ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިއަދު ގެންނަ ބަދަލަކީ ކުޑަކުޑަ ބަދަލެއް ނޫންކަމަށެވެ. އަދި އަތޮޅު ތެރެއަށް އަންނަ ބަދަލަކީ އެންމެ މުހިންމު ކުރިއެރުންކަމަށް ވިދާޅުވިއެވެ. "އާދެ، ސިއްހީ ދާއިރާއަށް މި ގެނެވެނީ ކުޑަކުޑަ ބަދަލެއް ނޫން. އިންގިލާބީ ބަދަލެއް. ޚާއްސަކޮށް ރާއްޖޭގެ އަތޮޅުތަކުގައި އެތަކެއް އަހަރުތަކެއް ވަންދެން ރާއްޖޭގެ ރައްޔިތުން އިންތިޒާރުކޮށްގެން ތިބި ބަދަލެއް. އާދެ އަޅުގަނޑުމެންނަށް އެބަ ފެނޭ އަންނަ ބަދަލުތައް. މިއީ ފެންނަން ހުރި ހަގީގަތްތައް. މިއީ ހަމައެކަނި ދައްކާލައި ވާހަކައަކުން އޮންނަ ކަމެއް ނޫން،" ނައިބު ރައީސް ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ ހޮސްޕިޓަލުތަކުގެ ރެކޯޑުތައް ބެލެހެއްޓުމާއި މެނޭޖުކުރުމަކީ ޒަމާނާ އެއްގޮތަށް ބަދަލުކުރަން ޖެހޭ ކަންކަންކަމަށެވެ. އެ ކަން ކުރުމަަށް ޓަކައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށް ޚިދުމަތް ރަނގަޅުކުރަން ޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ޒަމާނީ ފެންވަރަކަށް ޚިދުމަތްތައް ދިނުން ބަދަލުކުރުމަކީ އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ވަރުގަދަނުކޮށް ކުރެވޭނެކަމެއް ނޫންކަމަށެވެ. އައިސީޓީގެ ނިޒާމު ވަރުގަދަކުރުމަކީ އެކަށީންވާ އަވަސް ޚިދުމަތެއް ދިނުމަށް ވެސް މުހިންމު ކަމެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. "ހޮސްޕިޓަލްތަކުގެ ރިޕޯޓުތައް ބެލެހެއްޓުމާއި، ހޮސްޕިޓަލް މެނޭޖުކުރުމާއި ކަންތައްތަކަކީ އެއީ ޒަމަނާ އެއްގޮތަށް ބަދަލުވާންޖެހޭ ކަންކަން. ދިވެހިރާއްޖެއަކީ ކުދި ރަށްތަކެއްގެ މައްޗަށް ފެތުރިފައިވާ ގައުމެއް. މި ހުރިހާ ގޮތަކަށް ބަލާއިރު ވެސް މި ފަދަ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ހިފި އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރެވިގެން ނޫނީ އެކަށީގެންވާ ފާސްޓް ސްޕީޑެއްގައި ފަސޭހަ ޚިދުމަތްތައް ދިނުމަކީ ދަތިކަމަކަށްވާނެ،" ނައިބު ރައީސް ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ މިއަދު ރަށްރަށަށް ފޯރުކޮށްދެވުނުހާ، އަދަދު ގިނައިން ސާމާނު މީގެ ކުރިން ފޯރުކޮށްދީފައިނުވާކަމަށެވެ. މިއީ އަތޮޅު ތެރޭގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ގެންގުޅުއްވި ތަޞައްވުރު ފުރިހަމަކުރެެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން ބައެއްކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ. https://sun.mv/178556 އެގޮތުން ރަށްރަށުން ލިބޭ ޚިދުމަތް ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެ ކުޑަ ކަމަކީ ވެސް ދާއިރާ މެމްބަރު ގާތު އަހައިގެން ހޯދަންޖެހޭ އެއްޗެއްގެ ބަދަލުގައި އެއީ ސަރުކާރުން ފުރިހަމަކޮށްދޭންޖެހޭ އަސާސީ ހައްގެއްގެ ގޮތުގައި މި މި ސަރުކާރުން ވިސްނާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިއަދުގެ ހަފުލާގެ ތެރެއިން ފަސް ރީޖަނަލް ހޮސްޕިޓަލަށާއި 15 އަތޮޅު ހޮސްޕިޓަލުގެ އިތުރުން 163 ސިއްހީ މަރުކަޒަށް އައިޓީ އިކުއިޕްމަންޓް ހަވާލުކޮށްފައިވެއެވެ. މުޅި މި މަޝްރޫއަށް 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. މި މަޝްރޫއުގެ ދަށުން އެކި ރަށްރަށަށް ޖުމްލަ 608 ކޮމްޕިއުޓަރު ސިސްޓަމާއި، 44 ލެޕްޓޮޕާއި 500 ޓެބްލެޓުގެ އިތުރުން 14 ވީޑިއޯ ކޮންފަރެންސް ސިސްޓަމްވަނީ ދީފައެވެ. އަދި 551 ޕްރިންޓަރު ވެސް ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ