އަރަބިއްޔާ ސްކޫލް އިމާރާތް އެޅުން ލަސްވެ، ބެލެނިވެރިން މަގުމައްޗަށް

އަރަބިއްޔާ ސްކޫލުގެ އިމާރާތް އެޅުން ނުފެށި ގިނަ ދުވަސްވަމުންދާތީ އެ ސްކޫލް އަށް ނިސްބަތްވާ ބެލެނިވެރިން، މަގުމައްޗަށް ނިކުމެ އިހްތިޖާޖު ކޮށްފިއެވެ.
އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކުދިން ބަދަލު ކުރަން އެޑިއުކޭޝަން އިން ފުރަތަމަ ހަމަޖެއްސީ އިއްޒުއްދީން ސްކޫލަށެވެ. ނަމަވެސް ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާއެކު އަރަބިއްޔާ ސްކޫލް އިމާރާތްކުރުމަށް ބާ ޖަމާލުއްދީންގެ ބިން ހަމަޖައްސައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ.
420 ދުވަހުގެ ތެރޭގައި ނިންމުމަށް، އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކުރި މި މަޝްރޫއުއަށް 7 މަސް ދުވަސް ފާއިތުވި ނަމަވެސް ތަނުގެ ބިންގާ އެޅުމަށްޓަކައި ބިން ސާފުކުރުމުގެ މަސައްކަތް ނިމިފައި ނުވާ ކަމަށް ބުނެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިމާރާތުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަނީ ކޮން ސަބަަބަކާ ހުރެކަން ސާފު ކޮށްދިނުމަށާއި، އިންތިހާބު ކައިރިވީމައި ވޯޓު ހޯދަން ބިންގާ އަޅަން މަޑުކުރަނީތޯވެސް ސުވާލު އުފައްދާފައި ވެއެވެ. އަދި ސްކޫލް ދަރިވަރުންގެ ކަން ކަން ސިޔާސީ ނުކުރުމަށް އިހްތިޖާޖްގެ ބައިވެރިން ގޮވާލާފައިވެއެވެ.
ކަރުދާސް ބޯޑުގައި ޝުއޫރުތައް ލިޔެ، އިހްތިޖާޖްގެ ބައިވެރިން ހަރަކާތްތެރި ވެފައިވަނީ ބާ ޖަމާލުއްދީން ސަރަހައްދުގައެވެ.
40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލަކާއި 4 ލިފްޓާއެކު ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކަކާއެކު ޖަމާލުއްދީން އެނެކްސް ތަރައްްގީ ކުރާ އިރު އަރަބިއްޔާ ސްކޫލުގައި 34 ކްލާސްރޫމާއި 2 ލިފްޓް އަދި ފާހާނާތައް ހަދާނެ ކަމަށް މިނިސްޓްރީއިން މީގެ ކުރިން ބުނެފައި ވެއެވެ. މީގެއިތުރުން ސްކޫލްގެ މުވައްޒަފުން ޕާކު ކުރުމަށް ޕާކިން އޭރިއާއެއް ޑިޒައިންގައި ހިމެނޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީ އިން ބުނެފައިވެއެވެ. ބާކީ މި އެނެކްސްގައި ހިމެނެނީ ޖަމާލުއްދީން ސްކޫލަށް އިތުރު ކުރާ ބައެކެވެ.
އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކްލާސްތައް ވަނީ މިދިޔަ ދިރާސީ އަހަރުތެރޭ ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކޮށްފައެވެ. މި މަޝްރޫއު ހިންގުމަށް ޖުމްލަ 168 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ