އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން އޮތް އެންމެ ބޮޑު ހުރަހަކީ ރައީސް ނަޝީދު: ޝަރީފު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކާމިޔާބުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ. 
ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އަމަލުކުރައްވަމުންދާ ގޮތާއި ގުޅިގެން ނުރުހުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 
އެ ޓްވީޓުގައި ޝަރީފު ވިދާޅުވީ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރުމަށް ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްއަށް ވުރެ ބޮޑު ހުރަހަރަށް ނަޝީދު ވެވަޑައިގަންނަވާ ކަމަށެވެ. 
Advertisement
ރައީސް ނަޝީދާއި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބުކުރެއްވުމާއި ގުޅިގެން، ނަޝީދަށް ބަލި ޤަބޫލު ނުކުރެއްވުމަކީ ޕާޓީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް އެންމެ ބޮޑު ހުރަސްކަމަށް ޝަރީފު ސިފަކުރެއްވި އެވެ. އަދި ވިދާޅުވީ ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބު ވިޔަނުދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ކަމަށެވެ. 
އެހެން ނަމަވެސް ޝަރީފު ވިދާޅުވީ ނަޝީދުގެ ފަރާތުން ކުރިމަތިވަމުން އަންނަ ހުރަސްތައް ގިރާކޮށް އަންނަ ރިޔާސީ އިންތިޚާބު ރައީސް ޞާލިހު ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ. 
ރައީސް ޞާލިހުގެ ފަހަތްޕުޅުގައި ތިއްބެވި އިޚްލާސްތެރި ފަރާތްތައް ކުރައްވަމުން ގެންދާ ބުރަ މަސައްކަތްޕުޅާއެކު އަންނަ ސެޕްޓެމްބަރު މަހުގެ އިންތިޚާބު ރައީސް ޞާލިހު ކާމިޔާބު ކުރައްވާނެ ކަމަށާއި، އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދާ ދިނުމަށް އެމްޑީޕީގެ ގިނަ މެމްބަރުން ތިއްބެވީ ކަމަރު ބަންނަވައިގެންކަމަށް ޝަރީފު ވިދާޅުވި އެވެ. 
އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުވިޔަ ނުދިނުމަށް ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށާއި، ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީވެސް ނަޝީދުކަމަށް ޝަރީފު ސިފަކުރައްވާފައިވާއިރު، ރިޔާސީ އިންތިޚާބުގައި ނަޝީދާއި އޭނާގެ ފެކްޝަނުން ތާއީދުކުރާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށްކަމަށް ބެލެވެއެވެ. 
ރިޔާސީ އިންތިޚާބަށް ޖޭޕީން ވަކިން ނިކުންނަން އިއުލާނު ކުރުމާއެކު ނަޝީދުގެ ފިކުރެއްގެ ފިރުމުން ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔާފައެވެ. އަދި ޖޭޕީއާއި ފިކުރެއްގެ ދިރުން ގުޅިގެން ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕެއް އެކުލަވާލާ ސަރުކާރު ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރާނެކަން ވެސް އިއުލާނުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ