ފުރަތަމަ ފަހަރަށް ސްކޫލް ދަރިވަރުން އިމާމުވެ ހުކުރުކޮށްފި

ފުރަތަމަ ފަހަރަށް ރާއްޖޭގެ މިސްކިތްތަކުގައި ޢުމުރުން 18 އަހަރުން ދަށުގެ ކުދިން އިމާމުވެ ހުކުރުކޮށްފިއެވެ. މިއީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިންތިޒާމުކުރައްވައިގެން ކުރިއަށްގެންދިޔަ ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ދަށުން ތަމްރީންކޮށްފައިވާ ކުދިންތަކެކެވެ.
މާލެ ސަރަޙައްދުގައި 4 މިސްކިތެއްގައި އިމާމުވެ ހުކުރު ކޮށްފައިވަނީ 4 ކުދިންނެވެ. ޒުވާން ޚަޠީބުންގެ ތެރެއިން މަސްޖިއްދުއްސުލްޠާން ޙަސަން ޢިއްޒުއްދީންގައި އިމާމުވެ ހުކުރުކޮށްފައިވަނީ ސުލައިމް މުޙައްމަދު ލަޠީފެވެ. ޢީދު މިސްކިތުގައި ހުކުުރުކުރީ ޢަބްދުލްމަތީން މުޙައްމަދުއެވެ. އަދި މާލޭ ހުކުރު މިސްކިތުގައި ހުކުރުކުރީ ނައުފަން ނިޔާފް އަދި ހުޅުމާލޭ މަސްޖިދުލް އަމާނީގައި އިމާމުވެ ހުކުރުކޮށްފައިވަނީ ޙުސެއިން ޒައިން ޢަލީއެވެ.
ޒުވާން ޚަޠީބު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި 160 ކުދިންނާ ވަނީ އިންޓަރވިއުކޮށްފައެވެ. ޒުވާން ޚަޠީބު ޕްރޮގްރާމަކީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކޮށްގެން ހިންގި ޕްރޮގްރާމެކެވެ.
ޒުވާން ޚަޠީބުން ތަމްރީންކޮށްފައިވަނީ ސްކޫލް ދައުރުގައި ކުދިންގެ ހިތްތަކުގައި އިމަމުވެ ނަމާދުކުރުމުގެ ޝައުގުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ދަރިވަރުން ބައިވެރިވެފައިވާއިރު ސްކޫލް ކުދިންގެ ތެރޭގައި ތަރުތީލުކޮށް ކީރިތި ޤުރުއާން ކިޔަވާ ގިނަ ކުދިން ތިބިކަން ވަޒީރުވަނީ މީގެކުރިން ފާހަގަކުރައްވާފައެވެ.
މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމެވެ. އަދި ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ޚުޠުބާ ކިޔުމަށް ޝައުޤުވެރިކަން އުފައްދައި، ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމަކީވެސް މި ޕްރޮގްރާމްގެ މަޤްޞަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ