އޮބާމާގެ ދެމަފިރިކަނބަލުންގެ ތާއީދު އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރައްވާ ކަމަލާ ހެރިސްއަށް

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އޭނާގެ އަނބިކަނބަލުން މިޝެލް އޮބާމާ، އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއަށް ގުޅުއްވާ، އެމެރިކާގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައިފިއެވެ.
އޮބާމާ ވިދާޅުވީ، މި ހަފްތާގެ ކުރީކޮޅު ކަމަލާ ހެރިސްއަށް ގުޅުއްވާ، އޭނާ އެމެރިކާގެ ރައީސްކަމަށް ވަރަށް ރަނގަޅު ބޭފުޅަކަށް ވާނެކަމަށް ޤަބޫލުކުރައްވާ ކަމަށާއި، އޭނާއަށް އެ ދެ ބޭފުޅުންގެ ފުރިހަމަ ތާއީދު އޮތްކަން އަންގަވާފައިވާ ކަމަށެވެ.
މީގެ އިތުރުން، އެމެރިކާގެ މި ނާޒުކު ދަނޑިވަޅުގައި، ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ކަމަލާ ހެރިސް އަށް އެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އޮބާމާ ވިދާޅުވެފައިވެއެވެ.
އަދި އެކަމުގައި އާންމު ރައްޔިތުންގެ އެހީތެރިކަމާއި ބައިވެރިވުން އެދިވަޑައިގަންނަވާ ކަމަށްވެސް އޮބާމާ ވިދާޅުވެފައިވެއެވެ.
މި ބަޔާން އޮބާމާ ދެއްވާފައިވަނީ އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
ކަމަލާ ހެރިސްއަށް ތާއީދުކުރާކަން ހާމަކުރެއްވި އެމެރިކާގެ މަތީ ފަންތީގެ ސިޔާސީ ބޭފުޅުންގެ ތެރޭގައި، މިހާރުގެ ރައީސް ޖޯ ބައިޑަން އިސްކޮށް ހިމެނިވަޑައިގަންނަވާއިރު، ބައިޑަން ވަނީ ކަމަލާ ހެރިސް އަލުން ނައިބު ރައީސްކަމުގެ މަޤާމަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައެވެ.
މީގެ އިތުރުން، ޑިމޮކްރެޓިކް ޕާޓީގެ އިސް ލީޑަރުންކަމުގައިވާ ޗަކް ޝުމަރ އަދި ނެންސީ ޕެލޯސީ ވެސް ވަނީ ކަމަލާއަށް ތާއީދުކުރައްވާނެކަން ހާމަކުރައްވާފައެވެ. އަދި މިހާރު އޮބާމާ ދެ ބޭފުޅުން ވެސް ތާއީދު ހާމަކުރެއްވުމާއެކު، ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސް ލީޑަރުންގެ ފުރިހަމަ ތާއީދު ކަމަލާއަށް ލިބިވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ