މަންޑޭގެ މުދާތައް ދޫކޮށްލަން ހައި ކޯޓުން އަމުރެއް ނުކުރި

ކޭ ޕާކް ފްލެޓްތައް އޮޅުވާލައިގެން ވިއްކިކަމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ)ގެ މުދާތައް ހިފަހައްޓަން ނެރުނު އަމުރު ބާތިލްކުރެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ ޕާކް ފްލެޓްތައް ވިއްކުމުގައި އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ މައްސަލާގައި މަންޑޭ ދިރިއުޅުނު އެޕާޓްމެންޓާއި އޭނާ ގެންގުޅުނު އަގު ބޮޑެތި ސާމާނުތައް ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަހަރު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
އެ އަމުރު އިސްތިއުނާފް ކުރަން މަންޑޭގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން އެފަދަ މައްސަލަތަކުގައި މުދާ ހިފެހެއްޓުމުގެ ބާރު އޮންނަ ކަމަށެވެ. އެގޮތަށް ނެރޭ އަމުރުތައް މުރާޖާކުރަން ދަށު ކޯޓުގައި އެދުމުގެ ފުރުސަތު އޮންނައިރު މަންޑޭގެ ފަރާތުން އެގޮތަށް އަމަލު ކޮށްފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.
 އެ އަމުރު މުރާޖާކުރަން މަންޑޭގެ ފަރާތުން ދަށު ކޯޓުގައި އެދިފައިނުވާތީ، އެ އަމުރު މިވަގުތު ބާތިލް ކުރެވެން ނެތް ކަމަށް ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ.
ކޭ ޕާކް މައްސަލާގައި މަންޑޭގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކްރިމިނަލް ކޯޓުގައި އޮތީ އުފުލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ