މުއިއްޒަށް މަޖިލިސް ލިބުނަސް ނުލިބުނަސް ރާއްތެރިކަމެއްނެތް!

ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލު މުއިއްޒަށް ނުލިބިއްޖެނަމަ ގާނޫނީ ހަމަ އަޅުވައިގެން މުއިއްޒު ހިތުހުރިކަމެއް ހިތުހުރި ގޮތަކަށް ނުކުރެވޭނެކަން އެނގެއެވެ. ގާނޫނާއި ހަމަޔަކަކީ މުއިއްޒުގެ ވިދާޅު ބަސްފުޅަށް ހެދޭނީ މުއިއްޒަށް މަޖިލިސް ލިބިގެންނެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލު މުއިއްޒަށް ނުލިބޭކަން އެންމެ ބޮޑަށް ގަބޫލު ކުރަނީ މުއިއްޒެވެ. 
ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް ރައީސުލްޖުމްހޫރިއްޔާ ކުރާހާކަމަކާއި ކުރުވާހާ ކަމެއް ގާނޫނީ ގޮތުން ހަލާލު ކުރުމަށްޓަކާ މުއިއްޒަށް މަޖިލީހުގެ ކޮންޓްރޯލް މުހިންމެވެ. އެކި ފަހަރު މުއިއްޒާ އަދުރޭ ދައްކާ ވާހަކައިން ރައްޔިތުންގެ މަޖިލީހާއި ހެދި ސަރުކާރުން ބޭނުންހާ ކަމެއް ބޭނުން ވާއިރަށް ބޭނުންހާ ގޮތަކަށް ނުކުރެވިގެން އުޅޭކަން އެނގެއެވެ.
އެކްޕަޔަރ ވަމުން އަންނަ އަންނަ 13 ޕްރޮޑަކްޓެއް އޮބު ނޯންނަވަރު އަގެއްގައި ގަނެގެން ފިހާރައިގެ ހަރުގައި ޖަހާލާފައި ބެހެއްޓުމަކުން މާމޮޅު ވިޔަފާރިވެރިއަކަށް ނުވެވެއެވެ. މުއްދަތު ހަމަވާތީ އެކްސްޕަޔަރވާ މުދާތަކެއް މޮޔައެއްގެ ބޮލުގައި އަޅުވާލާހެން އައު ކަމަޅިމަތީ އެއްޗިއްސެއް ކޮންމެ ކޮންމެ މީހަކަށް ނުގެންދެވޭނެއެވެ. ދައުރު ހަމަވަމުން ދާތީ ލާރިކޮޅެއް ހަދާލި އިތުބާރު ގެއްލިފައި ތިބި ބަޔަކު ގަނެލެވުނަސް މަޖިލީހަށް އަލަށް ހޮވޭ މީހުން ގަނެގެން ގެންގޮސްގެން މަޖިލީހުގެ ކޮންޓްރޯލު ނަގާނަމޭ މުއިއްޒަށް ހީވާ ކަހަލައެވެ.
މުއިއްޒަށް މަޖިލީހުގެ ކޮންޓްރޯލު ލިބިއްޖެނަމަ މަޖިލިސް ވެގެންދާނީ މުއިއްޒުގެ ރަބަރުތައް ގަނޑަށެވެ. ގާނޫނުން ރައްޔިތުން ބަދެލައިގެން މުއިއްޒުކުރާނީ ކުރާނެ ކަމެކެވެ. އާރެއް ބާރެއް ނެތް އިރުވެސް މުއިއްޒުގެ ކިބައިން އެހުރެ ފެންނަނީ ހުދުމުހުތާރު ކަމާއި ގޮތްދޫނުކުރުމާއި ގަދަކަން ދެއްކުމެވެ.
މުއިއްޒުގެ ކެންޑިޑޭޓާއި ޕާޓީ ކެންޑިޑޭޓް ވަކިން ވާދަކުރަން ނެރެގެން ދާއިރާތައް މުއިއްޒު ރޫލާލަނީ ނޭނގިގެނެއް ނޫނެވެ. ޕީޕީއެމް ޕީއެންސީގެ ތެރެއިން ރައީސް ޔާމީނުގެ ވަފާތެރިން ތަކެއް ހޮވެދާނެތީއެވެ. ރައީސް ޔާމީނަށް ވަފާތެރިއަކު މަޖިލީހަށް ހޮވުމަށްވުރެ މަޖިލީހުގައި މުއިއްޒުގެ މެންބަރަކު ނެތުން ވެސް މުއިއްޒު މާ ހިތްހަމަ ޖެހެއެވެ. 
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ހޯދުމަށް ގިނަގުނަ މަސައްކަތް ކުރަމުން ދިޔަސް މަޖިލީހުގެ ކޮންޓްރޯލް މުއިއްޒަށް ލިބޭތަނެއް ނުފެނެއެވެ. އެހެން ކަމުން އެންޓި ޑިފެކްޝަން (ޕާޓީ ބަދަލު ނުކުރެވޭ) ގާނޫނަކާއެކު އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯ ލިބިއްޖެނަމަ ކަންކަން އާހިރަށް އަރާނެއެވެ. 
މިނިވަން މުއައްސަސާތައް ކުޑަކަކޫ ޖައްސާ ފަނޑިޔާރުން ހުރަގެއަށް ލާނެއެވެ. ނޫސްވެރިކަމުގައި ތަޅުއަޅުވާ ހިޔާލު ފަޅުކުރާ އަނގަތަކުގައި މަލަން އަޅާނެއެވެ. ވާދަވެރި ސިޔާސީ ލީޑަރުން ޖަލަށްލާ އިދިކޮޅު ސިޔާސީ ޕާޓީތައް ބޭން ކުރާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރުކަނޑުވާލާ ގާނޫނު އަސާސީ ކިހިލި ޖަހާލާނެއެވެ. މުއިއްޒުގެ ގޮށްމުށުގެ ވެރިކަން ހިންގާ ދޭނީ ސިފައިންނާއި ފުލުހްނެވެ. 
ހަމަތެދެކެވެ. ޑޮކްޓަރ މުއިއްޒު ސިފައިން ރުއްސާ ބާރުބެރި ކުރުވަން އެއުޅެނިއްޔަކީ ގައުމީ ސަލާމާތާ ރައްކާތެރި ކަމަށްޓަކައެއް ނޫނެވެ. ސިފައިންނަށް ތިމާގެ ހެޔޮކަމާއި މުގައްދަސްކަން ދައްކައިގެން ސިފައިންގެ ބާރުން ބާރު ހޯދައިގެން ގައުމު މުއިއްޒަށް އަޅުވެތިކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ