އަންނަ ރިޔާސީ އިންތިހާބުގައި، ޕީޕީއެމްގެ ފަރާތުން ވާދަކުރުމަށް ފޯމު ހުށަހެޅުއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި ނިންމުމަށް، ސުޕްރީމް ކޯޓުގައި ހިނގަމުން އަންނަ މައްސަލައަށް އެ ކޯޓުން އަންގައިގެން ތަދައްހުލް ވެފައިވާ އެޓާނީ ޖެނަރަލް (އޭޖީ)ގެ އޮފީހުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
ވީ ކިހިނެއް؟ - ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި އެ ހުކުމުގައި ހިމެނޭ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ނުދައްކާ އޮތުމުން، ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް ކަނޑައަޅައި އީސީން ވަނީ ޔާމީންގެ ކެންޑިޑެސީ ބަލައިނުގެންފަ އެވެ.
އީސީގެ ނިންމުން ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، މިއަދު ހަވީރު 4 އިން ފެށިގެން ކުރިއަށްދަނީ މި މައްސަލާގައި ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅައި ވާހަކަތަކަށް ރައްދުދިނުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުމެވެ.
ތަފްސީލް - އޭޖީގެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ، މި މައްސަލާގައި ބަންޑާރަ ނައިބުގެ ފަރާތުން ދެކޭ ގޮތަކީ، ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށެވެ.
ފާތިމަތު ހަލީމް ވިދާޅުވީ:
ޔާމީންގެ ފަރާތްޕުޅުން އުފައްދާ މައިގަނޑު ބަހުސަކީ، ކެންޑިޑޭޓެއްގެ ޝަރުތު އުނިވާ ސަބަބުތަކުގެ ތެރޭގައި، ގާނޫނުގައި ބުނާ 'ހުކުމެއް ކުރެވިފައިވާ' ބަހުގެ މާނަ އަކީ، އޭނާގެ މައްޗަށް ނިހާއީ ހުކުމެއް އޮންނަ މީހެއްގެ ވާހަކަ ކަމަށް ބުނެ އުފައްދާ ބަހުސް ކަމަށް
ދަށު ކޯޓުގެ ހުކުމަކީ އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު އޮތް ހުކުމެއް ކަމުގައިވާ ނަމަ، އެ ހާލަތުގައި އެ މާއްދާ މާނަ ކުރަން ޖެހޭނީ އެއީ ކުރިމަތިލެވޭނެ މީހެއްގެ ގޮތުގައި ކަމަށް
ފާތިމަތު ހަލީމް ވިދާޅުވީ، އެ މާއްދާ ޔާމީންގެ ފަރާތުން މާނަ ކުރަނީ ގޯސްކޮށް ކަމަށެވެ. ގާނޫނުއަސާސީ މާނަކުރުމުގައި އޮޅުން އަރާ ނަމަ، ދެން އޮންނަ ގޮތަކީ، އޭނާ ވިދާޅުވި ގޮތުގައި:
އޭގެ އަސްލު މާނައަށް ދިއުން
އެއީ، އެ މާއްދާއެއް ލިޔެފައިވާ ނިޔަތަށް ބެލުން
އީސީން ހަވާލާ ދޭ މާއްދާ ލިޔެފައިވާ ނިޔަތެއް ކަމަށް ބެލެވެނީ، ޖިނާއީ ބޮޑު ހުކުމެއް ކޮށްފައި ހުންނަ މީހަކަށް ރައީސްކަން ފަދަ ބޮޑު މަގާމެއްގައި ނުހުރެވޭ ގޮތް ހެދުން
ފާތިމަތު ހަލީމް ވިދާޅުވީ، ޖިނާއީ މައްސަލައެއްގައި ކުށް ސާބިތުވާ ކަމަށް ދަށު މަރުހަލާގެ ކޯޓަކުން އިއްވާފައިވާ ހުކުމެއް އިސްތިއުނާފު ކުރުމަކީ، އޭގެ ޒާތުގައި އެ މީހާގެ މައްޗަށް އިއްވާފައިވާ ހުކުމުގެ ބާރު ދަށް ވާނެ ހުކުމެއް ނޫން ކަމަށެވެ. އަދި އެ ހިސާބުން އެއީ ވުޖޫދުވެފައި ނުވާ ހުކުމެއް ކަމުގައި ބެލޭނެ ޖާގަ ނޯންނާނެ ކަމަށް މީގެ ކުރިން ޔާމީންގެ އެހެން މައްސަލައެއްގައި ވެސް ސުޕްރީމް ކޯޓުން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެނގުން މުހިންމު - ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގެ މައްސަލައިގައި އިއްވާފައިވާ އެ ހުކުމުގައިވާ ގޮތުން:
މީހެއްގެ މައްޗަށް ހުކުމެއް އިއްވުމުގެ ނަތީޖާ އަކީ، އެ ހުކުމް ތަންފީޒުކުރުމަށްޓަކައި އެ މީހެއްގެ މައްޗަށް ހިންގާ އިޖުރާއަތުތައް ހިންގުމުގައި އެ އިޖުރާއަތު ހިންގުމަށް ބޭނުންވާ މިންވަރަށް ގާނޫނުއަސާސީގައި ލިބިދީފައިވާ އަސާސީ ހައްގުތައް ހިފެހެއްޓިފައިވާ މީހެއް ކަމުގައި ބެލެވުން
މި ހާލަތުގައި، އެ މީހެއްގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމުގެ މަރުހަލާގައި އިތުރު އިޖުރާއާތެއް ހިނގާނީ ގާނޫނުގައި އެ އިޖުރާއަތެއް ބަޔާންވުމުން
އީީސީގެ ނިންމުން ރަނގަޅު ކަމަށް އޭޖީން ގަބޫލުކުރާ ސަބަބުތައް އިތުރަށް ތަފްސީލުކޮށްދެއްވުމަށް، އޭޖީގެ ފަރާތުން ދެން ވަކާލާތުކުރެއްވި ސްޓޭޓް އެޓާނީ ހައްވާ ސަނާ ވިދާޅުވީ، އެހެން ގައުމުތަކުގައި ޖިނާއީ ކުށެއް ސާބިތުވުމުން އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ހިފެހެއްޓޭކަން އެނގޭ ކަމަށެވެ.
"ބަންޑާރަ ނައިބުގެ ފަރާތުން އެދެނީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާ މާނަކޮށް އީސީގެ ފަރާތުން، މައްސަލަ ހުށަހަޅާ ފަރާތުގެ ކެންޑިޑެސީ ގަބޫލުނުކުރުމަށް ނިންމި ނިންމެވުން ބަދަކުރަން ޖެހޭ ނުވަތަ މައްސަލަ ހުށަހެޅި ފަރާތުން އަމުރު ކުރަން ޖެހޭ ގާނޫނީ އަދި ޝަރުއީ އަސާސެއް ނެތް ކަމަށް ކަނޑައަަޅައިދެއްވައި މި މައްސަލަ ނިންމަވައިދެއްވުން،" އޭނާ ވިދާޅުވި އެވެ.
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް ނިންމުމަށް އޭޖީން ސުޕްރީމް ކޯޓުގައި ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ