އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ރިޔާސީ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގައި ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުން ނިންމާލައިފިއެވެ.
ދޭތެރެދޭތެރެއިން ޝަރޫރީ ބްރޭކްތައް ނަގަމުން، މިއަދު 16:00 އިން ފެށިގެން މިރޭ 23:20 އާ ހަމައަށް ކުރިއަށްގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ މައްސަލަ ހުށަހަޅައި އެއަށް ޖަވާބުދާރީވުމުގެ ފުރުސަތު އަރުވައިފައެވެ.
ވަރަށް ތަފުސީލީ ގޮތެއްގައި ވާހަކަ ދެކެވުނު ޝަރީއަތުގެ ހުރިހާ އަޑުއެހުންތަކެއް މިރޭ ވަނީ ނިންމާލައިފައެވެ.
މިއާއެކު ދެން އޮންނާނީ މިމައްސަލައިގައި ނިޔާކަނޑައެޅުމުގެ މަޖިލީސް ކަމަށް ބެލެވެއެވެ.
ސުޕްރީމް ކޯޓުގައި މިޝަރީއަތުގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނު ވިދާޅުވީ، މައްސަލައިގައި ފަނޑިޔާރުން ބަހުސްކޮށް، މަޝްވަރާ ކުރާއިރު، ސާފުކުރަންޖެހޭ އިތުރު ކަމެއް ފާހަގަ ކުރެވިއްޖެނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
އެކަމަކު، ސާފުކުރަންޖެހޭ އިތުރު ކަމެއްނެތްނަމަ، ދެން އޮންނާނީ ޙުކުމްކުރުން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހުންގެ އެއް ޝަރުތުގެ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންވެފައިވަނީ ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.
ޕީޕީއެމްގެ ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އެއްވެސް ކޯޓަކުން ބާތިލުނުކޮށް ދެމިއޮތުމުން ގާނޫނުއަސާސީގައި ބަޔާންކުރާ އެ ޝަރުތު އުނިވެފައިވާކަމަށް ބުނެ އިލެކްޝަން ކޮމިޝަނުންވަނީ ޔާމީންގެ ކެންޑިޑެސީ ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ.
އެކަމަކު ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން ވިދާޅުވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ 11 އަހަރު ޖަލު ހުކުމުގެ އިސްތިއުނާފް ކުރިއަށްދާތީ އެއީ އަދި ނިހާއީ ހުކުމެއް ނޫން ކަމަށާއި އެހެންވެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.
އެހެންވެ، އެކަން ސާބިތުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށްގެންދިޔައީއެވެ.
ޝަރީއަތުގެ މަޖިލީހުގައި ޔާމީންގެ ފަރާތްޕުޅުން ވަނީ ކޮމިޝަންގެ ނިންމުން ބާތިލްކޮށް، އެމަނިކުފާނުގެ ޝަތުތު ފުރިހަމަވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.
އެނޫން ގޮތަކަށް ސުޕްރީމް ކޯޓުން މައްސަލަ ނިންމާނަމަ، ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރުމަށް ފުރުސަތު ފަހިކޮށްދިނުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްދޭން ވެސް ޔާމީންގެ ވަކީލުން އެދިވަޑައިގަތެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ އެންމެފަހު ސުންގަޑިއަކީ މި އޮގަސްޓްމަހުގެ 7 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލަށްލާފައި ވަނީ، ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ގަބޫލުކުރައްވައި އަދި އެފައިސާ ލޯންޑާ ކުރެއްވިކަމުގެ ކުށް ސާބިތުވެ، 11 އަހަރުގެ މުއްދަތަކަށެވެ.
މިހުކުމް އިއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
އެ ހުކުމް އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވީ ނަމަވެސް، މިމައްސަލަ ހައިކޯޓުގައި ވަނީ މަޑުޖެހިފައެވެ.
އެކިފަހަރު މަތިން މިމައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ބާއްވަން މަސައްކަތްކުރި ނަމަވެސް، ތަފާތު ސަބަބުތަކާ ހެދި އަޑުއެހުންތައް ވަނީ ކެންސަލްކޮސްފައެވެ.
ހުކުމުގެ އިސްތިއުނާފު މިވަގުތު މަޑުޖެހިފައިވަނީ މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުންނެވެ. އެ މައްސަލާގައި ހަތަރު އަޑުއެހުމެއް ބޭއްވުމަށްފަހު ދެން އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.
މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށްދިން މައްސަލާގައިވެސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލުހުކުމެއް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު އިއްވިއެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުން ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ