ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރެއްވި 3 ކެނޑިޑޭޓުން ޖޫރިމަނާކޮށްފި

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރެއްވި 3 ކެނޑިޑޭޓުން އިލެކްޝަން ކޮމިޝަން (އީސީ) އިން ޖޫރިމަނާ ކޮށްފިއެވެ.
މި ތިން ކެންޑިޑޭޓުން ޖޫރިމަނާ ކޮށްފައިމިވަނީ، ކެންޑިޑޭޓުންގެ ފަރާތުން ހުށަހަޅާފައިވާ މާލީ ބަޔާންތަކަކީ، އިންތިހާބުތަކާބެހޭ ޢާންމު ގާނޫނު ގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުށަހަޅާފައިވާ މާލީ ބަޔާނަކަށް ނުވާތީކަމަށް އީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ހަމަ އެގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ގައި ވާދަކުރެއްވި 3 ކެންޑިޑޭޓުންނާއި ، ކެންޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުން ވެސް 6000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް، އީސީން ވަނީ ނިންމާފައެވެ. އަދި މިފައިސާ މި ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދެއްކުމަށް ވެސް ކެންޑިޑޭޓުންނަށް ވަނީ އަންގާފައެވެ.
‏މީގެ އިތުރުން މާލީ ބަޔާނުގައި ގާނޫނު ލާޒިމްކުރާ މިންވަރަށް ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަ ނުވާނަމަ، ކުރިޔަށް ހުރި އިންތިޚާބުތަކުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާ މެދު ވެސް މިފަދައިން ޢަމަލުކުރާނެކަމަށް ކޮމިޝަނުން ވަނީ އަންގާފައެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެއް ބާއްވާފައި ވަނީ އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަވުމުންނެވެ.
އަދި މި އިންތިހާބު 1346 ވޯޓާއިއެކު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ