ޖޭޕީއާ އެކު ކޯލިޝަން ނުހަދާން ޔާމީން އަންގަވައިފި
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއްގައި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް އެ ޕާޓީއާ އެކު މަޝްވަރާ ނުކުރާން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަށް އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަންގަވައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ކަށަވަރު ނުކުރެވި އިންތިޚާބު ވަނީ ދެވަނަ ބުރަކަށް ގޮސްފައެވެ. އެހެންވެ، އެ ކަމުގެ އުފާ ފާޅުކުރަން ރޭ ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ފުރަތަމަ ބުރުން ނާކާމިޔާބުވީ ހަ ކެންޑިޑޭޓުންނަށް ވެސް ކޯލިޝަން ހެދުމަށް ދައުވަތު އަރުވައިފައެވެ. އެކަމަކު، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ 11 އަހަރަށް ޖަލަށްލާފައިވާ ޔާމީން ޖަލުން ފޮނުއްވި ނޯޓެއްގައި ވަނީ ޖޭޕީއާ އެކު މަޝްވަރާ ނުކުރާން އެދިލައްވައިފައެވެ. ޕީޕީއެމްގެ އިސް އޮފިޝަލަކު ވަނީ އެކަން "ސަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ. "ޖޭޕީއާ އެއްކޮށް މަޝްވަރާ ނުކުރާން އެކަނި އެންގީ،" އެ އޮފިޝަލް ވިދާޅުވިއެވެ. https://sun.mv/181863 އަށް ކެންޑިޑޭޓުން ވާދަކުރި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދަވާފައިވަނީ ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އެ ކޯލިޝަނުން ނެރުނު ކެންޑިޑޭޓު ޑރ. މުއިއްޒެވެ. އޭނާއަށް ޖުމުލަ 101،613 ލިބިލެއްވިއެވެ. އެއީ، 46.06 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ. އެ މަނިކުފާނަށް 86،151 ވޯޓު ލިބިވަޑައިގެންއިރު އެއީ 39.05 އިންސައްތައެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އެމްޑީޕީން ނުކުތް މެންބަރުން އުފެއްދި ޑިމޮކްރެޓްސް އިންނެވެ. ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ހޯދީ އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ޖޭޕީއަށް ލިބުނީ ފަސްވަނައެވެ. https://sun.mv/181874 ޖުމުލަ 23،000އަށް ވުރެ ގިނަ މެންބަރުން ތިބި ޖޭޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 5،460 ވޯޓެވެ. އެއީ، 2.4 އިންސައްތައެވެ. މިއީ ކުރިން ޖޭޕީން ވާދަކުރި ދެ ރިޔާސީ އިންތިޚާބާ އަޅާބަލާއިރު ދަށް އަދަދެކެވެ. އެގޮތުން، ފުރަތަމަ 2008 ވަނަ އަހަރު ޖޭޕީން 27،057 ވޯޓު ހޯދިއެވެ. އެއީ، 15.32 އިންސައްތައެވެ. އޭގެ ފަހުން 2013 ވަނަ އަހަރު 48،131 ވޯޓު ހޯއްދެވިއެވެ. އެއީ، 23.34 އިންސައްތައެވެ. އެ ފަހަރު ޕީޕީއެމުން ވާދަކުރެއްވި ޔާމީން ދެވަނަ ބުރަކަށް ދިޔައީ ކުޑަކުޑަ ތަފާތަކުން ޖޭޕީ ބަލިކޮށްފައެވެ. މިދިޔަ އިންތިޚާބުތަކުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި ޖޭޕީ، ދެވަނަ ބުރެއްގައި ކޯލިޝަން ހެދުމުގައި އިސް ދައުރެއް އަދާ ކުރެއެވެ. އެކަމަކު، މި ފަހަރު ލިބުނު ދަށް ނަތީޖާއާ އެކު ދެވަނަ ބުރެއްގައި ކޯލިޝަން ހަދަން ޕާޓީތަކުން އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަށް ބެލެވެނީ ޑިމޮކްރެޓްސްއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ