ފްލެޓް ލިސްޓު އިއުލާން ކުރުމުން މަކަރުން ފައިސާ ހޯދާ މީހުން އިތުރުވެދާނެ ކަމަށް ސަމާލުވޭ!

ސަރުކާރުން މިހާރު އިއުލާނުކޮށްފައިވާ “ގެދޮރުވެރިޔާގެ ހައުސިން ސްކީމް” ގެ ދަށުން ފްލެޓް ލިބިފައިވާ މީހުންގެ ލިސްޓާ ގުޅިގެން ހީލަތްތެރިންގެ މަކަރާއި އޮޅުވާލުން އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ އެކަމަށް ސަމާލުވެ ތިބުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނީ، އެކި ދުވަސްވަރާ ދިމާކޮށް ފްލެޓް ލިބިފައިވާ ކަމަށް ބުނެ ފޯނަށް ގުޅައިގެންނާއި މެސެޖް ނުވަތަ އީމެއިލް ކޮށްގެން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދާ މައްސަލަތަކަކީ އެ ހިދުމަތަށް ހުށަހެޅެމުންދާ މައްސަލަތަކުގައި ހިމެނޭ ބާވަތެއް ކަމަށެވެ. ދާދީ ފަހުން ގެދޮރުވެރިންގެ ހައުސިން ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވާ އިރު، އެފަދަ ސްކޭމް ޖައްސާ ފަރާތްތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުނެއެވެ.
އެހެންކަމުން އެފަދަ ފަރާތްތަކުގެ ކިބައިން ސަލާމަތްވުމަށްޓަކައި ސައްހަ މައުލޫމާތު ހޯދައި، އެމީހުން ބޭނުން ކުރާ އުކުޅުތަކާ ގުޅޭ މައުލޫމާތު އެއްކޮށް، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތައް ދެނެގަތުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅޭނެ އެންމެ މުހިންމު ފިިޔަވަޅު ކަމަށް ފުލުހުން ބުނެއެވެ.
ހައުސިން ސްކީމްތަކާ ގުޅިގެން ދޫކުރާ ފްލެޓްތަކާ ގުޅިގެން މީގެ ކުރިންވެސް ސްކޭމްތައް ވަނީ ހިންގާފައެވެ. އެގޮތުން ފްލެޓެއް ލިބިފައިވާ ކަމަށާއި، ފްލެޓަށް ފައިސާ ދެއްކުމަށް އެދި ފޭކް ލިންކުތަކެއް ވަނީ އާބަންކޯގެ ނަމުގައި ބައެއް މީހުންނަށް ފޮނުވާފައިވާ މައްސަލަތައް ފެންމަތިވެފައެވެ.
އާބަންކޯގެ ނަމުގައި ސްކޭމްއެއް ހިންގާތީ މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސްއިން ވެސް ވަނީ ސަމާލުވާން އެދިފައެވެ. މީގެ ކުރިންވެސް އާބަންކޯގެ ނަމުގައި ސްކޭމް ކޯލްތައްކޮށް އެތައް ބައެއްގެ އަތުން ވަނީ އޮޅުވާލައިގެން ފައިސާ ހޯދާފައެވެ. އެގޮތުން ބަލާއިރު އާބަންކޯގެ ނަމުގައި ފޯނުކޯލު މެދުވެރިކޮށް ކަސްޓަމަރެއްގެ އަތުން އޮޅުވާލައިގެން އޯޓީޕީ ހޯދައިގެން 70،000 އަށްވުރެ ގިނަ އަދަދެއްގެ ރުފިޔާގެ މުއާމަލާތްކޮށްފައިވާ ކަމުގެ ޝަކުވާ ބޭންކަށް ލިބިފައިވާ ކަމަށް ބުނެފައި ވެއެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ބޭންކުގެ އިތުރުން ފުލުހުން ވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ