ހުޅުމާލޭ ފޭސް 2 ގައި އަޅަމުން އަންނަ އާ ސްކޫލްގެ ނަމަކަށް "ޝަހީދު ޢަލީ ސްކޫލު"

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ޢިމާރާތްކުރަމުން ދާ އާ ސްކޫލަށް "ޝަހީދު ޢަލީ ސްކޫލް"ގެ ނަމުން ނަންދީފިއެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން ދިން މަޢުލޫމާތުތަކަށް ބަލާއިރު، މި ސްކޫލަކީ ހުޅުމާލޭގެ ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށް، ގިނަ ދަރިވަރުންނަށް ގެއާ ކައިރި ސްކޫލަކުން ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކުރެވުމުން އަންނަ މުހިންމު މަސައްކަތެކެވެ.
މި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ސަރުކާރުގެ އެންމެ ފުރަތަމަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު އަކީ ތަޢުލީމީ ބިނާއެއް ކަމުގައި ހެދުމަށްޓަކައި ބިންގާ އެޅުނު މި ސްކޫލަކީ 1500 އެއްހާ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.
މި ސްކޫލުގައި އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް ވެސް ތަރައްގީކުރާނެއެވެ.
ތައުލީމާ ބެހޭ ވުޒާރާއިން ބުނީ މި ސްކޫލަށް މި ނަން ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ. ރައީސް މި ސްކޫލަށް "ޝަހީދު ޢަލީ ސްކޫލު"ގެ ނަން ދެއްވާފައި ވަނީ މީލާދީން 1557 ން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ސުލްޠާން ޢަލީ (ހަވަނަ) – ޢަލީ ރަސްގެފާނަށް ނިސްބަތްކޮށެވެ. ޢަލީ ރަސްގެފާނަކީ އީމާންތެރިކަން ވަރުގަދަ، ހިތްޕުޅުގައި ޤައުމީ ލޯބި ފުން އަދި ހިތްވަރުގަދަ ބޭފުޅެކެވެ. އަދި ދައުލަތަށް ވަފާތެރި، ދިވެހިރައްޔިތުންނާ މެދު ހިތްޕުޅުގައި ކުލުނާއި އިޚްލާޞްތެރިކަން ބެހެއްޓެވި ބޭފުޅެކެވެ.
ޢަލީ ރަސްގެފާނުގެ ނަންފުޅު ތާރީޚުގައި ފަވާލެވިފައިވަނީ ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި މަތިވެރި ޖިހާދު އަދި ވަޠަނަށްޓަކައި ގުރުބާންވެ ވަޑައިގަތް އަގުމާތް ދިވެހި ދަރިއެއް ގޮތުގައެވެ.
މި ސްކޫލު ޢިމާރާތްކުރުމުގެ މަސައްކަތް ނިމި، ދަރިވަރުންނަށް ތަޢުލީމު ދިނުމަށް ތައްޔާރުވުމުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ ކުދިންނަށް ތަޢުލީމު ޙާޞިލުކުރުމަށް ދިމާވެފައިވާ ގިނަ ދަތިތަކަށް ޙައްލު ލިބިގެންދާނެކަމަށް ބެލެވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ