ފަހު މެޗުގައި ޔޫއޭއީ އަށް ރާއްޖެ އަތުން ބޮޑު ކާމިޔާބެއް ފަހު މެޗުގައި ޔޫއޭއީ އަށް ރާއްޖެ އަތުން ބޮޑު ކާމިޔާބެއް

އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅުނު ފަހު މެޗުގައި މިއަދު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަތުން 5-0 އިން ބަލިވެއްޖެ އެވެ.
ވިއެޓްނާމްގައި ކުޅުނު މެޗުތަކުގައި، ރާއްޖޭން ފުރަތަމަ މެޗުގައި، އަންހެން ފުޓްބޯޅައިގެ މަތީ ފަންތީގެ ގައުމެއްގެ ގޮތުގައި ގުނާ ވިއެޓްނާމް އަތުން ބަލިވީ 7-0 އިންނެވެ. މިއީ، މީގެ ތިން އަހަރު ކުރިން، ރާއްޖެ 16-0 އިން ބަލިވި ޓީމެއް ކަމުގައި ވުމުން އެ މެޗުގެ ނަތީޖާ އަކީ ކުރިއެރުމެކެވެ. ދެ ވަނަ މެޗުގައި، ރާއްޖޭން ގުއާމާ ދެކޮޅަށް އަންހެން ފުޓްބޯޅައިގައި ފުރަތަމަ ފަހަރަށް ނުކުމެ، ބަލިވީ 3-0 އިންނެވެ.
މިއަދު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި، ޔޫއޭއީގެ ފާތިމަތު އަފްޒްރާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މިއީ، މި ފަހަރުގެ މުބާރާތުގައި ރާއްޖެ ކޮޅަށް ހެދި ދެ ވަނަ ހެޓްރިކް އެވެ. ފުރަތަމަ ހެޓްރިކް ހެދީ ގުއާމްގެ ފޯވާޑް، ރެބެކާ ބާޓޯޝް އެވެ.
ރާއްޖެ އާއި ޔޫއޭއީ އިން ވާދަކުރި މެޗުގެ ތެރެއިން.---- ފޮޓޯ: އޭއެފްސީ
އަފްޒްރާ ހެޓްރިކް ހެދިއިރު، ފުރަަތަމަ ލަނޑު ޖެހީ އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ. އޭނާ ދެން ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ ކޯނަރުން ތަނަވަސްވި ފުރުސަތުތަކުންނެވެ. ދެން ލަނޑުތައް ޖެހީ ފާތިމާ ޖަސެމް އާއި މައިތާ އަލްހަމްޒީ އެވެ.
މި މެޗުގައި ރާއްޖޭން އެންމެ ރަނގަޅު އެޓޭކެއް ކުރެވޭތޯ ބެލި، މަރިޔަމް ނޫރާ އެ ޓީމުގެ، ފާތިމަތު ފަޒްލާ އަށް ދޭން ފޮނުވާލި ބޯޅަ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވެ، އެ ފުރުސަތުގެ ބޭނުން ރަނގަޅަށް ނުހިފުނެވެ.
ރާއްޖެ ހިމެނޭ ގްރޫޕުން އަންނަ އަހަރު އޮސްޓްރޭލިއާގައި ކުޅޭ އޭޝިއަން ކަޕަށް ކޮލިފައިވީ ކުޅުނު ތިން މެޗުން ވެސް މޮޅުވި ވިއެޓްނާމް އެވެ. އެންމެ ފަހުން އޮތް އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅުނު ވިއެޓްނާމް އިން ގްރޫޕްގެ ފަހު މެޗުގައި ގުއާމް ބަލިކުރީ 4-0 އިންނެވެ. ރާއްޖެ އަތުން ބޮޑު މޮޅެއް ހޯދިއިރު، ޔޫއޭއީ ބަލިކުރީ 6-0 އިންނެވެ.
ޔޫއޭއީއާ ދެކޮޅަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.--- ފޮޓޯ: އޭއެފްސީ
މިއީ ގައުމީ އަންހެން ފުޓްބޯޅަ ޓީމާ އަލުން ހަވާލުވި ކޯޗު، މުހައްމަދު އާތިފް (އާތީ) މި ފަހަރު ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުތަކެވެ. މީގެ ކުރިން، އޭނާ ހުރިއިރު ގައުމީ އަންހެން ޓީމުން ރަނގަޅު ކުރިއެރުންތަކެއް ހޯދި އެވެ. އެންމެ ފަހުން އާތީ ގައުމީ އަންހެން ޓީމުގައި ހުރީ 2019 ވަނަ އަހަރު އެވެ. އާތީގެ ކޯޗުކަމުގައި އޭޝިއަން ގޭމްސްގައި ގައުމީ އަންހެން ޓީމުން ނަތީޖާތަށް ރަނގަޅުކުރިއިރު، ސިންގަޕޫރުގައި ބޭއްވި ކުއަޑްރަންގިއުލާ މުބާރާތުގެ ތިން ވަނަ ހޯދި އެވެ. މި ފަހަރު ގައުމީ ޓީމާ އެކު، ދޮޅު މަސް ޕްރެކްޓިސްކުރުމަށް ފަހު އާތީ ޖުމްލަކޮށް ރަނގަޅު މަސައްކަތްތަކެއް މި ވަނީ ކޮށްފަ އެވެ.
ރާއްޖޭގައި، އެންމެ ފަހުން، އެފްއޭއެމް އިން ކްލަބްތަކަށް ހާއްސަކޮށްގެން، ބޮޑު ފުޓްބޯޅަ މުބާރާތެއް 2014 ވަނަ އަހަރު ބޭއްވިއިރު، އެ ފަހުން، އަމިއްލަ ގައުމުގައި މުބާރާތެއް ނުކުޅެ، ސީދާ އިންޓަނޭޝަނަލް މެޗުތަކަށް ގޮސް ނަތީޖާ ނެރެން ހުރި ގޮންޖެހުންތަކުގެ ވާހަކަ އަބަދުވެސް ކުޅުންތެރިން ފާހަގަކުރެ އެވެ. އެންމެ ފަހުން، އެފްއޭއެމް އިން ފާސްކުރި އަސާސީ ގަވާއިދުގައިވަނީ، އެފްއޭއެމްގެ ހިންގާ ގަވާއިދަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެތެރޭގައި އަލަށް ހޮވޭ ހިންގާ ކޮމިޓީން އަންހެނުންގެ ފުޓްބޯޅަ މުބާރާތެއްގެ އޮނިގަނޑެއް އެކުލަވާލައި ކޮންގްރެސް އަށް ހުށަހެޅުން ހިމަނައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ