'ޔާމީންގެ އެޕާޓްމަންޓް ބަލާފާސްކޮށްފި، ކުށުގެ ޢަމަލެއްގެ ނިޝާނެއްނެތް، އޭނާ ރާއްޖެއިން ބޭރަށް ފުރާފައެއްވެސްނުވޭ: ފުލުހުން

މާލެއިން ގެއްލިގެން ހޯދަމުން އަންނަ މާލެ، ގ.ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) ހޯދުމުގެ މަސައްކަތުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްއަޅައި ތަހުގީގް ފުޅާކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ޙަސަން ޔާމީން ގެއްލިފައިވަނީ 2025 ޖުލައި 11 ވަނަ ދުވަހުގެ 21:25 އެހައިކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެގެންނެވެ.
އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2025 ޖުލައި 14 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރުއެވެ. މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ޙަސަން ޔާމީން ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މިގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ރިޕޯޓް ލިބުމާއެކު ގެއްލިގެން ހުށަހަޅާ މީހުންގެ މައުލޫމާތު ފޯމު ފުރިހަމަކޮށް، ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅުން ހުރި ބަހާތަކާއި އެހެނިހެން މުއައްސަސާތަކަށް ވެސް އެ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި ތަހުގީގުގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ޔާމީން ޤައުމުން ބޭރަށް ފުރާފައިނުވާކަން ކަށަވަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް މެދުނުކެނޑި ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
ޔާމީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ