އަޖޭގެ ފިލްމު 'ސަން އޮފް ސަރުދާރު 2'ގެ ޓްރެއިލާ ދައްކާލައިފި

މި މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ އަޖޭގެ ހެއްވާ މަޖާ ފިލްމު "ސަން އޮފް ސަރުދާރު 2"ގެ ޓްރެއިލާ ދައްކާލައިފިއެވެ. މި ފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފައި ވަނީ އިންޑިއާގެ މުމްބާއީގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މިއީ 2012 ވަނަ އަހަރު އަޖޭ ލީޑް ރޯލް ކުޅުނު ފިލްމު "ސަން އޮފް ސަރުދާރު"ގެ ސީކުއަލްއެކެވެ. ބޮޑު ކާސްޓެއް ހިމެނޭ މި ސީކުއަލްއިން ފުރަތަމަ ފިލްމުގައި ފެނުނު ބައެއް ތަރިން ނުފެންނާނެއެވެ. އޭގެ ތެރޭގައި ސަންޖޭ ދަތު، ބަތަލާ ސޮނާލީ ސިންހާ އަދި ޖޫހީ ޗާވްލާ ހިމެނެއެވެ. ފިލްމު "ސަން އޮފް ސަރުދާރު 2"ގެ ބަތަލާގެ ރޯލުން މި ފަހަރު ފެންނާނީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ މްރޫނަލް ތާކުރުއެވެ. ފިލްމު 'ސަން އޮފް ސަރުދާރު 2'ގެ މުހިއްމު ތަރިން ކަމަށްވާ އަޖޭ ދޭވްގަން، މްރޫނާލް ތާކުރު އަދި ރަވީ ކިޝަން--ފޮޓޯ/ކޮއިމޮއި އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ މީހެއްގެ ރޯލުން އަޖޭ ފެންނާނެ "ސަން އޮފް ސަރުދާރު 2"އަކީ ފުރަތަމަ ފިލްމަށް ވުރެ ވެސް މާ ފޯރިގަދަ ހެއްވާ މަޖާ ހާދިސާތަކެއް އެކުލެވޭ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުރަތަމަ ފިލްމުގައި ގެނެސްދިނީ އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ އާއިލާއެއްގެ ރުހުން ހޯދުމަށް އަޖޭ ކުރާ މަސައްކަތްތަކާ އެކު ދިމާވާ ހެއްވާ މަޖާ ހާދިސާތަކެވެ. ނަމަވެސް "ސަން އޮފް ސަރުދާރު 2"ގެ ވާހަކަ ބިނާކޮށްފައި ވަނީ ސްކޮޓްލޭންޑްގައި ހިނގާ ހާދިސާތަކެއްގެ މައްޗަށެވެ. އަޖޭގެ އަމިއްލަ ފިލްމު ކުންފުނި ދޭވްގަން ފިލްމްސް އަދި ޖިއޯ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ މި ފިލްމުން ފެންނާނެ އިތުރު ތަރިންގެތެރޭ ރަވިން ކިޝަން، ސަންޖޭ މިޝްރާ، ޗަންކީ ޕާންޑޭ، ނީރޫ ބާޖްވާ އަދި ދާދިފަހުން މަރުވި އެކްޓަރު މުކުލް ދޭވް ހިމެނެއެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ