ސަރުކާރުގެ ފަރާތުން ބަންޑާރަނައިބުގެ އޮފީހުން ޑްރާފްޓުކޮށް ފޮނުވި ނަމަވެސް ވަކި މީހަކަށްޓަކައި ފަރުމާކޮށްދޭ ކޯޓެއްގެ ގޮތުގައި ގާނޫނުތައް ނުހަދަން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މަޖިލިސް މެންބަރު، ހުސެއިން ޝަރީފް ގޮވާލައްވައިފި އެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅައި ބަހުސް ކުރަމުންދާ، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، އެންމެ އަހަރަކު ފަނޑިޔާރުކަން ކުރުމަށްފަހު ރިޓަޔާ ކުރާ ފަނޑިޔާރުންނަށް ވެސް ރިޓަޔާމެންޓުގެ ފައިސާ ލިބޭ ގޮތަށް އޮތުމުން އެކަމާ ދެކޮޅު ހައްދަވައި، ވާހަކަދައްކަވަމުން ހުސެއިން ވަނީ މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން ވެސް އަދި އެއްކޮޅު މެންބަރުން ވެސް އިންސާފާއި ހަމަހަމަކަމަށް ލޯބި ކުރުމަށް ގޮވާލައްވައިފަ އެވެ.
"ވަކި މީހަކަށްޓަކައި ފަރުމާ ކޮށްލެވޭ ނުވަތަ ލެވޭ ކޯޓެއްގެ ގޮތުގައި ގާނޫނުތައް ނުހަދަން، ވަކި މީހަކަށް އިނާޔަތް ދިނުމަށްޓަކައި ވަކި ގޮތަކަށް ކަންކަން ކަނޑަނާޅަން، އަޅުގަނޑުމެން ހިނގާށޭ މި އިއްޒަތްތެރި މަޖިލީހަށް އެޓާނީ ޖެނެރަލް، އޭޖީ ފޮނުވިކަމުގައި ވީނަމަވެސް 75،000ރ. 100،000ރ. ޖަހާފައި ފޮނުވިޔަސް އަޅުގަނޑުމެން ހިނގާށޭ މި އިއްޒަތްތެރި މަޖިލީހުން ފޮނުވާ ނިންމުންތަކަކީ ރައްޔިތުންގެ މެދުގައި ރައްޔިތުންނަށް ބަލައިގަނެވޭ [ނިންމުންތަކަކަށް ހަދަން]،" ހުސެއިން ވިދާޅުވި އެވެ.
މަޖިލީހަށް މިހާރު ހުށަހަޅައި ބަހުސް ކުރަމުންދާ ބިލުގައި ހިމަނާފައިވާ އެއް އިސްލާހުގައި ވަނީ ރިޓަޔާ ކުރުމުން އިނާޔަތް ލިބޭ ގޮތަށް ފަނޑިޔާރުކަމުން ކޮންމެ ފަނޑިޔާރަކަށް ވެސް އަމިއްލައަށް ވަކިވެވޭ ގޮތަށް ހިމަނައިފަ އެވެ. މީގެ ކުރިން އެ މާއްދާ އޮންނަ ގޮތުން ރިޓަޔާ ކުރުމުން އިނާޔަތް ލިބޭ ގޮތަށް ފަނޑިޔާރުކަމުން ރިޓަޔާ ވެވެނީ ފަނޑިޔާރެއްގެ އުމުރުން 55 އަހަރުވުމުންނެވެ.
ހުސެއިން ވިދާޅުވީ ދިވެހި ގައުމަށް އެތައް އަހަރެއް ވަންދެން ހިދުމަތް ކޮށްދޭ އާންމު ރައްޔިތު މީހާއަށް ރިޓަޔާމެންޓުގެ ގޮތުގައި ލިބެނީ ކުޑަ އުޖޫރައެއް ކަމަށެވެ. އަދި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން ރައީސްކަން ކުރައްވާ ބޭފުޅުން އަދާ ކުރައްވާ ކުރު މުއްދަތުގެ ހިދުމަތަށް ބޮޑެތި އިނާޔަތްތައް ދިނުމަކީ އިންސާފު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މިސާލު ދައްކަވަމުން ހުސެއިން ވިދާޅުވީ ދައުލަތަށް ގިނަ މުއްދަތަށް ހިދުމަތް ކޮށްދޭ އާންމު ރައްޔިތު މީހާ ރިޓަޔާ ކުރުމުން ލިބެނީ ދިހަހާހެއްހައި ރުފިޔާ ކަމަށެވެ. ނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި އޮތް ގޮތުން އެންމެ އަހަރަކު ފަނޑިޔާރުކަން ކުރާ މީހާ ވެސް ރިޓަޔާ ކޮށްފިނަމަ ރިޓަޔާމެންޓުގެ ގޮތުގައި ބޮޑު އިނާޔަތެއް ލިބޭނެ މަގުފަހިވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މި އިއްޒަތްތެރި މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ވަރަސް ސީރިއަސްކޮށް ވިސްނާފައި އަޅުގަނޑުމެން ވަކި ފަރާތަކުން އަންނަ ބިލަކަށް ނުބަލައި އަޅުގަނޑުމެންގެ ގައުމީ މަސްލަހަތަށް ވިސްނާފައި އަޅުގަނޑުމެންގެ ރައްޔިތުންނަށް އަދުލުވެރިކަމާއެކުގައި ހަމަހަމަކަމަ އުސޫލަކުން ކަންކަން ލިބޭ ގޮތަށް ބައިންދަންވީ،" ހުސެއިން ވިދާޅުވި އެވެ.
ބަންޑާރަނައިބު ފޮނުވި ނަމަވެސް ވަކި މީހަކަށް ފަހައިދޭ ކޯޓެއް ގޮތަށް ގާނޫނު ނުހަދަން ހުސެއިން ޝަރީފް ގޮވާލައްވައިފި ބަންޑާރަނައިބު ފޮނުވި ނަމަވެސް ވަކި މީހަކަށް ފަހައިދޭ ކޯޓެއް ގޮތަށް ގާނޫނު ނުހަދަން ހުސެއިން ޝަރީފް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ