ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިއަދު ހުރީ 20.05ރ. ގައި، ސަރުކާރު ހަނު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިއަދު ހުރީ 20.05ރ. ގައި، ސަރުކާރު ހަނު

ޓޫރިޒަމްގެ އޮފް ސީޒަނަށް ވުމުން ޑޮލަރު ލިބޭލެއް މަދުވުމުންނާއި ޑޮލަރު މާރުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރު ތަދުވެ، ކަޅު ބާޒާރުގައި އުފުލެމުންދާ ޑޮލަރުގެ އަގު 20.05ރ. އަށް އަރައިފި އެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ ބައެއް ފަރާތްތަކުން މިއަދު މައުލޫމާތު ދިން ގޮތުގައި މިހާރު ޑޮލަރެއް ވިއްކަމުން ދަނީ 20.05ރ. އަށެވެ. މީގެ ފަސް ދުވަސް ކުރިން ޑޮލަރެއްގެ އަގު ހުރީ 20ރ. ގަ އެވެ.
ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ރޭޓުތައް ފެންނަ "ކަރަންސީ އެކްސްޗޭންޖު އެމްވީ" ގްރޫޕުގައި މިއަދު ހުރި ރޭޓުތަކަށް ބަލާއިރު ވެސް، އެންމެ ކުޑަ ރޭޓެއްގައި ޑޮލަރެއް ގަންނަަން ލިބެނީ 19.90ރ. އަށެވެ. ޑޮލަރު ވިއްކަން ޖަހާފައި ހުރި ގިނަ މީހުން ޖަހާފައި ހުރީ 20.05ރ. އަށެވެ.
މިއީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރަށް ފަހު ޑޮލަރެެއްގެ އަގު މިހާ މަތިވީ ފުރަތަމަ ފަހަރެވެ. އަދި މިއީ އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޑޮލަރުގެ އަގު ނުވެއްޓި މިހާ މަތީގައި ހުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ހިފެހެއްޓުމެއްނެތި ޑޮލަރުގެ އަގު މަތިވަމުންދާއިރު، ސަރުކާރުން އަދި މަރުކަޒީ ބޭންކުން ވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
ހާއްސަކޮށް، މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އަދި މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ބަހެއް ވިދާޅުވެފައެއް ނުވެ އެވެ.
ޑޮލަރުގެ ތާށިކަން އިންތިހާއަށް ގޮސްފައިވާއިރު މުނައްވަރު ފިލައިގެން އުޅޭތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް މިއަދު ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.
މިއަދު މަޖިލީހުގައި ކުރިއަށްދަނީ "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނު" ގެ ބިލުގެ ބަހުސް އެވެ. އެ ބަހުސްގެ ތެރެއިން ބައެއް މެންބަރުން ވަނީ ރާއްޖޭގެ މިވަގުތު އޮތް އިގުތިސޯދީ ހާލަަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ޑޮލަރުގެ އަގު އަޅުގަނޑުމެން ހީނުކުރާ ހިސާބަށް މައްޗަށް އަރައިފި. ހުވަފެނަކުން ނުދެކޭ މިންވަރަށް މައްޗަށް އަރައިފި. އަދިވެސް ދަނީ މައްޗަށް،" ކެންދޫ ދާއިރާގެ މެންބަރު މައުރޫޒް ޒާކިރު (މަޓޭ) ވިދާޅުވި އެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހޭ ކަމަށާއި ގައުމުގެ މާލީ ހާލަތު މިހާ ދަށްވެގެން ދާއިރު ވެސް ބަހެއް ވިދާޅުނުވާ ކަމަށް މަޓޭ ވިދާޅުވި އެވެ. އޭނާ ވަނީ އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރު ކުރުމަށް އެމްޑީޕީއަށް ނިސްބަތްވާ މަޓޭ ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ