ކުރީގެ ވެރިންނަށް ކްރެޑިޓް އެބަ އޮތް؛ އެކަމަކު ޓާމިނަލަށް އިސްކަން ދިނީ މި ސަރުކާރުން: ރައީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓަމިނަލްގެ މަސައްކަތް ކުރި ކޮންމެ ސަރުކާރަކަށް ވެސް އެ ސަރުކާރަކުން ކުރި މަސައްކަތުގެ ކްރެޑިޓް އޮންނާނެ ކަމަށާއި ނަމަވެސް ޓާމިނަލް ހުޅުވައި އޭގެ ފައިދާ އިގުތިސޯދަށް ހޯދުމަށް މި ސަރުކާރުން އިސްކަން ދިން ވަރު ފެންނަން އޮންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ ފުރިހަމަ ކްރެޑިޓް ދޭންވީ ވެރިއެއްގެ ބަހުސް ވަރަށް ބޮޑެވެ. އެއީ:
މި މަސައްކަތް ފެއްޓެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި؛ އޭރު ރައީސް މުއިއްޒަކީ ހައުސިން މިނިސްޓަރު
ޓާމިނަލްގެ ގިނަ މަސައްކަތްތަކެއް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ
ރައީސް މުއިއްޒުގެ މި ސަރުކާރުގައި ވަރަށް ގިނަ މަސައްކަތްތައް ނިންމައި މި މަހު 26ގައި އާ ޓާމިނަލް ހުޅުވަން ވަނީ ތައްޔާރުވެފައި
އާ ޓާމިނަލްގެ ކްރެޑިޓް ހައްގުވާ ވެރިއަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ހިނގަމުންދާ ބަހުސާ ގުޅޭ ގޮތުން، ރައީސް އޮފީހުން ހިންގާ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގައި ހުށަހެޅުންތެރިޔާ އަހުމަދު ޝަކީބް ރައީސް މުއިއްޒުއާ ސުވާލުކުރެއްވި އެވެ.
ތަފްސީލް - އެ ސުވާލުގެ ޖަވާބުގައި ރައީސް ފުރަތަމަ ވެސް ވިދާޅުވީ އެއީ ވަރަށް ބޭކާރު، ބޭނުމެއް ނެތް ބަހުސެއް ކަމަށެވެ. ރާއްޖޭގެ މައި ދޮރޯށީގެ ގޮތުގައި ބަލާ ހުޅުލޭ އެއާޕޯޓު ތަރައްގީކުރަން އެކި ސަރުކާރުތަކުގައި އެކި މަސައްކަތް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ފުރަތަމަ އެއާޕޯޓް އެޅީ ރައީސް [އިބްރާހީމް] ނާސިރުގެ ވެރިކަމުގައި. އޭގެ ފަހުގައި އެއާޕޯޓް ތަރައްގީކުރަން ރައީސް މައުމޫނު [އަބްދުއްގައްޔޫމު]ގެ ސަރުކާރުން ވެސް ބޭރުން އެތައް އެހީއެއް ހޯދައިގެން މަސައްކަތްތަކެއް ކުރި،" ކޮންމެ ސަރުކާރަކުން ވެސް މަސައްކަތްތަކެއް ކުރިކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޓާމިނަލްގެ މަސައްކަތުގެ ކްރެޑިޓް ކުރީގެ ރައީސް ޔާމީނާއި ކުރީގެ ރައީސް ސޯލިހަށް އެބަ އޮތް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެހެން ވިދާޅުވުމަށް ފަހުގައި ފާހަގަކުރެއްވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މަސައްކަތް ގޮސްފައިވާ ހިސާބެވެ. އެ ގޮތުން:
އިމާރާތުގެ ބޭރުގެ ސްޓްރަކްޗާގެ %54 އޭރު ނިމިފައި އޮތް ނަމަވެސް އެތެރޭގެ ގިނަ ކަންކަން ހުރީ ނިމި؛ ގިނަ ކަންކަން ކުރަން ހަވާލު ވެސް ނުކުރޭ
ޓާމިނަލްގެ ބޭނުން ހިފުމަށް ބޭނުންވާ ހެޑް އޮފް ސްޓޭންޑާއި މަގު އެއީ މަޝްރޫއުގެ މައި ތަނބު؛ އެ މަސައްކަތް ވެސް ބަޔަކާ ހަވާލުކޮށްފައެއް ނުވޭ
އެއާޕޯޓްގެ އެތެރޭގެ ހިދުމަތްތައް، މިސާލެއްގެ ގޮތުން ފާހަގަކުރެއްވީ ޑިއުޓީ ފިހާރަ ޝޮޕްތައް؛ އެ މަސައްކަތް ވެސް ބަޔަކާ ހަވާލެއް ނުކުރޭ
ރައީސް މުއިއްޒު ވިދާޅުވީ އެހެން ސަރުކާރުތަކާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުނުވި ނަމަވެސް ޓާމިނަލް ހުޅުވައި އޭގެ ފައިދާ އިގުތިސޯދަށް ހޯދުމަކީ މި ސަރުކާރުން އެންމެ އިިސްކަން ދިން މަސައްކަތް ކަމަށެވެ. މިއީ އެންމެ އަވަހަށް ވެސް ނިންމުމަށް މި ސަރުކާރަށް އެންމެ މުހިންމު މަޝްރޫއު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެއާޕޯޓްގެ މަސައްކަތް ބެލުމަށް އަޅުގަނޑު ސަރުކާރާ ހަވާލުވެ އެންމެ ފުރަތަމަ އެ ތަނަށް ދިޔަ ދުވަހު ވެސް ބުނިން. މިއީ މި ސަރުކާރަށް އެންމެ މުހިންމު މަޝްރޫއޭ. އަޅުގަނޑުމެން އެންމެ ފުރަތަމަ ބޭނުންވީ ވެސް މިދިޔަ އޮކްޓޯބަރު މަހަށް ޓާމިނަލް ހުޅުވަން. އެއަށް ވުރެ މަސައްކަތް ލަސްވި ނަމަވެސް މި މަހު ޓާމިނަލް ހުޅުވުމަށް މި އޮތީ ތައްޔާރުވެވިފައި،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ