ނޭޝަނަލް ޑްރަގް އޭޖެންސީ: ސިޔާސަތެއް ނެތް ސިޔާސީ ތަނަކަށް ވެފައި ނޭޝަނަލް ޑްރަގް އޭޖެންސީ: ސިޔާސަތެއް ނެތް ސިޔާސީ ތަނަކަށް ވެފައި

މިގައުމަށް މަސްތުވާތަކެތި ތައާރަފުވީ 1900 ގެ ފަހުގެ އަހަރުތަކުގެ ތެރޭގަ އެވެ. މިއީ 2025 ވަނަ އަހަރެވެ. މިއަދާއި ހަމައަށް އައި އިރު، މި ވަބާ މިވަނީ ވަކި އަތޮޅެއް ރަށެއް އިސްތިސްނާ ނުވެ، މުޅި ގައުމަށް ފެތުރި އަޑިއަށް މޫލައިފަ އެވެ.
ޒުވާނުން ތިބީ ޑަސްބިންތަކަށް ފައިބަ އެވެ. އިޓަލީވިލާތުގެ ބިކޮކާ-މިލާނޯއިން 2019 ވަނަ އަހަރު ރާއްޖޭގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މަގުމަތިން ސަލާން ޖަހައިގެންނާއި، ކުނި ހޮވައިގެން ފައިސާ އެއްކޮށްގެން މަސްތުވާތަކެތި ގަންނަ 4،000 އަށްވުރެ ގިނަ މީހުން ރާއްޖޭގައި އެބައުޅެ އެވެ.
ޖަލުގެ އާބާދީގެ 90 ޕަސެންޓަކީ މަސްތުވާތަކެތީގެ ކުށާއި، އެކަމާއި ގުޅުންހުރި ކުށްތަކަށް އަރައިގަނެފައިވާ މީހުން ކަމަށް ކަރެކްޝަންސް އަދި ފުލުހުންގެ ހިސާބުތަކުން ފެނެ އެވެ.
މިފަހަކަށް އައިސް، މި ވަނީ އާ ވައްތަރުތަކެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް، ވިއްކައި، ބޭނުންކުރަން ފަށައިފަ އެވެ.
އެއީ "ޕާޓީ ޑްރަގްސް" ނުވަތަ ސިޓިމިއުލަންޓް ޑްރަގްސް އެވެ. އެހެން ކަމުން، މިހާރު ރާއްޖޭގައި އޮޕިއޮއިޑްސް (ހަކުރު) އަދި ސްޓިމިއުލަންޓް ޑްރަގްސް އެވެ. އޮޕިއޮއިޑްސް އަކީ މަސްތުވާތަކެތީގެ ކެޓަގަރީ އެއް ކަމުގައިވާ ޑިޕްރެސަންޓްސް ކެޓަގަރީގައި ހިމެނޭ ބާވަތެކެވެ. މިފަދަ ބާވަތްތައް ބޭނުންކުރުމުން މީހާގެ ސިކުނޑި އާއި ހަށިގަނޑުގެ މަސައްކަތްތައް ލަސްކޮށްލާ މީހާއަށް ވަގުތީ ހަމަޖެހުމެއް އިހުސާސްކޮށް ދެ އެވެ. އެންޒައިޓީ ދަށްވެ މީހާ ހަމަޖެހި "ސްލޯ" ކޮށްލަ އެވެ. އޭގައި ހުރި އެތައް ގެއްލުންތަކެއްވެސް އެއާއެކުއެކީ ހަށިގަނޑަށް ލިއްބައި ދެ އެވެ.
މިއާއި ހިލާފަށް ސްޓިމިއުލަންޓްސް އިން ސިކުނޑީގެ ޑޮޕަމިން ލެވަލް މަތިކޮށް ސިކުނޑި އާއި ހަށިގަނޑުގެ މަސައްކަތްތައް އަވަސްކޮށް، މީހާ އަށް ހާއުފާވެރިކަން އިހުސާސްކޮށްދެ އެވެ. މިހާރު އާއްމުވެގެން މިއުޅޭ ޕާޓީ ޑްރަގްސްގެ ތެރޭގައި ހިމެނޭ މެފްޑްރޮން، ކޮކެއިން، މެތް ފަދަ ޑްރަގްސް ތަކަކީ މި ކެޓަގަރީގެ ސްޓިމިއުލަންޓްސް އެވެ.
މިކަމާއި މެދު ވާހަކަ ދައްކާލުމުން ނަފުސާނީ ފަރުވާ ދިނުމުގެ މަސައްކަތްކުރައްވާ ފަރާތްތަކުން، ރާއްޖޭގައި މިހާރު ޑްރަގް އިންޑީއުސްޑް ސައިކޯސިސް ގިނަވަމުން އަންނަ ކަން ފާހަގަކޮށްފައި ވެއެވެ. މިގޮތުން ހެލޫސިނޭޓް ވުން (އަސްނު ނެތް ކަމެއް/ އެއްޗެއް ހުރިހެން ހީވުން/ ނުވާ ކަމެއް ހަގީގަތުގައި ވެސް ހިނގާ ކަމެއްގެ ގޮތުގައި ފެނުން) މިފަދަ ކަންކަން ވަރަށް އާއްމުވެއްޖެ ކަމަށާއި މިއީ މަސްތުވާތަކެތީގެ އަލަށް ތައާރަފްވެގެން އުޅޭ ބާވަތްތަކުން ދިމާވާ ކަންކަން ކަމުގައި އެފަރާތުން ދެކެވެ އެވެ.
އެމްޑީޕީގެ ވެރިކަމުގައި، އެންޑީއޭ އިން ވަނީ 2021 ވަނަ އަހަރު، އޯޕިއޮއިޑްސް (ދިވެހި ބަހުން އާއްމުކޮށް ކިޔާ ގޮތުން ނަމަ ހަކުރު) ގެ ބާވަތްތަކަށް މެތަޑޯން ބޭސް ތައާރަފްކޮށް މަސްތުގެ ވަބާއިން ސަލާމަތްވުމަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ދޭން ފަށާފަ އެވެ.
މަސްތުވާތަކެއްޗާއި ގުޅޭ މަސައްކަތްތައް މަތިކޮށްފައިވާ ބެލެނިވެރި ފަރާތަކީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) އެވެ.
މިދިޔަ ސަރުކާރުގައި އެންޑީއޭ މަސައްކަތް ކުރަމުން އައީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ. އޭރު އެންޑީއޭ އިން އައީ ފަރުވާގެ ޕްރޮގްރާމްތައް ދިރާސާކޮށް ފަރުމާކުރަމުންނެވެ. ނަމަވެސް އެ މަސައްކަތް ހުއްޓުނީ 2023 ވަނަ އަހަރު ސަރުކާރު ބަދަލުވުމަށް ފަހު ހޯމް މިނިސްޓްރީގެ ދަށަށް އެމްޑީއޭ ބަދަލުކުރުމާ ހަމައިންނެވެ. ހޯމް މިނިސްޓްރީގެ ދަށަށް އެންޑީއޭ ބަދަލުކުރި ކުރުމުން ދޭހަވަނީ މި ސަރުކާރުގެ ވިސްނުމަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ޖަލުތަކަށް ލައި ބަންދުކޮށް އަދަބުދީގެން މި މައްސަލަ ހައްލުކުރަން މަސައްކަތް ކުރުމެވެ.
ނަމަވެސް މިއީ ދުނިޔެ ތަޖުރިބާކޮށް ބާވެފައިވާ، ނަތީޖާ ނުނެރެވޭ ބޯދާ އުސޫލެކެވެ. ކަމާ ބެހޭ މާހިރުންނާއި ދިރާސާވެރިންގެ ލަފައަކީ އަދި މި މައްސަލައަށް ހައްލު ހޯދި ގައުމުތަކުގެ ބަހަކީ ވެސް، ހަރުދަނާ ފަރުވާގެ ނިޒާމާއި، ދުޅަހެޔޮ އާއިލާތަކެއް ބިނާކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކޮށްގެން ނޫން ގޮތަކަށް މިމައްސަލަ ހައްލުނުވާނެ ކަމެވެ. ހަމަ މިއާއެކު ޑަބްލިއުއެޗްއޯގެ ލަފައާއި އެއްގޮތަށް، އެވިޑެންސް ބޭސްޑް ސިއްހީ ފަރުވާ ދީގެން ނޫންގޮތަކަށް މީހުން މިކަމުގެ ތެރެއިން ސަލާމަތް ނުކުރެވޭނެ ކަމަށް މިދާއިރާގެ ފަންނީ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
މީހުން މަސްތުވާތަކެތި ބޭނުން ކުރަން ފަށަނީ ޖަލަށް ނުދެވިގެނެއް ނޫނެވެ. އެހެން ކަމުން ޖަލަށް ލުމަކީ އެކަން ހުއްޓޭނެ ސަބަބެއް ނޫނެވެ. ސިއްހީ މާހިރުން ބުނާ ގޮތުން މީހުން މަސްތުވާން ފަށަނީ ނަފުސާނީ ބަލިމަޑު ކަމުގެ ތެރޭގަ އެވެ. ފުރަތަމަ ފަހަރަށް އަޖުމަ ބެލުމާއި މަޖާކުރުމަށް މިކަންކޮށް އެއަށް ދެވިހިފާ މީހުން މަދު ނޫނަސް، މިބަލީގެ ތެރޭގައި އުޅޭ ކޮންމެ މީހަކީ ވެސް ނަފުސާނީ ބައްޔެއް ތަހައްމަލުކުރާ ފަރާތެކެވެ. ވީމާ އަސްލު ސަބަބަށް ވާސިލުނުވެ، މި ބަލިން މީހަކު ސަލާމަތެއް ނުކުރެވޭނެ އެވެ. ސަޕްލައި ޗެއިން އަބަދުވެސް ގައުމުތަކުގެ އެތެރެއަށް ވަންނާނެ ގޮތްތައް ހޯދާނެ އެވެ. އެއީ ގްލޯބަލް މާފިޔާގެ ޗެއިންތަކެވެ. ނަމަވެސް، މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑް ކުޑަކުރުމަށް ގައުމީ ފެންވަރުގައި ކުރެވޭނެ އެވިޑެންސް ބޭސްޑް މަސައްކަތްތަކެއް އެބަހުރިކަން، މި ނަޒަރިއްޔާތުގެ ތެރެއިން މަސައްކަތްކޮށް ކުރި ހޯދި ގައުމުތަކުން ހެކިދެ އެވެ.
މި ބައްޔަށް ފަރުވާ ދޭ އިރު، އިންޑިވިޖުއަލް އެސެސްމަންޓް ހެދުމަށް ފަހު އެމީހެއްގެ ނަފްސާނީ ހާލަތަށް ބަލައި ސައިކޯތެރަޕ ދޭން ޖެހެ އެވެ. ނަމަވެސް ރާއްޖޭގައި މިވަގުތު ސެންޓަރުތަކުން ދޭފަރުވާ އަކީ މެތަޑޯން ބޭސް ދިނުމެވެ. ތެރަޕީ އެއް، ސައިކޯސޯޝަލް ސަޕޯޓެއް ނެތެވެ.
"އެއްދުވަހު ރާބުއި މީހާ އަށް ވެސް، 9 އަހަރު ހެރޮއިން ބޭނުން ކުރި މީހާ އަށް އަދި 5 އަހަރު ފެންޓަނީލް ބޭނުން ކުރާ މީހާއަށް ވެސް މިހާރު ހުރި ފަރުވާ ނިޒާމުގެ ތެރެއިން ލިބެނީ އެއް ފަރުވާއެކެވެ. އޭގެ ބަދަލުގައި އިންޑިވިޖުއަލް އެސެސްމަންޓް ހަދައި އެމީހަކަށް ހާއްސަ ތެރަޕީ އާއި އެކީ ޓެއިލާޑް ފަރުވާ ދެވޭނެ ގޮތް ހަމަޖައްސަން ޖެހެ އެވެ. ރިލެޕްސް ރޭޓް މިހާ މަތީ ފަރުވާގެ ނިޒާމު ބަލިކަށިވުމުގެ ސަބަބުންނެވެ.
އެހެން ކަމުން ހާސްވެ ކަންބޮޑުވެ މާޔޫސްވާ މީހާ އަނެއްކާވެސް ދަނީ ޑޮޕަމީން ހޯދުމަށް މަސްތުވާތަކެއްޗާއި ދިމާލަށެވެ. އަނެއް ސަބަބަކީ ފަރުވާދޭ ސެންޓަރުތަކުގެ ތެރެއަށް މަސްތުވާތަކެތި ވެއްދުމެވެ. ބައެއް ސެންޓަރުތަކުގެ ތެރޭގައި ބަނގުރާ ކައްކާ ކަމުގެ ޝަކުވާ އަކީ މިހާރު ސިއްރު ވާހަކައެއް ނޫނެވެ. އައްޑޫ ހުޅުމީދޫ ސެންޓަރުން ފަރުވާ ހޯދާ ފަރާތަކުން ވަނީ އެސެންޓަރުތެރޭގައި ރާ ކައްކައި ބޭނުންކުރާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ބުނެފައެވެ.
ޖަލުތަކަށް މިތަކެތި ވަންނަ ފަދައިން ފަރުވާ ސެންޓަރުތަކުގެ ތެރެއަށް ވެސް މަސްތުވާތަކެތި ވެއްދެ އެވެ. ހިންމަފުށީގައި ހުރި ފަރުވާ ދޭ މަރުކަޒު ހުރީ ބާވެ ވީރާނާވެފައެވެ. މިއީ ފަންނީ މާހިރުންގެ އެކްސްޕަޓީސް ބޭނުންވާ ދާއިރާއެއް ނަމަވެސް، މިވަގުތު އެތަނުގައި ތިބެ ފަރުވާގެ ކަންކަން ނިންމަނީ ވެސް ސިޔާސީ ބޭފުޅުންނެވެ. ފަންނީ ބޭފުޅުން ތިބީ އެކަހެރިކޮށް ފެއަށް ޖައްސާފަ އެވެ. މިހުރިހާ ކަމަކުން ހާމަވަނީ މި މައްސަލައަށް ހާއްސަކޮށް ބަޖެޓު ނުދޭ ކަމެވެ. އަދި، އެންޑީއޭ ވަނީ ސިޔާސަތެއް ނެތި ސިޔާސީ ވެފައިކަމެވެ.
މިސަރުކާރަށް 17 މަސް ވީއިރު، އަދިވެސް މިކަން ކަން ބަދަލުކުރުމަށް ކުރި މަސައްކަތެއް ފެންނާކަށް ނެތެވެ. ފަރުވާއާ ބެހޭ މަސައްކަތްތަކަށް ޓެކްނިކަލް ހުނަރާއި ތައުލީމު ހުރި މީހުން ބޭނުންވާއިރު، މި މަސައްކަތުގެ ތެރޭ މިހާރު އުޅުއްވަނީ ތަނެއްދޮރެއް ނޭނގޭ ސިޔާސީ މީހުންނެވެ.
މަސްތުވާ ތަކެއްޗާ ބެހޭ ގާނޫނުގައި ވާ ގޮތުން، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމާއި، މަސްތުވާތަކެތީގެ ބޭނުންކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާގުޅޭ ސިޔާސަތުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ފަރާތަކީ އެގާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް އެވެ.
މި ކައުންސިލުގައި ހިމެނެނީ، ނާއިބު ރައީސް، މިނިސްޓަ އޮފް ހޯމްއެފެއާޒް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މަންދޫބެއް، ހެލްތް މިނިސްޓްރީގެ މަންދޫބެއް، ޔޫތް މިނިސްޓްރީގެ މަންދޫބެއް، އިސްލާމިކް މިނިސްޓްރީގެ މަންދޫބެއް، އެޓާނީ ޖެނެރަލްގެ މަންދޫބެއް، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް، ކޮންޓްރޯލާ އޮފް އިމިގްރޭޝަންސް، ޗީފް އޮފް ޑިފެންސް ފޯސް، ކޮމިޝަނާ އޮފް ޕޮލިސް އަދި ޕީޖީ އެވެ. ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ރައީސަކީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
ހަމަ މި ގާނޫނުގައި ވާ ގޮތުން ނޭޝަނަލް ޑްރަގް އެޖެންސީ ހިންގާނީ، އެ އެޖެންސީގެ ބޯޑުގެ ލަފާއާއި އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން، އެ އެޖެންސީގެ ބޯޑުން ޢައްޔަންކުރާ ޗީފް އެގްޒެކެޓިވް އޮފިސަރެވެ. ނަމަވެސް މިވަގުތު އެންޑީއޭގެ ހިންގުން ހުރީ މި ގާނޫނުގައި ބަޔާންކުރާ ގޮތަކަށް ނޫނެވެ. އެންޑީއޭ ގެ ސީއީއޯ އަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތު ހަމަވާ (ދާއިރާ އިން ޑިގްރީއެއް) ނެތް ބޭފުޅެކެވެ. ދާއިރާ އާއި ގުޅުން ހުރި އެއްވެސް ޓްރެއިނިންގ އެއް ވެސް އެބޭފުޅާ ހައްދަވާފައެއް ނެތެވެ.
މަސްތުވާތަކެތީގެ މައްސަލަ ގައުމީ ބޮޑު މައްސަލައަކަށް ވެފައިވާއިރު، މި ގާނޫނުގައި ބަޔާންކުރާ ހަމައިން އެންޑީއޭ މަސައްކަތް ނުކުރާ ކަމީ ސީރިއަސް މައްސަލައެކެވެ. ހޯމް މިނިސްޓްރ މިހާތަނަށް އެންޑީ.އޭގެ ބޯޑާއި ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކު އެވެ. މިހުރިހާ ކަމަކުންވެސް ދޭހަވަނީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަކީ މިނިސްޓަރ އަހައްމިއްޔަތުކަން ދޭ ކަމެއް ނޫންކަމެވެ.
އެންޑީއޭ ރަނގަޅަށް ހިނގުމަކީ މި މައްސަލަ ހައްލުކުރުމަޓަކައި އެންމެ ފުރަތަމަ އަޅަން ޖެހޭ ފިޔަވަޅެވެ. ހަރުދަނާ ސިޔާސަތެއް ނެރެވޭނީ އެހިސާބުންނެވެ. ނަމަވެސް މިސަރުކާރުން ވަނީ ހަރުދަނާ ޓެކްނިކަލް ބޭފުޅަކު ސީއީއޯ އަކަށް ނެގުމުގެ ބަދަލުގައި ގާނޫނުގައި ކަނޑައެޅިގެން، ސީއީއޯ ގެ ޝަރުތު ބަޔާންކޮށްފައި ވަނިކޮށް، އެ ޝަރުތުތައް ކުޑަކޮށްފައެވެ. މިވީހާތަނަށް މިސަރުކާރުން އެންޑީއޭ ހަރުދަނާ ކުރުމަށް އެއްވެސް ކަމެއް ކޮށްފައިނުވާއިރު، މިދިޔަ ސަރުކާރުން ވަނީ ސީރިއަސް މަސައްކަތްތަކެއް ކޮށްފައިކަން ފާހަނގަކުރެއެވެ.
އެގޮތުން، ސީއީއޯ އެއް ހޯދަން ދަތިވުމުގެ ސަބަބުން، ސީއީއޯގެ މުސާރަ ބޮޑުކުރުމާއި، ހާފްވޭ ހައުސް ހަދަން ހުޅުމާލެއިން 10 ހާސް އަކަފޫޓުގެ ބިން ދިނުމާއި، އެތަނުގައި 3 ބުރީގެ ހާފްވޭ ހައުސް އިމާރާތެއް އެޅުމާއި، އެންޑީއޭގެ އޮފީސް ހިންގަން އޮފީސް ޖާގަ ހޯދައި ދިނުމާއި، ރާއްޖޭގެ ހާލަތު ދެނެގަތުމަށްޓަކައި ޑަބްލިއު އެޗް އޯ އާއި ގުޅިގެން ސިޗުއޭޝަނަލް އެނާލަސިސް ހަދައި، އެންޑީއޭގެ ފެސިލިޓީ މެޕިން ހެދުން އަދި މިދާއިރާއިން މީހުން ތަމްރީނު ކުރުމަށްޓަކައި، ޕްރޮގްރާމްތައް ގައުމީ ޔުނިވާސިޓީގައި ފަށައި، ދަރިވަރުންނަށް ސްޓައިޕެންޓް ވެސް ދޭން ފެށިކަން ފާހަގަކުރެ ވެ އެވެ.
މިއީ ކޮވިޑް ޕެންޑަމިކްއަށް އިޖާބަދިން ފަދައިން، ގައުމީ ފެންވަރުގައި މިހިނދުން މިހިނދަށް އިޖާބަދީ ހަރުދަނާ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ހައްސާސް މައްސަލައެކެވެ. ދިވެހިރާއްޖެއިން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މަސްތުވާ ތަކެއްޗާއި ބެހޭ، ސިންގަލް ކޮންވެންޝަން އޮން ނާކޮޓިކް ޑްރަގްސް، ކޮންވެންޝަން އޮން ސައިކޯޓްރޮފިކް ސަބްސްޓޭންސަސް، އަދި ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް އިލިސިޓް ޓްރެފިކް އިން ނާކޮޓިކް ޑްރަގްސް އެންޑް ސައިކޯޓްރޮފިކް ސަބްސްޓެންސަސް، މި މުއާހަދާތަކުގައި ސޮއިކޮށްފައި ކަމުން، އެއިދާރާ އިން ލަފާ ދޭފަދައިން، މަސްތުވާތަކެއްޗަށް ދެވިހިފުމަކީ ސިއްހީ މައްސަލައެއް ކަމުގައި ދެކި، ސިއްހީ ނިޒާމުގެ ތެރެއިން މި މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ނުކޮށްފި ނަމަ، ސިޔާސީ މީހުން މިގައުމު ކައި ހުސްކުރުމުގެ ކުރިން، އަޅުގަނޑުމެންގެ ދަރިން ނެތިގޮސް ގައުމު ބީވެދިޔުމުގެ ބިރު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ