މެންބަރު ސިނާނުގެ ގޮނޑި މައްސަލަ: ދަރަނި ނުދެއްކީ ދަރަންޏެއް އޮތްކަން ނޭނގޭތީ ކަމަށް ބުނެފި މެންބަރު ސިނާނުގެ ގޮނޑި މައްސަލަ: ދަރަނި ނުދެއްކީ ދަރަންޏެއް އޮތްކަން ނޭނގޭތީ ކަމަށް ބުނެފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލައިގައި، ހުކުމާ އެއް ގޮތަށް ފައިސާ ނުދެއްކި އޮތީ ހުކުމް ކުރި ކަން ނޭނގޭތީ ކަމަށް އޭނާގެ ފަރާތުން ކޯޓުގައި ބުނެފި އެވެ.
މެންބަރު ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ މައްޗަށް އިއްވި ހުކުމަކާ އެއް ގޮތަށް ފައިސާ ނުދެއްކުމުންނެވެ.
މި ހުކުމަކީ ސިނާނާއި އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނު ދެއްކުމަށް އެ އެއްބަސްވުމާ ހިލާފުވެފައިވާތީ ހުށަހެޅި މައްސަލައިގައި އިއްވި ހުކުމެކެވެ. މި މައްސަލައިގައި ހިތަދޫ ކޯޓުން މިދިޔަ އަހަރުގެ އޮކްޓޯބަރު 14، ގައި އިއްވި ހުކުމުގައި ބުނަނީ 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ބޭންކަށް ދެއްކުމަށެވެ.
ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅި ގާލިބު ސަލީމް ބުނެފައި ވަނީ، މި ހުކުމާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކުމުން އޭނާގެ ކިބައިން މެންބަރު ކަމުގެ ޝަރުތެއް އުނިވެފައިވާ ކަމަށެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމަށާއި މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގައި މިއަދު ފެށި އަޑުއެހުންތަކުގައި މައްސަލަ ހުށަހެޅި ގާލިބުގެ ފަރާތުން އޭނާގެ ވަކީލު, އިބްރާހީމް ޝިޔާމް ވިދާޅުވީ، ހުކުމް ކުރި ތާރީހުން ފެށިގެން ތިން މަސް ވޭތުވީއިރު ވެސް ހުކުމާ އެއްގޮތަށް އެއްވެސް ފައިސާއެއް ދައްކާފައި ނުވާ ކަމަށެވެ. މިއީ ގާނޫނުގައި ބުނާ ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުން ކަމަށް ވަކީލު ވިދާޅުވި އެވެ.
"ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ އެއް ވަނަ ނަންބަރުުގައި ބަޔާން ކުރަނީ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފަ ވޭތޯ ނުވަތަ ނޫންތޯ. އެ ފަރާތަށް އެނގުމަކީ ނުވަތަ ނޭނގުމަކީ މި މައްސަލައިގެ ބޭނުމަށް ޓަކައި މުހިންމު ކަމެއްކަމަށް ނުވަތަ ބަލަން ޖެހޭ ކަމެއްކަމަށް އަޅުގަނޑުމެންނެއް ނުދެކެން،" އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ކުރިމަތީގައި މި މައްސަލައިގައި ގޮތް ކަނޑައަޅަން ޖެހޭ ނުކުތާތަކުގެ ތެރޭގައި ހުކުމެއް ކުރި ކަން ނޭނގި އޮތް ނަމަ، ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކީ ކަމަށް ބެލެވިދާނެތޯ ނުވަތަ ނޫންތޯ އާއި ޣައިރު ހާޒިރުގައި ކުރާ ހުކުމަކީ ނިހާއީ ހުކުމަކަށް ވެދާނެތޯ އުފައްދާ ސުވާލު ހިމެނެ އެވެ. މި މައްސަލައިގައި ހިތަދޫ ކޯޓުން ހުކުމް ކުރީ ސިނާންގެ ޣައިރު ހާޒިރުގަ އެވެ.
ކޯޓުގައި މިއަދު ފުޅާކޮށް ބަހުސްކުރެވުނު އެއް ކަމަކީ، ހުކުމް ކުރިކަން ސިނާނަށް އެނގުނު ކަމަށް ބުނާ ތާރީހާއި އެނގުނު ފަހުން ފައިސާ ދެއްކުމާ ދޭތެރޭގައި ހިނގި މުއްދަތެވެ. ގާލިބުގެ ވަކީލު ވިދާޅުވީ މިދިޔަ އަހަަރުގެ ޑިސެމްބަރު 16، ގައި ދަރަނި އޮތް ކަން އެނގުނު ފަހުން ވެސް ދަރަނި ދެއްކުމާ ދޭތެރޭގައި ގިނަ ދުވަސްތަކެއް ހިނގި ކަމަށެވެ. ނަމަވެސް ސިނާންގެ ވަކީލު ވަނީ މި ތާރީހު ރަނގަޅު ނޫން ކަމަށް ވިދާޅުވެފަ އެވެ.
"އާންމުންނަށް ވެސް އެނގުނު ބީދައިން ތަންފީޒީ މައްސަލަ ކޯޓަށް ހުށަހެޅުނު ހިސާބުންނޭ އަޅުގަނޑުމެންނަށް ވެސް މައްސަލަ ހުށަހެޅުނުކަން އެނގުނީ. އަދި ޑޭޓެއްގައި ފޯމެއްގައި ވަކި ތާރީހެއް ޖަހައި މައްސަލަ ކޯޓަށް ހުށަހެޅުމަކީ އެ ތާރީހުގައި އެކަން އެނގޭ ކަމެއް ވެސް ނޫން،" ސިނާންގެ ވަކީލު ވިދާޅުވި އެވެ.
ކޯޓުގައި ދެކެވުނު ވާހަކައިގައި، ސިނާނަށް މި ދަރަނި ދައްކަން ޖެހޭ ކަން އެނގުނު ކަމަށް ސީދާ ކަނޑައެޅިގެން ވަކި ތާރީހެއް ނުބުނެ އެވެ. އޭނާގެ ވަކީލު ވަނީ ސީދާ ތާރީހެއް ނުބުނާ ކަން ކޯޓުގެ ރެކޯޑަށް ޓަކައި ފާހަގަކުރަން ބޭނުންވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ސިނާނުގެ ފަރާތުން އެދިފައި ވަނީ މި މައްސަލަ ބޭރުކޮށްލުމަށެވެ. މިހެން އެދޭ މައިގަނޑު ސަބަބެއް ކަމަށް ފާހަގަކުރަނީ ހުކުމުގެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައިވުމެވެ. ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމްތަކާ މި މައްސަލަ ތަފާތުވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ވެސް ސިނާންގެ ފަރާތުން ނަގަނީ މި ނުކުތާ އެވެ.
ސިނާންގެ ފަރާތުން އެކީ އެއްފަހަރާ މި ފައިސާ މޯލްޑިވްސް އިސްލާމިކް ބޭންކަށް ދެއްކީ މި އަހަރުގެ ފެބްރުއަރީ 13، ގަ އެވެ. ސިނާންގެ ވަކީލު މިއަދު ވިދާޅުވީ މި މުއާމަލާތާ ގުޅިގެން މިހާރު ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ ފައިސާ ދެއްކި ގޮތުގެ ތަފުސީލުތައް އެ ކޯޓާ ހިއްސާކޮށްދިނުމަށް އަންނަ ހަފުތާގެ ބުރާސްފަތީގެ ނިޔަލަށް ސިނާނަށް މުއްދަތު ދީފަ އެވެ. މި ލިޔެކިޔުމާ ގުޅިގެން ވާހަކަ ދައްކަން ބޭނުން ވެއްޖެ ނަމަ، އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް މި މައްސަލައިގައި ރިޔާސަތު ފަނޑިޔާރު އައިޝަތު ޝުޖޫނު ވިދާޅުވި އެވެ. ފަނޑިޔާރުންގެ ބެންޗުގައި އިތުރަށް ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދުއާއި، ފަނޑިޔާރު މުހައްމަދު އިބްރާހީމްއާއި، ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ