ސަރުކާރުން އުޅެނީ ގާނޫނުތައް ފުނޑުފުނޑުކޮށްލައިގެން ދިގުދެމިގެންވާ ވެރިކަމެއް ކުރަން: އެމްޑީޕީ

މިވަގުތު ވެރިކަމުގައި އޮތް ޕީއެންސީ ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންގެ ގާތަށް ނުގޮސް ވާނެ ހުރިހާ ގޮތެއް ހޯދުމަށް ގާނޫނުތައް ފުނޑުފުނޑުކޮށްލައިގެން ދިގުދެމިގެންވާ ވެރިކަމެއް ކުރަން ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް، ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި ބިލަށް އިތުރު ބަދަލެއް ނުގެސް، އެ އޮތް ގޮތަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. ބިލު އޮތް ގޮތަށް ފާސްކޮށްފައިވަނީ ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގެ 72 މެންބަރުންގެ ވޯޓާ އެކު އެވެ.
މިއަދު މަޖިލީހުގައި އޮތް މި ބިލުގެ ރިޕޯޓް ބަހުސްގައި އެމްޑީޕީ މެންބަރުން ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން މަޖިލިސް ހޫނުވެ، އެމްޑީޕީގެ ފަސް މެންބަރަކު ނަން އިއްވައި ޖަލްސާއިން ވަނީ ބޭރުކޮށްލާފަ އެވެ. މަޖިލީހުގައި ބާކީ ތިއްބެވި އެމްޑީޕީގެ މެންބަރުން މި ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ތަފްސީލް - މަޖިލީހުގެ ތަޅުމުން ބޭރުކުރުމުން، އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލިސް ދޮށުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެ މެންބަރުން ވިދާޅުވީ، ރައްުޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ އަޑުއެހުމަކީ ޕީއެންސީން ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި، އެ ޕާޓީން އުޅެނީ ރައްޔިތުންގެ ގާތަށް ނުގޮސްވާނެ ހުރިހާ ގޮތެއް ގާނޫނުތަކަށް ބަދަލުގެނެސްގެން ކުރަން ކަމަށެވެ.
މިހާރު އޮންނަ ގޮތުން ފަސް އަހަރުން އެއް އަހަރު ރައްޔިތުމީހާ ގާތަށް ސަރުކާރުން ދާންޖެހޭ ކަމަށާއި ސަރުކާރުން ރައްޔިތުމީހާ ގާތަށް ދާންޖެހޭ އަދަދު މަދުވާ ކޮންމެ ފަހަރަކީ ރައްޔިތުމީހާއަށް ލިބޭ ކުރިއެެރުމަށް ހުރަސްއެޅޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ ވިދާޅުވީ، މިއަދު ޕީއެންސީން ފެށި މަސައްކަތަކީ ޑިމޮކްރެޓިކް ވެށި ގެއްލުވާލައި ހުދުމުހުތާރު ވެރިކަމަކަށް ގައުމު ބަދަލުކުރުމަށްޓަކައި ކުރަމުންދާ ސިލްސިލާ މަސައްކަތެއްގެ ފެށުމެއް ކަަމަށެވެ. އެކަމަށް އެމްޑީޕީގެ މަޖިލިސް އެއްވެސް މެންބަރަކު އެއްބާރުލުން ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ، މަޖިލިސް ޗުއްޓީގައި އޮއްވާ ކުއްލިއަކަށް މިފަދަ އިސްލާހެއް ހުށަހެޅުމުން ވެސް މި ބިލުގެ މަގުސަދު ގޯސްކަން އެނގޭ ކަމަށެވެ. އެއަށް ފަހު ކޮމިޓީ މަރުހަލާއިން ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދަން ވެސް ދިނީ އެންމެ ފަސް މިނެޓު ކަމަށް އޭނާ ވިދާޅުވި އެވެ.
މީކާއިލް އިތުރަށް ވިދާޅުވީ:
ބިލު ހުށަހެޅުމުގެ މާކުރިން އެކަމަށް އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް ފަށާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ކޮމިޓީގައި އެއްބަސްވެފައިވާތީ، އީސީގެ ތެރެއިން މި އިންތިހާބު ސަރުކާރުން ބޭނުންގޮތަށް އަނބުރާލަން އުޅޭކަން ހާމަވޭ 
އެއީ ރައީސް މުހައްމަދު މުއިއްޒާ އެކު އީސީގެ ރައީސް މުހައްމަދު ޒާހިރު ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެ ނިމިފައިވާ ކަމެއްކަން އެކަމުން ވެސް ދޭހަވޭ 
ދައުލަތުން އިންތިހާބުތަކަށް ކުރަންޖެހޭ ހަރަދު ކުޑަކުރަން ކަމަށް ބުނެ ހުށަހަޅާފައިވާ މި އިސްލާހަކީ އެ މަގުސަދުގައި ހުށަހަޅާފައިވާ އިސްލާހެއް ނޫން 
ސަރުކާރުގެ އިސްވެރިންގެ އާއިލާ ބޭފުޅުންނަަށް ދަންދެން ބޮޑެތި މުސާރާގައި މަގާމުތަކުގައި ތިބިއިރު 4000އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން މަގާމުތަކުގަ އެބަތިބި؛ އަދިވެސް އައްޔަންކުރަމުންދަނީ 
އެފަދަ ކަންކަމުން ހަރަދު ބޮޑުނުވޭތޯ އޭނާ ސުވާލުކުރެއްވި
"ރައްޔިތުންގެ ގާތަށް ދާންވީމާ ވަރަށް ހަރަދު ބޮޑުވޭ. އެހެންވީމާ މި ރިޔާސީ ނިޒާމު ފުޑާލުމުގައި ޕީއެންސީން މިކުރާ ކަމަކީ ހަރަދާ ގުޅުންހުރި ކަަމަކަށް ފާހަގައެއް ނުކުރެވޭ،" މީކާއިލް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވެސް ވިދާޅުވީ، މި ސަރުކާރުން މިހާރު އަޒުމުކަނޑައަޅައިގެން ތިބީ، ވައުދުތައް ނުފުއްދޭތީ، ރައްޔިތުންގެ ގާތަށް ނައިސްވާނެ ހުރިހާ ގޮތެއް މަޖިލީހުގެ ތެރެއިން ގާނޫނުތަކަށް ބަދަލު ގެނެސްގެން ކުރުމަށް ކަމަށެވެ.
މަޖިލީހުގެ މެޖޯރަޓީ ޕީއެންސީގެ އަތުގައި އޮތުމުން، އެއްގޮތަކަށް ވެސް ރައްޔިތުން ގާތަށް ނުގޮސް، ވެރިކަމުގައި ދިގު މުއްދަތަކަށް ތިބޭނެ ގޮތެއް މި މަޖިލިސް ތެރެއިން ޕީއެންސީއަށް ނިންމެން އެބައޮތް ކަމަށާއި އެކަން މިހާރު ހުއްޓުވޭނީ ހަމައެކަނި ރައްޔިތުންނަށް ކަމަށް ނާޒިލް ވިދާޅުވި އެވެ.
"ރައްޔިތުންގެ ގާތުން އަޅުގަނޑުމެން މިއަދު ވެސް މި އެދެނީ، މި ރިފަރަންޑަމްގައި ބޮޑުކޮށް ނޯ ޖައްސަވާށޭ. މި މަޖިލިސް ތެރެއިން މިކުރާ ކަންކަން ހުއްޓުވޭނެ ހަމައެކަނި ބާރުއޮތީ ރައްޔިތުންގެ އަތުގައޭ. އެހެންވީމާ ފައިސާ އާއި ވަޒީފާގައި ނުޖެހި ރައްޔިތުން ވިސްނަވައިގެން ގޮތެއް ނިންމަވާށޭ،" ނާޒިލް ވިދާޅުވި އެވެ.
މީގެ އިތުރުން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، މަޖިލިސްގެ ދައުރު ކުރުކޮށްލުމަށް ފަހު ޕީއެންސީގެ އަމާޒު އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ދިގުދަންމާލަން ކަމަށެވެ.
ރިޔާސީ ދައުރު ކުރުކުރުމާއި ދިގުކުރުން ވެސް މިހާރު އޮތީ މަޖިލީހުން ނިންމުމުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދެވޭ ގޮތަށް ކަމަށް މަޖިލީހުގެ މެޖޯރަޓީ ލީޑަރު އިބްރާހިމް ފަލާހު މިއަދުގެ ބަހުސްގައި ވިދާޅުވިކަން މައުރޫފް ފާހަގަކުރެއްވި އެވެ. އެއީ ރިޔާސީ ދައުރު ދިގުކޮށްލުމަށް ފެއްޓެވި ކެމްޕޭނެއް ކަމަށާއި މީގެ ކުރިން ވެސް އެވާހަކަ ދައްކަވާފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.
"ރައްޔިތުން ވިސްނާ، ރައްޔިތުން އަޅުގަނޑުމެންނާ [އެމްޑީޕީ]އާ އެކީ ނިކުމެ މި ސަރުކާރު ހަމަ މަގަށް ނާޅުވައިފި ނަމަ، ދިގުދެމިގެންވާ ވެރިކަމެއް ކުރުމަށް ގާނޫނުތައް ފުނޑުފުނޑުކޮށްލައިގެން ހުންނާނެ ރައީސެއް މިވަގުތު ރާއްޖޭގެ ރައީސްއަކީ،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް އިތުރަށް ވިދާޅުވީ، ވޯޓުލުމުގެ ހައްގަކީ ރައްޔިތުންނަށް ލިބޭ ހަގީގީ ބާރު ބޭނުންކޮށްލަން ލިބޭ ހަމައެކަނި ފުރުސަތު ކަމަށާއި ޕީއެންސީން އުޅެނީ ރިޔާސީ ދައުރު ދަންމާލުމަށްޓަކައި އެ ހައްގު އެއްކޮށް ނިގުޅައިގަންނަން ކަމަށެވެ. އެކަމާއި ދެކޮޅަށް ރައްޔިތުން ނިކުންނަންޖެހޭ ކަމަށާއި އެކަން ކުރެވޭނީ މަޖިލީހުގެ ދައުރު ކުރުކުރުމަށް ނަގާ ހިޔާލު ހޯދުމުގެ ވޯޓަށް ރައްޔިތުން ނޫނެކޭ ބުނެގެން ކަމަށް މައުރޫފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ