ރަސްމާލެއަށް އަޅާ ވެލިތަކުގެ ކިސަޑުގަނޑުން ފުން ކަނޑު ވެސް ކިލަނބުކޮށްލައިފި ރަސްމާލެއަށް އަޅާ ވެލިތަކުގެ ކިސަޑުގަނޑުން ފުން ކަނޑު ވެސް ކިލަނބުކޮށްލައިފި

ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ ރަސްމާލެއަށް ބިން ހިއްކާ ޑްރެޖަރުތަކުން އަޅާ ވެލިތަކުގެ ކިސަޑުގަނޑު ދެކުނު މާލެ އަތޮޅުގެ އެތެރެވަރީގެ ބޮޑު ސަރަހައްދަކަށް ފެތުރި، ފުން ކަނޑު ވެސް ކިލަނބުކޮށްލާފައިވާ ކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކައިފި އެވެ.
ފުށިދިއްގަރު ފަޅު ފެންނަ ފޮޓޯތަކުން ދައްކާ ގޮތުގައި ކިސަޑުގެ އަސަރު ކުރުމުގެ ސަބަބުން އެންމެ ބޮޑަށް ކިލަނބުވުން ނޫނީ "ސެޑިމެންޓޭޝަން ޕްލޫމް" އެންމެ ބޮޑަށް އޮތީ އަތޮޅުގެ ހުޅަނގު މެދުތެރޭގަ އެވެ. އެންމެ ބޮޑަށް ކިލަނބު ސަރަހައްދުތަކުގެ ތެރޭގައި މި ޕްރޮޖެކްޓުގެ އިމްޕެކްޓް ބައުންޑަރީ (ނުރަނގަޅު އަސަރުކުރާނެ ކަމަށް ބެލެވޭ ސަރަހައްދު) ގައި ނުހިމެނޭ ބޮޑު ސަރަހައްދެއް ވެސް ހިމެނެ އެވެ.
މިއީ ބިން ހިއްކުމުގެ ބޮޑު ޕްރޮޖެކްޓަކާ ގުޅިގެން ނޫނީ ނުއުފުދެދޭނެ ޓާބިޑިޓީ އިވެންޓެކެވެ. މި އިވެންޓާ ގުޅިގެން އުފެދުނު ޕްލޫމް އަތޮޅުގެ ހުޅަނގު ބިތާ ދިމާލުން ފުން ކަނޑަށް ބޭރުވެ، ބައެއް ދިމަދިމާލުން 10 ކިލޯމީޓަރާއި 12 ކިލޯމީޓަރު ބޭރަށް ޕްލޫމް ވަނީ ފެތުރިފަ އެވެ.
ރަސްމާލެ ޕްރޮޖެކްޓުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅިގެން ޕްރޮޖެކްޓު ފެށުމުގެ ކުރިން ވެސް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާތަކުން ކަނބޮޑުވުން ފާޅުކުރި އެވެ. އެ ޖަމިއްޔާތަކުން ފާހަގަކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ކިސަޑުގެ ސަބަބުން މުރަކަތައް މަރުވެ، ކަނޑުފަޅުގެ ގުދުރަތީ ނިޒާމަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ބޮޑުވުމެވެ.
މިހާރު މި އޮތް ވަރަށް އަތޮޅު ތެރެ ކިލަނބުވީ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު، "ކްރިސްޓޮބާލް ކޯލަން" ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ނިކުތް ފަހުންނެވެ. ކޮންމެ ދަތުރެއްގައި 78،000 ޓަނުގެ ވެލި އުފުލޭ މި ޑްރެޖަރުން އަންނަނީ ހުއްޓުމެއް ނެތި ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. މި ޑްރެޖަރުގެ މޯހިރުން ކިސަޑުތައް ރޮނގަކަށް ދެމިގެންދާ މަންޒަރު ސެޓެލައިޓް ފޮޓޯތަކުން ވެސް ފެނެ އެވެ.
މިކަމާ ގުޅިގެން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ކުރަމުން އަންނަ މަސައްކަތް ސާފުކުރަން އަދަދު އިން ގުޅުން އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު ވިދާޅުވީ، ސައިޓަށް ގޮސްގެންނާއި ސެޓެލައިޓް ފޮޓޯތަކުގެ ޒަރިއްޔާއިން މަސައްކަތް ހިނގަމުންދާ ގޮތް ބަލަމުންދާ ކަމަށެވެ.
"މިޓިގޭޝަން މެޝާތަކާ އެއްގޮތަށް މަސައްކަތް ހިނގާތޯ ބެލުމަށް ފަހު، ކަމެއް ފާހަަގަ ވެއްޖެ ނަމަ ޕްރޮޕޯނަންޓަށް ރަނގަޅުކުރަން އަންގާނަން،" އޭނާ ވިދާޅުވި އެވެ.
ރަސްމާލެއަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ބިން ހިއްކުމުގެ ޕްރޮޖެކްޓެވެ. ސަރުކާރުން ވަނީ ކުރިން ރޭވި ވަރަށް ވުރެ ބިމުގެ ޖާގަ ކުޑަކޮށް، ރަސްމާލޭގެ ސައިޒު 1153 ހެކްޓަރުން 1008 ހެކްޓަރަށް ކުޑަކޮށްފަ އެވެ. ޖާގަ ކުޑަކުރިޔަސް ރަސްމާލެ ޕްލޭންކޮށްފައިވާ ގޮތަށް އެއްކޮށް ނިމުމުން މި ރަށް ވާނީ ބިމުގެ ޖާގައިގެ ގޮތުން ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށަށެވެ.
ދެކުނު މާލެ ފެންނަ ސެޓެލައިޓް ފޮޓޯގައި ޕްލޫމްގަނޑު ފެތުރިފައި: ކިލަނބުކަން އެންމެ ބޮޑީ އަތޮޅުގެ ހުޅަނގު މެދުތެރޭގައި --- މަސްދަރު: ކޮޕާނިކަސް
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ "ލެގަސީ" ޕްރޮޖެކްޓުގެ ގޮތުގައި ހިންގަމުން އަންނަ މި ޕްރޮޖެކްޓުގެ ބިން ހިއްކުމުގެ ބައި އެއްކޮށް ނިމޭނެ ކަމަށް މުއިއްޒު އެންމެ ފަހުން ވިދާޅުވީ އަންނަ އޭޕްރިލްއަށެވެ. ބޮޑެތި ޑްރެޖަރުތައް ނެރެގެން ކުރިއަށް ވުރެ ބިން ހިއްކާ ސްޕީޑު އަވަސް ކުރި ނަމަވެސް، މި ތާރީހަށް އެއްކޮށް ބިން ހިއްކައި ނިމުން ނާދިރެވެ.
މިހެން ނަމަވެސް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްލޭނުގެ ދަށުން، މާލޭ ރަށްވެހިންނަށާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ގޯތި ދޫކުރަން ކަނޑައަޅާފައިވާ ސަރަހައްދަށް ބިން ހިއްކާ ނިންމާލުމުގެ ފުރުސަތު ބޮޑެވެ.
ރަސްމާލެއިން ގޯތި ދޫކުރާ ސަރަހައްދަކީ ކޮބައިކަން ސަރުކާރުން އަދި ހާމަނުކުރި ނަމަވެސް، ނަން ނުޖަހާ ގޮތަށް މި ނޫހަށް މައުލޫމާތު ދިން މަސްދަރަކުން ބުނީ ގޯތި ދޫކުރާ ސަރަހައްދަކީ އެމްއޭސީއެލްއާ ހަވާލުކޮށްގެން ހިއްކަމުން އަންނަ "ސައިޓު އޭ" ކަމަށެވެ. އޭނާ ބުނީ، އެމްއޭސީއެލްއިން މަސައްކަތް ކުރަމުން އަންނަނީ ރައީސް ދީފައިވާ އޭޕްރިލްގެ ތާރީހަށް ނިންމައި، ގޯތި ހަވާލުކުރެވޭނެ މަގުފަހިކުރަން ކަމަށެވެ.
ސައިޓުތަކުގެ މަސައްކަތު ޕްރޮގްރެސްއަށް ބަލާއިރު، "ސައިޓު އޭ" އިން ހިއްކާ 138 ހެކްޓަރުގެ ތެރެއިން 124 ހެކްޓަރު ވަރު ހިއްކާ ނިމިއްޖެ އެވެ. މިހާރު ބިން ހިއްކަމުން އަންނަ ދުވެލީގައި މަދު ދުވަސްތަކެއްގެ ތެރޭގައި މި ސައިޓުގެ މަސައްކަތް އެއްކޮށް ނިންމާލާނެ އެވެ.
މުއިއްޒު ދީފައިވާ ތާރީހުގެ ކުރިން ނިމޭނެ ކަމަށް ބެލެވެނީ "ސައިޓު އޭ" އާއި މޯހަން މުތާ އެކްސްޕޯޓާ ހަވާލުކޮށްފައިވާ "ސައިޓު އެލް" އާއި މިހާރު އެއްކޮށްހެން ނިމިފައިވާ "ސައިޓު އެފް" އެވެ. ނިމިފައިވާ އަނެއް ސައިޓަކީ މި ޕްރޮޖެކްޓު ފެށިއިރު ހިއްކި "ސައިޓު ޖޭ" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ