ގޯލްޑަން ފުޓްސަލް ޗެލެންޖަށް ވަރަށް ސަޕޯޓްކުރާ ކަމަށާއި އެކަމަކު، އެ މުބާރާތުގައި ކުޅެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅުންތެރިން ރިލީސް ދޭ ގޮތަށް ހަމަޖެހިފައި ނެތީ ނިއުގެ ވެސް ޕޮލިސީތަކަކާއި އުސޫލުތަކެއް ހުރުމުން ކަމަށް އެ ކްލަބްގެ ޗެއާމަން، އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.
ނިއުގެ އެކަޑަމީ މަސައްކަތް ފެށުމާއި އެ ކްލަބާ ގުޅޭ މައުލޫމާތުތައް ނޫސްވެރިންނަށް ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި މުބީން ވިދާޅުވީ، މި ދުވަސްވަރު ފޯރީގައި ކުޅެމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ނިއު ރޭޑިއަންޓް ކުޅުންތެރިންނަށް ނުކުޅެވޭތީ ގިނަ ޝަކުވާތަކެއް އަންނަ ކަމަށެވެ. މި ކަމުގައި ގިނަ ބަޔަކު ޝުއޫރުފާޅުކުރަނީ، ކްލަބުން މިކަމާ ގުޅޭގޮތުން ނިންމާފައި އޮތް ގޮތް ނޭނގޭތީކަން މުބީން ފާހަގަކުރެއްވި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗެއް ވެސް ޝަރަފްވެރި ކުުރެއްވި މުބީން ވިދާޅުވީ، އެ މުބާރާތަކީ އޭނާ ވަރަށް ސަޕޯޓް ކުރާ މުބާރާތެއް ކަމަށެވެ. އެހެން ނަމަވެސް ނިއު އިން ނިންމާފައި އޮތް ގޮތަކީ، އެ ކްލަބުން ބައިވެރިނުވާ މުބާރާތެއްގައި އެ ކްލަބްގެ ކުޅުންތެރިން ނުކުޅޭ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ހެދިފައި މި އޮތް ޕޮލިސީތަކުގައި ވަރަށް ރީއްޗަށް އެ ވާހަކަ ލިޔެފައި ހުންނާނީ، ދެން، މިހާތަނަށް ކުޅުނު ކުދިން ކުޅެފައި އެ ވަނީ، ފަސް ވަރަކަށް ޕްލޭޔަރަކު ކުޅެފައި ވެއްޖެ، މި ގޯލްޑަން ފުޓްސަލްގައި ވެސް، އޭގެއިން ބޭރުން ވެސް އެއް މުބާރާތެއް، ދެ މުބާރާތެއް ވަރު ކުޅެއްޖެ، އެ ކުޅުންތެރިންނާ ދޭތެރޭގައި އަޅުގަނޑުމެން ކްލަބުން އަޅަންޖެހޭ ފިޔަވަޅުތައް ވާނީ އަޅާފައި،" މުބީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮންމެ ކުޅުންތެރިއަކު ވެސް އަމިއްލަ ރަށް ތަމްސީލްކުރަން ބޭނުންވާނެ ކަމަށާއި އެކަން ނިއު އިން ވެސް ގަބޫލުކުރާ ކަމަށެވެ. އެކަމަކު، ކްލަބެއް ހިންގާއިރު، އެ ކްލަބުން ހަދާފައި ހުރި އުސޫލުތަކާ އެއްގޮތަށް ބޯލަނބައި އަމަލުކުރުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި މުބީން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ވެސް ވަރަށް ހިތާމަކުރަން އަޅުގަނޑުމެން ވެސް ވަރަށް ބޭނުންވޭ، މި ޕްލޭޔަރުން އެ ޕްލޭޔަރުންގެ ރަށް ރިޕްރެޒެންޓް ކުރެވޭ ގޮތަށް ވެގެން އަންނަން އެ ކަމު އަޅުގަނޑުމެންނަށް ސީޒަން ތެރޭގައި، އެއް މެޗާ އަނެއް މެޗާ ދޭތެރޭގައި މި ލިބެނީ، ފަސް ވަރަށް ކަަށް ދުވަސް ނޫނީ ގިނަ ވެގެން ހަ ދުވަސް، ދެން ރަނގަޅު ޓްރެއިނިން މި ހެދެނީ ތިން ދުވަސް. އެހެންވީމަ، އެެހެން މުބާރާތްތަކުގައި ކުޅުނީމަ ރިކަވަރީ އަށް ނޫނީ ތައްޔާރީ އަށް އަސަރުކުރޭ،" މުބީން ވިދާޅުވި އެވެ.
ނިއު އިން އެއްވެސް އިރެއްގައި އެހެން ކްލަބްތަކެއްގެ ވާހަކަ ނުދައްކާނެ ކަމަށާއި އެ ޓީމުން ނަގަހައްޓާނީ އެ ކްލަބްގެ އުސޫލުތައް ކަން މުބީން ފާހަގަކުރެއްވި އެވެ. އަދި، ނިއު އަކީ ބޮޑު ހޭދައެއްކޮށްގެން މި ސީޒަނާ ކުރިމަތިލި ޓީމެއް ކަމަށާއި، ތަފާތު އެކި މުބާރާތްތަކުގައި ކުޅުންތެރިން ކުޅެގެން ކްލަބަށް އޭގެ ގެއްލުން ކުރިމަތިވާނަމަ، ބޭނުންވާ މިސްރާބަށް ނުދެވޭނެ ކަމަށް މުބީން ވިދާޅުވެފައިވެ އެވެ.
"ނިއު ރޭޑިއަންޓުން މި އަންނަނީ ޔަގީނުން ވެސް ބޮޑު ހޭދައެއް ކޮށްގެން ކްލަބް މިހާތަނަށް މެނޭޖްކުރަމުން މި އައީ، އޭގެއިން ހައެއްކަ އަށެއްކަ ކުޅުންތެރިންނަށް ކުޅެން ފުރުސަތު ދިނީމަ މި ވާގޮތަކީ، ނިއު ރޭޑިއަންޓަކަށް ޓްރެއިނިން އެއް ނެހެދޭ. އެހެންވީމަ، އެ ޓްރެއިނިން ނަހަދައެއް މިހާރު މި ހޯދުނު ނަތީޖާއެއް ހަމަ އަށް ދާން ވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އުނދަގޫވެގެންދޭ. އެހެންވީމަ އަޅުގަނޑުމެންގެ ސްޓޭންޑް ވާނީ ކުޅުންތެރިންނާ ހިއްސާކޮށްފައި،" މުބީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދާދި ފަހުން ނިމުނު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު ފެށިގެން ހުރިހާ ޓީމެއް ވެސް ވަރަށް ރަނގަޅަށް ޕާފޯމް ކުރަމުން އައި ކަމަށެެވެ. އެކަމަކު، ވަކި ހިސާބަކުން ގިނަ ޓީމުތަކެއްގެ ކުޅުންތެރިން "އެކި ދިމަދިމާލަށް ދާން ހަދައިގެން" ޓީމުތަކުގެ ޓްރެއިނިންގައި، 15 ނޫނީ 17 ކުޅުންތެރިން ތިބޭ ދުވަސް ވެސް އަންނަ ކަމަށާއި އޭގެ ސަބަބުން ދެ ކޮޅަށް ޓީމު ބަހާލައިގެން ޓްރެއިނިން ހެދުމަށް ވެސް ކްލަބްތަކަށް ދަތިވެފައިވާ މަންޒަރު ފެނިފައިވާ ކަމަށް މުބީން ވިދާޅުވި އެވެ.
ނިއުގެ އުސޫލުތަކާ ހިލާފުވާ ކުޅުންތެރިންނަށް ފިޔަވަޅު އެެޅެން އޮތް ގޮތަށް ޕޮލިސީއާ އެއްގޮތަށް ފިޔަވަޅު އަޅައި، ޖޫރިމަނާ ކުރާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ. އަދި، އެ ކުޅުންތެރިންނަށް ނަސޭހަތް ދީގެން ވެސް ކަންކަން ހައްލުކުރަން ބެލި ކަމަށާއި، ކްލަބްގެ ބަސް އަހައިގެން ނުކުޅެ ތިބި ކުޅުންތެރިން ތިބި ކަން ވެސް ނިއު އިން ފާހަގަކުރި އެވެ.
މުބީން ވިދާޅުވީ، ގޯލްޑަން ފުޓްސަލް އާއި ކްލަބް މޯލްޑިވްސް އަށް ސަޕޯޓްކުރާ އެންމެ ބޮޑު ސަބަބަކީ، ދާދި ފަހުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ގައުމީ ފުޓްސަލް ޓީމުން ހުރިހާ މެޗަކުން މޮޅުވެ، ހޯދި ރަން ކާމިޔާބީގެ އަސްލަކީ އެ މުބާރާތްތައް ކަމަށް ވުން ކަމަށެވެ. އެކަމަކު، އެ މުބާރާތްތަކަށް ބަލައިގެން، ކްލަބްތަކުގެ މަސައްކަތް ވެސް ދޫކޮށްލެވެން ނެތް ކަމަށް މުބީން ފާހަގަކުރެއްވި އެވެ.
އެފްއޭއެމް އާއި ގޯލްޑަން ފުޓްސަލް އަދި ކްލަބް މޯލްޑިވްސް އިން މި ހުރިހާ ކަންކަމާ މަޝްވަރާކޮށްގެން ހައްލެއް ގެންނާނެ ކަަމަށް އުންމީދުކުރާ ކަމަށް މުބީން ވަނީ ވިދާޅުވެފަ އެވެ.
މުބީން ވަނީ ގޯލްޑަން ފުޓްސަލްގައި ދިން އިންޓަވިއުއެއްގައި، އެ މުބާރާތަކީ، ރާއްޖޭގެ ފުޓްސަލްގެ ކުރިމަގަށްޓަކައި، ގިނަ ގުނަ މަސައްކަތްތަކެއް ކުރި މުބާރާތެއްކަން ފާހަގަކުރައްވައިފަ އެވެ. އަދި، ރާއްޖޭގެ ގިނަ ރަށްރަށެއްގެ ޒުވާނުންނަށް ފުޓްސަލް އިން ކުރިއަށްދިއުމަށް ބޮޑު ފުރުސަތެއް ތަނަވަސްކޮށްދިން މުބާރާތެއް 10 ވަނަ އަހަރު ބޭއްވުމަކީ، ގޯލްޑަން ފުޓްސަލް އަށް ޝުކުރު ހައްގުވާ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
މީގެ އަށް ވަރަކަށް އަހަރު ކުރިން ވެސް ފުރަތަމަ ޑިވިޝަން ކްލަބްތަކުގެ ކުޅުންތެރިން ފުޓްސަލް މުބާރާތްތަކުގައި ކުޅެގެން ފިޔަވަޅު އަޅާފައިވެ އެވެ. އެފްއޭއެމް އިން މީގެ ކުރިން ވަނީ ފުޓްސަލް އާއި ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ވަކިކޮށް ކުރިއަށްގެންދިއުމުގެ މަސައްކަތް ކުރާނެ ކަމަށް އިއުލާނުކޮށްފަ އެވެ. އެކަމަކު، މީގެ އަށް ވަރަކަށް އަހަރުކުރިން އެ ދެއްކި ވާހަކައިގެ މާ ބޮޑު އަމަލީ ސިފައެއް ފެނިފައިނުވެ އެވެ.
ގޯލްޑަން އަށް ވަރަށް ސަޕޯޓްކުރަން، ނިއު ރޭޑިއަންޓްގެ ވެސް އުސޫލުތަކެއް އެބަހުރި: މުބީން ގޯލްޑަން އަށް ވަރަށް ސަޕޯޓްކުރަން، ނިއު ރޭޑިއަންޓްގެ ވެސް އުސޫލުތަކެއް އެބަހުރި: މުބީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ