ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް ދަށް ނަތީޖާއެއް!
ދުނިޔޭގެ އެކި ގައުމުތަކުގެ ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ބަލައި، ސާވޭތަކާއި މާހިރުންގެ ވަޒަންކުރުންތަކުގެ މައްޗަށް ބިނާކޮށް ކޮންމެ އަހަރަކު އެކުލަވާލާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖޭގެ ނަތީޖާ އަދިވެސް ކަންބޮޑުވާހާ ދަށުގައި އޮތްކަން މިދިޔަ އަހަރުގެ ނަތީޖާއިން ދައްކައިފި އެވެ.ބައިނަލްއަގްވާމީ ތިން މަސްދަރަކުން ލިބުނު މައުލޫމާތު މައްޗަށް ބިނާކޮށް، ރާއްޖެއަށް މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީޕީއައި)ގައި ލިބުނީ 39 ޕޮއިންޓެވެ. އެއީ ސީޕީއައިގައި ހިމެނޭ 182 ގައުމުގެ ލިސްޓުގައި 91 ވަނަ އެވެ.ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ބުނީ މިދިޔަ ފަސް އަހަރު ވެސް ރާއްޖޭގެ ސީޕީއައި ނަތީޖާ ހުރީ އެއް މިންވަރެއްގައި (38 އާއި 43އާ ދެމެދު) ހިފެހެއްޓިފައި ކަމަށެވެ."ރާއްޖޭގެ ސީޕީއައި ނަތީޖާ އަދިވެސް ހުރީ ކަންބޮޑުވާން ޖެހޭ ފަދަ ދަށް މިންވަރެއްގަ އެވެ،" ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.ސީޕީއައިގެ ނަތީޖާ މިއަދު އާންމުކުރިއިރު، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، އެއްވެސް ފިޔަވަޅެއް ނޭޅި، ކަންތައްތައް ދޫވެގެން ދާތީ އަބަދު ވެސް އެ ވާހަކަ ދެކެވެ އެވެ.ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމުގެ ކުރިން ދައްކާ އެއް ވާހަކައަކީ އޭސީސީ މިނިވަންކަމާއެކު ހިންގާނެ ވާހަކައާއި ގައުމުގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލާނެ ވާހަކައެވެ. ނަމަވެސް، މިހާތަނަށް އެކަން އޭގެ އެންމެ އެދެވޭ ގޮތަށް ހިނގާފައެއް ނުވެއެވެ.މިހާރު ވެސް އޭސީސީއަށް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހުށަހަޅާފައި، ނުބެލި އެބަހުއްޓެވެ. އެހެންވެ، އޭސީސީއަށް އަބަދުވެސް އާންމުންގެ ފާޑުކިޔުން އަމާޒުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ