ރޯދަ މަހު ފިހާރަތަކާއި ކެފޭ ހޮޓާ އަދި ރެސްޓޯރަންޓްތަކުން ހިދުމަތް ދެވޭ ގަޑިތައް އާންމުކޮށްފި

ކުރިއަށް އޮތް ރޯދަ މަހާ ގުޅުވާ މުދާ ވިއްކާ ތަންތަނާއި ކެއުން ބުއިމުގެ ހިދުމަތް ދޭ ތަންތަން ހުޅުވައިގެން ހިދުމަތް ދެވޭ ގަޑިތައް އާންމުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިއަދުން ފެށިގެން ރޯދަމާހައި އަންނަ ޝައްވާލު މަހުގެ ފުރަތަަމަ ހަތް ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށެވެ.
ހަމައެއާއެކު ރޯދަ މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ ކޮންމެ ދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ ކޮންމެ ދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ، ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި މުދާ ވިއްކާ ތަންތަން މަތީގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް އަންގާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީލާދީ ކަލަންޑަރަށް ބާލައިރު މި އަހަރުގެ ރޯދަ މަސް ފެށޭނެ ތާރީހަކީ މި މަހުގެ 18 ވަނަ ދުވަހެވެ. ރޯދަ ފެށެން ކުޑަތަން ވެފައި ވާއިރު، މި ވަގުތު ރޯދައަށް ވާން ޖެހޭ ތައްޔާރީތައް ވުމުގައި އާންމުންނާއި މުއައްސަސާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދޭ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މަސްދަޅު ކޭސް ދޫކުރަން ހަމަޖެހިފައިވާ އެންމެ ފަހު ތާރީހަކީ މާދަމާ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ