އެމްޑީޕީ ހިންގުމުގައި ނަޝީދު ބައިވެރިކުރުމާއެކު ޣަފޫރު ވަކިކުރާ މައްސަލަ އަނބުރާ ގެންގޮސްފި

އިދިކޮޅު މައި ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި، އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއާ ދެކޮޅަށް ހުށަހަޅައިފައި އޮތް އިތުބާރު ނެތްކަމުގެ މައްސަލަ މިރޭ އަނބުރާ ގެންގޮސްފިއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަކީ ޕާޓީގެ އެތެރޭގައި މިހާރު ހުރި ނުތަނަވަސްކަން ހައްލުކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. ޖަލްސާ ނިންމާލުމަށްފަހު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޣަފޫރު ވިދާޅުވީ، ޑެޕިއުޓީ ޗެއާ އިބްރާހީމް ވަހީދު ވަކިކުރުމަށް ފޮނުއްވި ސިޓީ މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެއާއެކު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ޣަފޫރާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އަނބުރާ ގެންގޮސްފައިވާކަން ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި އިއުލާން ކުރައްވާފައެވެ. މި ނިންމުންތައް ނިންމާފައިވަނީ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީ ހިންގުމުގެ ކަންކަމުގައި ބައިވެރިކުރުމަށް މަޝްވަރާ ކުރެވި، އެއްބަސްވުމަކަށް އާދެވުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. މިއީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ނައްތާލައި، ޕާޓީ އެކަތިގަނޑަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ. މިރޭގެ ސިއްރު ބައްދަލުވުމުގައި ޕާޓީގެ އިސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާއިރު، މި ނިންމުމާއެކު ޕާޓީގެ އިދާރީ ހިންގުމަށް ކުރިމަތިވެފައިވާ ހުރަސްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ޕާޓީގެ މެންބަރުން އުންމީދު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ