ޔޫޓިއުބް ޕްރީމިއަމް އާއި ޔޫޓިއުބް މިއުޒިކްގެ އަގުތައް ބޮޑުކޮށްފި

ޔޫޓިއުބް ޕްރީމިއަމް އާއި ޔޫޓިއުބް މިއުޒިކްގެ ޚިދުމަތްތަކުގެ އަގު ބޮޑުކުރުމަށް އެ ކުންފުނިން ނިންމައިފި ކަމަށް ޓެކްކްރަންޗް އިން ރިޕޯޓްކޮށްފިއެވެ. ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބުން ބުނިގޮތުގައި މި ބަދަލަކީ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށާއި ކޮންޓެންޓް އުފައްދާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ގެނައި ބަދަލެކެވެ. މި ބަދަލާއެކު ޔޫޓިއުބް ޕްރީމިއަމްގެ އިންޑިވިޖުއަލް ޕްލޭންގެ އަގު ވަނީ 13.99 ޑޮލަރުން 15.99 ޑޮލަރަށް އުފުލިފައެވެ. އަދި ފެމިލީ ޕްލޭންގެ އަގު 22.99 ޑޮލަރުން 26.99 ޑޮލަރަށް ބޮޑުވެފައިވާއިރު، އިޝްތިހާރު ނުފެންނަ ގޮތަށް ހުންނަ "ޕްރީމިއަމް ލައިޓް" ޕްލޭންގެ އަގު ވަނީ 7.99 ޑޮލަރުން 8.99 ޑޮލަރަށް ބޮޑުކޮށްފައެވެ. https://sun.mv/217810 މީގެ އިތުރުން ޔޫޓިއުބް މިއުޒިކްގެ އަގުތަކަށް ބަލާއިރު، އިންޑިވިޖުއަލް ޕްލޭން 10.99 ޑޮލަރުން 11.99 ޑޮލަރަށް ބޮޑުވެފައިވާއިރު، ފެމިލީ ޕްލޭންގެ އަގު ވަނީ 16.99 ޑޮލަރުން 18.99 ޑޮލަރަށް ބަދަލުވެފައެވެ. ޔޫޓިއުބުން ބުނިގޮތުގައި މި އާ އަގުތަކަކީ މިހާރު ޚިދުމަތް ބޭނުންކުރާ ފަރާތްތަކާއި އަލަށް ގުޅޭ ފަރާތްތަކަށްވެސް ހިނގާނެ އަގުތަކެކެވެ. މިހާރު ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް، އަގަށް ބަދަލު އައުމުގެ 30 ދުވަސް ކުރިން އީމެއިލް މެދުވެރިކޮށް އެކަން އަންގާނެއެވެ. މިއީ 2023 ވަނަ އަހަރަށްފަހު ޔޫޓިއުބުން އަގުތައް ބޮޑުކުރި ފުރަތަމަ ފަހަރެވެ. 2025 ވަނަ އަހަރުގެ މާރިޗް މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޔޫޓިއުބް ޕްރީމިއަމް އާއި މިއުޒިކް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ވަނީ 125 މިލިއަނަށް އަރާފައެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު އެހެން ސްޓްރީމިންގް ޚިދުމަތްތައް ކަމަށްވާ ނެޓްފްލިކްސް، ސްޕޮޓިފައި، އެމެޒޯން ޕްރައިމް އަދި ޑިޒްނީ ޕްލަސް އިންވެސް ވަނީ އެކި ފަހަރުމަތިން އަގުތައް ބޮޑުކޮށްފައެވެ. ޔޫޓިއުބުން އެންމެ ފަހުން އެކުންފުނީގެ ސަބްސްކްރިޕްޝަން އަގުތަކަށް ބަދަލެއް ގެނެސްފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެފަހަރު ޔޫޓިއުބް ޕްރީމިއަމްގެ އަގު 11.99 ޑޮލަރުން 13.99 ޑޮލަރަށް ބޮޑުކުރިއިރު، މިއީ ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ގެނައި ބަދަލެކެވެ. އަގުތައް ބޮޑުވަމުން ދިޔަ ނަމަވެސް، ޔޫޓިއުބް ޕްރީމިއަމް ބޭނުންކުރާ މީހުންގެ އަދަދު ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. އެގޮތުން 2024 ވަނަ އަހަރު 100 މިލިއަން ސަބްސްކްރައިބަރުން ތިބިއިރު، 2025 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް މި އަދަދު ވަނީ 125 މިލިއަނަށް އަރާފައެވެ. މީގެ އިތުރުން، ސްޓްރީމިންގެ ދާއިރާގައި ހިމެނޭ ނެޓްފްލިކްސް، ސްޕޮޓިފައި އަދި ޑިޒްނީ ޕްލަސް ފަދަ ބޮޑެތި ކުންފުނިތަކުން ވެސް އަންނަނީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އާމްދަނީ އިތުރުކުރުމަށްޓަކައި ސިލްސިލާކޮށް އަގުތަކަށް ބަދަލުތައް ގެންނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ