ރޯދަ މަހު ދުވާލު ކެއި ކަމަށް ބުނާ މީހެއްގެ މައްޗަށް ދައުވާކޮށްފި

ރޯދަ މަހު، ރޯދަ ނުހިފައި ދުވާލު ކެއިކަމަށް ބުނާ ދިވެހި ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުވާކޮށްފައިވަނީ ދެކުނުގެ ރަށަކަށް ނިސްބަތްވާ ދިވެހި ފިރިހެނެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑު އެހުމެއް އާދިއްތަ ދުވަހު ކުރިއަށް ގެންދިޔުމަށްވަނީ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައެވެ. މިދިޔަ ރޯދަ މަހު، މާލެ ސަރަހައްދުން ރޯދަ ނުހިފައިގެން އެކި ފަހަރު މަތިން ހައެއްކަ މީހުން ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފައިވެއެވެ. ރަމަޟާން މަހު ދުވާލު އިރު އޮއްސުމުގެ ކުރިން، ޝަރުޢީ އުޒުރެއް ނެތި އާންމު ތަންތަނުގައި ކައިބޮއެ ހެދުމަކީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެކެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 611 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމީ ޝަރީޢަތުގައި ރޯދަ ހިފުން ވާޖިބުވެގެންވާ މީހަކު، ރަމަޟާން މަހުގެ ދުވާލު ވަގުތެއްގައި އެއްވެސް ޝަރުޢީ އުޒުރެއް ނެތި އާންމު ތަނެއްގައި ކެއުމާއި، ބުއިމާއި ނުވަތަ ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ކުށެކެވެ. ގާނޫނުލްއުގޫބާތުގެ 611 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން އެއީ ޖުނަޙްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. ޖުނަޙްގެ ތިން ވަނަ ދަރަޖައިގެ ކުށަކަށް ދެވޭނެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ކުށުގެ ހާލަތަށް ރިއާޔަތްކޮށް އަދަބުގެ މިންވަރު ބަދަލުވުމުގެ ފުރުސަތު އޮވެއެވެ. އަދި ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ ނުވަތަ މުޖުތަމައަށް ފައިދާހުރި މަސައްކަތް ކުރުން ފަދަ އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. ​މީގެ އިތުރުން، އިސްލާމް ދީނުގެ ޙުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބަލައި، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންވެސް ފިޔަވަޅު އެޅިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ