ސްކޯލާޝިޕް ދަރިވަރުންނަށް މިދިޔަ އަހަރު 222 މިލިއަން ރުފިޔާ ދޫކުރި

ސަރުކާރުގެ ސްކޯލާޝިޕްތަކުގައި ކިޔަވާ ކުދިންނަށް މިދިޔަ އަހަރު 222 މިލިއަން ރުފިޔާ ދޫކުރި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީން މިއަދު ވަނީ މިނިސްޓްރީގެ ލޯނު އަދި ސްކޯލާޝިޕްތަކުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ކުދިންނަށް ދޫކޮށްފައިވާ ފައިސާއާ ގުޅޭ ހިސާބުތައް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
ތަފްސީލް - އެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ 2024 އިން 2025އާ ހަމައަށް: 
ސްކޯލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް 471 މިލިއަން ރުފިޔާ ދޫކުރި
މިދިޔަ އަހަރު އެކަނި ވެސް ސްކޯލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް 222 މިލިއަން ރުފިޔާ ދޫކޮށްފައިވޭ
ލޯނު ސްކީމުތަކުގައި ކިޔަވާ ދަރިވަރުންނަށް 1.2 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައި
މިދިޔަ އަހަރު އެކަނި ވެސް 548 މިލިއަން ރުފިޔާ ލޯނު ސްކީމުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރި
ސަރުކާރުގެ ސްކޮލާޝިޕް މިދިޔަ އަހަރު 205 ދަރިވަރުންނަށް ވަނީ ދީފަ އެވެ. އަދި އެ ސްކީމުތަކުގެ ދަށުން ކިޔަވަމުން އައި 180 ދަރިވަރުން މިދިޔަ އަހަރު ވަނީ ދަސްވެނިވެފަ އެވެ. އެގޮތުން:
މިވަގުތު ރާއްޖެއިން ބޭރުގެ 20 ގައުމެއްގައި މި ސްކީމުތަކުގެ ދަށުން 602 ދަރިވަރުން އަންނަނީ ކިޔަވަމުން؛ އެއީ 214 ފިރިހެން ދަރިވަރުންނާއި 388 އަންހެން ދަރިވަރުން
މިދިޔަ އަހަރު 390 ދަރިވަރަކަށް ސްކޯލާޝިޕް ޕްލޭސްމެންޓު ލިބިފައިވޭ
މަތީ ތައުލީމުގެ ލޯނު ސްކީމުގެ ދަށުން މިދިޔަ އަހަރު 596 ދަރިވަރަކު ވަނީ ކިޔަވަން ފަށައިފަ އެވެ. އަދި އެ ސްކީމުގެ ދަށުން ކިޔެވި 660 ދަރިވަރުން މިދިޔަ އަހަރު ވަނީ ގްރެޖުއޭޓުވެފަ އެވެ. އެގޮތުން:
ސަރުކާރުގެ ލޯނު ސްކީމުތަކުގެ ދަށުން ކިޔެވުމަށް މިދިޔަ އަހަރު ހުޅުވާލީ 500 ފުރުސަތު؛ ނަމަވެސް 862 ދަރިވަރުންނަށް އެ ފުރުސަތު ދީފައިވޭ
މިވަގުތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 36 ގައުމެއްގައި ލޯނު ސްކީމުގެ ދަށުން 1،740 ދަރިވަރުން އަންނަނީ ތައުލީމު ހާސިލް ކުރަމުން؛ އެއީ 668 ފިރިހެން ދަރިވަރުންނާއި 1،072 އަންހެން ދަރިވަރުން
ފާހަގަ ކުރެވޭ - ސަރުކާރުގެ ސްކޯލާޝިޕް އަދި ލޯނު ސްކީމުތަކުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ލިބެންޖެހޭ ސްޓައިޕެންޑާއި ޓިއުޝަން ފީ ލިބުން ލަސްވާކަމުގެ ޝަކުވާ އޮވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ