ގއ. ޑްރަގު ނެޓްވޯކް: ބައެއް މީހުންގެ އެކައުންޓުތަކުގައި 20 މިލިއަނުން ދައުރުކުރި؛ ޖުމްލަ 70 މިލިއަނަށް ވުރެ ގިނަ

ޑްރަގު ވިޔަފާރިކޮށް، އެ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހޯދުމަށް ފުލުހުން ފެށި 'އޮޕަރޭޝަން އަލިމަގު'ގެ ދަށުން އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރެއިން ބައެއް މީހުންނާ ގުޅުން ހުރި އެކައުންޓުތަކުގައި އެކި ދުވަސް މަތިން މަދުވެގެން 20އަކަށް މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަން 'ދައުރު'އަށް އެނގިއްޖެ އެވެ. އޭގެ އިތުރުން، މި ނެޓްވޯކުން އެކި އެކައުންޓުތަކުގައި ދައުރު ކުރި ފައިސާގެ އަދަދު ޖުމްލަ 70 މިލިއަން ރުފިޔާއަށް ވުރެ ގިނަ އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިދިޔަ ނޮވެމްބަރު މަހު ފެށި 'އޮޕަރޭޝަން އަލިމަގު' އިއްޔެ ކުރިއަށްގެންދިޔައީ މާލެ އާއި ގއ.ގެ ރަށްތަކުގަ އެވެ. އެގޮތުން، ގއ. އަތޮޅަށް ޑްރަގު އެތެރެކޮށް އޭގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކުރި އެވެ. ރޭ ފުލުހުން ވަނީ އެ މީހުންގެ ވަނަވަރު ހާމަކޮށްފަ އެވެ. 
ތަފްސީލު - އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، އެ މީހުންނަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި މަނީލޯންޑާ ކުރުމުގެ ތުހުމަތު ވެސް ހިމެނެ އެވެ. އަދި އެ މީހުން ފުލުހުން އަތުލައިގެންފައި ވަނީ، ގިނަ ދުވަސްތަކެއް ވަންދެން އެ މީހުންގެ ހަރަކާތްތަކަށް ފާރަލަމުން ގޮހެވެ.
"ހައްޔަރު ކުރި މީހުންގެ ތެރެއިން ބައެއް މީހުން އެބަހުރި 20 މިލިއަނުން މަތިން އެކައުންޓުތަކުގައި ދައުރުކޮށްފައި. އެއީ އެ މީހުންނަށް ލިބޭ އަސްލު އާމްދަނީއާ ނުބައްދަލު އަދަދެއް،" މިކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
"އޭގެ އިތުރުން، މުޅި ޖުމްލަ އެކި އެކައުންޓުތަކުން ދައުރު ކުރި ފައިސާގެ އަދަދު 70 މިލިއަން [ރުފިޔާއިން] މަތިވާނެ."
ހައްޔަރު ކުރި ހަތަރު މީހުންނަކީ ގއ. ވިލިނގިއްޔަށް ނިސްތްވަތާ 28 އަހަރާއި 35 އަހަރާ ދެމެދުގެ ފިރިހުންނެވެ. އެއީ:
އަހްމަދު އަނާމް އިބްރާހިމް، 30، އައިޒަން/ގއ. ވިލިނގިލި
ޝައްފާހް ލަތީފް، 28، ޝެވޯނާ/ގއ. ވިލިނގިލި
އަހްމަދު މަދީހު، 33، މިޔުޒިކީއާގެ/ގއ. ވިލިނގިލި
ނޫރުއްނިޒާމް، 35، އަރާއިރުގެ/ގއ.ވިލިނގިލި
އަނާމް އާއި މަދީހު ހައްޔަރުކޮށްފައިވަނީ، އެނގިފައިވާ ގޮތުގައި، މާލެ ސަރަހައްދުންނެވެ. ދެން ތިބި މީހުން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލިންނެވެ.
ގުޅުން ހުރި - އަނާމްއަކީ މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެކެވެ. އޭނާ ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގަ އެވެ. 
މި އޮޕަރޭޝަންގައި އަނާމް ހައްޔަރު ކުރުމާ ގުޅިގެން އޭނާއަށް ރައީސް އޮފީހުން ފިޔަވަޅެއް އެޅިކަން އަދި ނޭނގެ އެވެ. އެކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް 'ދައުރު'ން މަސައްކަތް ކުރި ނަމަވެސް، އެ އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ