އީރާނުގެ އަސްކަރީ އެޓާޗޭ އާއި އެމްބަސީގެ ތިން މުވައްޒަފަކު ސައޫދީން 24 ގަޑިއިރުގެ ތެރޭ ފުރަން އަމުރުކޮށްފި

ސައޫދީ އަރަބިއްޔާގައި ތިބި އީރާނުގެ މިލިޓަރީ އެޓާޗޭ އާއި އޭނާގެ އެހީތެރިޔާ އާއި އެމްބަސީގެ ތިން މުވައްޒަފަކު 24 ގަޑިއިރުގެ ތެރޭގައި ސައޫދީ އަރަބިއްޔާއިން ފުރައިގެން ދިޔުމަށް ސައުދީ ސަރުކާރުން އަމުރުކޮށްފި އެވެ.
ސައުދީ ސަރުކާރުން ބުނީ އެ ފިޔަވަޅު އެޅީ ހުއްޓުމެއް ނެތި އީރާނުން ސައުދީއަށް ހަމަލާތައް ދެމުންދާތީ ކަމަށެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ފެށުނީއްސުރެ އީރާނުންދަނީ ސައުދީ އަރަބިއްޔާ އަށް އެތައް ސަތޭކަ މިސައިލްތަކާއި ޑްރޯންތަކުން ހަމަލާ ދެމުންނެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ހަމަލާތައް ވަނީ ހުއްޓުވައިފަ އެވެ.
އީރާނުގެ ތުހުމަތަކީ އެ ގައުމާ ދެކޮޅަށް އެމެރިކާ އާއި އިޒުރޭލުން ހަމަލާތައް ދިނުމަށް ސައުދީ ހިމެނޭ ގޮތަށް މެދުއިރިމަތީގައި ހުންނަ އެމެރިކާގެ ބޭސްތައް ބޭނުން ކުރުމެވެ.
ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ ހަމަލާތައް ހުއްޓުމެއް ނެތި ދެމުންދާ ނަމަ ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެ، އަދި މުސްތަގުބަލުގެ ގުޅުމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ.
އީރާނާ ދެކޮޅަށް އަސްކަރީ ގޮތުން ފިޔަވަޅު އެޅުމުގެ ހައްގު ސައުދީއަށް ލިބިގެންވާ ކަމަށާއި އީރާނަށް ކުރާ އިތުބާރު ގެއްލިފައިވާ ކަމަށް ސައުދީގެ ހާރިޖީ ވަޒީރު ބުދަ ދުވަހު ވިދާޅުވި އެވެ.
ސަޢޫދީ އަރަބިއްޔާއާއި އީރާނާ ދެމެދު ސިޔާސީ ގުޅުން އަލުން ގާއިމުކޮށްފައި ވަނީ 2023 ވަނަ އަހަރު އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ އާއި ގަލްފުގެ އަވަށްޓެރި ގައުމުތަކަށް އީރާނުން ދިން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ތެލާއި ގުދުރަތީ ގޭސް އެކްސްޕޯޓް ކުރުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ