ދަރުމައަށްކުރާ މަސައްކަތުގެ ބަދަލު ހެޔޮގޮތުގައި ލިބޭނެ: އަލްޔަން

އިޖުތިމާޢީ ޚިދުމަތާއި ދަރުމަވެރިކަމުގެ ދާއިރާއަކީ އަމިއްލަ އެދުމެއް ނެތި، އިންސާނިއްޔަތަށްޓަކައި ކުރެވޭ މާތް މަސައްކަތެކެވެ. މި ދާއިރާގައި ފާހަގަކޮށްލެވޭ އެކަކީ ޢަބްދުއްﷲ އަލްޔަންއެވެ. އޭނާ ދެކޭގޮތުގައި ކޮންމެ މަސައްކަތަކީ އޭގެ ބަދަލުގައި ފައިސާ ލިބެންޖެހޭ މަސައްކަތެއް ނޫނެވެ. ބައެއް ކަންކަމަކީ ހިތުގެ އިޚްލާޞްތެރިކަމާއެކު ދަރުމައަށް ކޮށްދޭންޖެހޭ ކަންކަމެވެ.
އަލްޔަން ސުކޫލް ނިންމާލުމަށްފަހު ކުރިއަށްދާނެ ވަކި ދާއިރާއެއް އިޚްތިޔާރު ކުރުމުގެ ތެރޭގައި، 2016 ވަނަ އަހަރު ރެޑް ކްރެސެންޓުން އިޢުލާންކުރި ފުރުޞަތެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ އޭރު ރާއްޖޭގައި ފެތުރެމުންދިޔަ އެޗް1 އެން1 އައުޓްބްރޭކާ ގުޅިގެން ހުޅުވާލި ފުރުޞަތެކެވެ. މި މަސައްކަތުގެ ތެރެއިން އަލްޔަންއަށް ގިނަ ތަމްރީނުތަކެއް ލިބި، މަސައްކަތަށް ހިތްޖެހުނެވެ.
އަލްޔަން ބުނިގޮތުގައި ސުކޫލް ދައުރުގައި އޭނާގެ އެންމެ ބޮޑު ޝައުޤުވެރިކަމެއް ހުރީ ނެވިގޭޝަންގެ ދާއިރާއަށެވެ. ނަމަވެސް، ކަނޑުމައްޗަށް ބަލިވުމުގެ ސަބަބުން އެ ދާއިރާއިން ކުރިއަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވިއެވެ. ދަރުމަވެރިކަމުގެ ދާއިރާއަށް ވަދެވުމަކީ އޭނާގެ ދިރިއުޅުމުގެ މިސްރާބު މުޅިން ބަދަލުކޮށްލި ކަމެކެވެ.
ދަރުމަވެރިއެއްގެ ގޮތުގައި ކުރި ފުރަތަމަ ތަޖުރިބާ އަލްޔަން ހިއްސާކުރީ ވަރަށް ޝައުޤުވެރިކަމާއެކުގައެވެ. އެޗް1 އެން1 ގެ ދުވަސްވަރު ގޭގެއަށް ގޮސް، އެކި ފަންގިފިލާތަކަށް އަރައި މަޢުލޫމާތު އެއްކުރުމަކީ އޭނާއަށް އާދަޔާޚިލާފު ތަޖުރިބާއަކަށް ވިއެވެ. މި މަސައްކަތުގެ ތެރެއިން އޭނާއަށް ފާހަގަވީ ދަރުމަވެރިކަމަށް މީހުން ހޭލުންތެރިވެފައިވާ މިންވަރު ކުޑަކަމެވެ. އަލްޔަން ބުނިގޮތުގައި އަލްޔަންގެ މަސައްކަތާއި މެދު މީހުން ވަރަށް ސުވާލު އުފެއްދިކަމަށެވެ. ލާރި ނުލިބޭ މަސައްކަތެއްކަމަށް ދެކި ވާހަކަ ދެކެވުނުކަމަށް އަލްޔަން ބުނިއެވެ. އެހެންނަމަވެސް އެމީހުންނަށް އަލްޔަންދިނީ ވަރަށް ފުން މާނައެއް އެކުލެވޭ ފުރިހަމަ ޖަވާބެކެވެ. އަލްޔަން ބުނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ، އޭގެ ބަދަލު އެއަށްވުރެ ހެޔޮގޮތުގައި އަނބުރާ ލިބޭނެ ކަމެއްކަމަށެވެ.
"ބައެއް މީހުން އަހާ ކީއްކުރަން ކުރާ ކަމެއްހޭ، ލާރި ނުލިބޭ ކަމެއް ނޫންހޭ. އެކަމަކު އަހަރެން ގަބޫލުކުރަނީ މީހަކަށް ބޭނުންޖެހޭ ވަގުތު އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ، އޭގެ ބަދަލު އެއަށްވުރެ ހެޔޮގޮތުގައި އަނބުރާ ލިބޭނެ ކަމެއްކަން،" އަލްޔަން ބުންޏެވެ. އާންމު ދިރިއުޅުމުގައި ފެންނަ މަންޒަރުތަކާއި، މިފަދަ ޚިދުމަތެއްގައި އުޅޭއިރު ފެންނަ މަންޒަރުތައް ހާސްބައި ތަފާތުކަމާއި، މީހުން އެހީތެރިކަމަށް ބޭނުންވެފައިވާ މިންވަރު އޭނާއަށް ވަނީ ވަރަށް ގާތުން ފެނިފައެވެ.
މިއަދު އަލްޔަންއަކީ ހަމައެކަނި ދަރުމަވެރިއެއް ނޫނެވެ. އޭނާއަކީ ތަމްރީނު ލިބިގެން އެހެން މީހުންނަށް ފަސްޓް އެއިޑް ފަދަ ތަމްރީނުތައް ދޭ މީހެކެވެ. ކަނޑުމައްޗަށް ބަލިވި ނަމަވެސް، އޭނާ ދަނީ ރަށްރަށަށް ދަތުރުކޮށް މީހުން ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ދަރުމަވެރި މަސައްކަތުގެ އިތުރުން، އަލްޔަން ވަޒީފާ އަދާކުރަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައެވެ. އެތަނަށް ވަނީ ހެވީ ވެހިކަލްތަކަށް ހުންނަ ޝައުޤެއްގެ ބޮޑުކަމުންނެވެ. ނަމަވެސް، ރެޑް ކްރެސެންޓުން ލިބުނު ތަޖުރިބާގެ އަލީގައި، އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ އެމްޕީއެލްގެ ހެލްތް އެންޑް ސޭފްޓީ ޑިޕާޓްމަންޓުގައެވެ. މިއީ ދަރުމަވެރިކަމުގެ ތެރެއިން ލިބުނު ހުނަރުތައް އަމަލީ މައިދާނުގައި ބޭނުންކުރެވޭނެކަމުގެ ރީތި މިސާލެކެވެ.
ރެޑް ކްރެސެންޓާ ގުޅުމަކީ އަލްޔަންގެ ދިރިއުޅުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ތަފާތު މީހުންނާ ބައްދަލުވެ، ދިރިއުޅުމުގެ ހަގީގަތްތައް ދަސްވިއެވެ. އަލްޔަން ދޭ މެސެޖަކީ ދަރުމައަށް މަސައްކަތް ކުރުމަކީ ވަކި އުމުރެއް އޮތް ކަމެއް ނޫންކަމެވެ. ކޮންމެ މީހަކަށްވެސް، ކޮންމެ އުމުރެއްގައިވެސް މުޖުތަމަޢަށް ޚިދުމަތް ކުރެވިދާނެއެވެ. އަދި އެކަމުން ލިބޭ ހިތްހަމަޖެހުމާއި ދަރުމައަކީ ފައިސާއަށްވުރެ މާ އަގުބޮޑު އެއްޗެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ