ވިލިމާލޭގެ ފެހިކަން ދެމެހެއްޓުމަށް ހައުސިން ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަނީ

ވިލިމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ތެރެއިން އެއް ޓަވަރު، އެ ރަށުގެ ފެހިކަން ދެމެހެއްޓުމުގެ ގޮތުން އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ތެރެއިން އެއް ޓަވަރު އަޅަން ކުރިން ނިންމި ތަނުގެ ބަދަލުގައި އެހެން ސަރަހައްދެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. މި ބަދަލު ގެންނެވީ އެ ސަރަހައްދުގައި ހުރި ދުވަސްވީ ބޮޑެތި ގަސްތައް ކަނޑަން ޖެހޭތީ ޢާންމުންނާއި ތިމާވެށީގެ ޙައްޤުގައި މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވިލިމާލޭގައި ހަދާ ހައުސިން ޔުނިޓުތަކުގެ މަޝްރޫއު ކުރިއަށްގެންދަން ކުރިން ރާވާފައި އޮތީ ވިލިމާލޭގައި އެންމެ ގިނައިން ގަސް ހުރި ”ފުނަވާ“ ސަރަހައްދުގައެވެ.
މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި، ނަމަވެސް ބިން ހޯދުމުގައި ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އަލަށް ހިއްކާ ބިންތަކަކީ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ބިންތަކަށް ވާތީ ފްލެޓް އެޅުމަށް ބިން ހޯދުން ދަތި ނަމަވެސް، ސަރުކާރުގެ ސިޔާސަތަކީ ބޮޑެތި ފުނަގަސްތައް ނުކަނޑައި މަޝްރޫޢު ކުރިއަށް ގެންދިއުން ކަމަށް ވެސް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ބިންގާ އަޅާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 17 ފަންގިފިލާގެ ތިން ޓަވަރު އެޅުމަށް ހަމަޖެހިފައިވާ އިރު، ކޮންމެ އެޕާޓްމަންޓެއްގައި 900 އަކަފޫޓު ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ