ޓްރަމްޕަށް މަރުގެ އިންޒާރު ދިނުމުގެ ދައުވާ އެފްބީއައިގެ ކުރީގެ ވެރިޔާ މައްޗަށް އުފުލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި، އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ޖޭމްސް ކޯމީގެ މައްޗަށް ދައުވާ އުފުލާފައިވާކަން ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން އަންގާރަ ދުވަހު އިޢުލާނުކޮށްފިއެވެ. މި ކުށް ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ދިހަ އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.
ޑީއޯޖޭ އިން ތުހުމަތުކުރާ ގޮތުގައި، 2025 ވަނަ އަހަރުގެ މޭ މަހު ކޯމީ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއްގައި، ފިނިހަކަ ތޮށިތަކަކުން '86 47' މި ނަންބަރުތައް ޖަހާފައިވާ މަންޒަރަކީ، "އެމެރިކާގެ ރައީސަށް ގެއްލުމެއް ދިނުމުގެ ސީރީއަސް ނިޔަތެއް އޮތްކަން ހާމަކޮށްދޭ" ކަމެކެވެ.
ޓްރަމްޕަށް ތާއިދުކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި '86' އަކީ މީހަކު ނައްތާލުމަށް ބޭނުންކުރާ އާންމު ބަހެކެވެ. އަދި ކޯމީގެ މި ޕޯސްޓަކީ 47 ވަނަ ރައީސްގެ ގޮތުގައި ހުންނެވި ޓްރަމްޕް އަވަހާރަކޮށްލުމަށް ގޮވާލި ގޮވާލުމެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.
ކޯމީ މި ތުހުމަތުތަކަށް އިންކާރު ކުރައްވަމުން ވިދާޅުވީ، "އެ ނަންބަރުތަކަކީ އަނިޔާވެރިކަމާ ގުޅުންހުރި އެއްޗެއްކަން ބައެއް މީހުން ގަބޫލުކުރާކަން އެނގިވަޑައިނުގަންނަވާ" ކަމަށެވެ. އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމާއެކު އޭނާ ވަނީ އެ ޕޯސްޓް ފަހުން ފޮހެލާފައެވެ.
"އެމެރިކާގެ ރައީސްގެ ފުރާނައަށް ނުރައްކާވާ ފަދަ އިންޒާރު ދިނުމަކީ މި ގައުމުގެ ގާނޫނުތަކާ ޚިލާފު ބޮޑު ކުށެއް،" އެކްޓިންގ އެޓަރނީ ޖެނެރަލް ޓޮޑް ބްލާންޗް ވިދާޅުވިއެވެ. "މި ގައުމުން މިހާރު ވަނީ ރައީސް ޓްރަމްޕާއި އިންތިޚާބީ އެހެން މަސްއޫލުވެރިންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާވެރި އަމަލުތަކާއި ހަމަނުޖެހުންތައް ތަޖުރިބާކޮށްފައި." އޭނާ އިތުރަށް ވިދާޅުވިއެވެ.
މި ދައުވާ އުފުލާފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު ވޮޝިންގޓަން ޑީސީ ގައި ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރގައި ޓްރަމްޕް އަވަހާރަކޮށްލަން ދިން ނާކާމިޔާބު ހަމަލާއަށް ފަހުގައެވެ. މީގެ އިތުރުން، 2024 ވަނަ އަހަރުގެ އިންތިޚާބީ ކެމްޕޭނުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ ދެ ފަހަރެއްގެ މަތިން ދިން ހަމަލާތަކުން ސަލާމަތްވެވަޑައިގެންފައެވެ.
2013 އިން 2017 އަށް ކުރީގެ ރައީސް ބަރަކް އޮބާމާގެ ދަށުން އެފްބީއައި ގެ އިސްވެރިޔާގެ މަގާމު ފުރުއްވި ކޯމީއަކީ އަބަދުވެސް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އޭނާގެ ހަނދާނީ ފޮތުގައި ޓްރަމްޕް ސިފަކުރައްވާފައިވަނީ "މާފިއާ ގޭންގުތަކުގެ ވެރިއެއްގެ" ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ