މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް އަލުން އައްޔަންކޮށް، އެ ކޮމިޓީގެ މުގައްރިރުކަން ދީފި އެވެ.
ދާއިރާގެ މެންބަރުންނަށް އަސްމާ ފޮނުއްވި މެސެޖެއްގެ މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އުފެދުނު ހިޔާލުތަފާތުވުމެއްގައި އިޖުތިމާއީ ކޮމިޓީން އަސްމާ ވަކިކުރެއްވީ 1 ޑިސެންބަރު 2025ގައެވެ.
އެ ބަދަލާއެކު އަސްމާގެ ބަދަލުގައި އެ ކޮމިޓީއަށް އައްޔަންކުރީ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އެވެ. އަދި ކޮމިޓީ މުގައްރިރަކަށް އިންތިހާބު ކުރީ، މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް އެވެ.
ނަމަވެސް އިޖްތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަސްމާ ވަނީ އަލުން އެ ކޮމިޓީއާ ގުޅިވަޑައިގެންފަ އެވެ.
އެކަން ފާހަގަކުރެއްވުމަށްފަހު ކޮމިޓީގެ މުގައްރިރުކަމުން މުސްތަފާ އިސްތިއުފާ ދެއްވި އެވެ. މުސްތަފާ އިސްތިއުފާ ދެއްވި ހިސާބުން ރިޔާސަތަށް ވަޑައިގެންނެވީ ނައިބު މުގައްރިރު، ކާށިދޫ ދާއިރާގެ ޕީއެންސީ މެންބަރު މުންތަސިމް އިބްރާހިމް އެވެ.
ރިޔާސަތަށް ވަޑައިގެން ކޮމިޓީގެ މުގައްރިރަކު އިންތިހާބު ކުރުމުގެ މަސައްކަތް އޭނާ ފެއްޓެވި އެވެ. އެކަމަށް ނަމެއް ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި އަސްމާގެ ނަން މުގައްރިރު ކަމަށް ހުށަހެޅުއްވީ، ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ އެވެ. ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް އެވެ.
ކޮމިޓީގެ އިއްތިފާގުން އެ ހުށަހެޅުން ފާސްކޮށް އަސްމާ ކޮމިޓީގެ މުގައްރިރަކަށް އިންތިހާބު ކުރުމުން، އެކަން އިއުލާން ކުރުމަށްފަހު ނައިބު މުގައްރިރުކަމުން މުންތަސިމް އިސްތިއުފާ ދެއްވި އެވެ.
އެއަށްފަހު އަސްމާ ކޮމިޓީގެ ރިޔާސަތަށް ވަޑައިގެން ނާއިބު މުގައްރިރެއް އިންތިހާބު ކުރި އެވެ. އެ މަގާމަށް އިންތިހާބު ކުރީ، ކުރިން ކޮމިޓީ މުގައްރިރުގެ މަގާމުގައި ހުންނެވި، މުހައްމަދު މުސްތަފާ އިބްރާހިމް އެވެ. އެ ހިސާބުން ކޮމިޓީ ބައްދަލުވުން ނިންމައިލި އެވެ.
އިޖުތިމާއީ ކޮމިޓީން ވަކިކުރިތާ ފަސް މަސް ފަހުން އަސްމާއަށް އަލުން އެ ކޮމިޓީގެ މުގައްރިރުކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ