ފޭދޫ ސްކޫލުގައި ރޯވުން: ދަރިވަރުންނަށް ނުރައްކާވާވަރުގެ ހާދިސާއެއް، ބައެއް މީހުންނަށް އަނިޔާވި

އައްޑޫ ފޭދޫ ސްކޫލުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަކީ، އަވަސް ހަރުދަނާ ފިޔަވަޅުތަކެއް ނޭޅުނު ނަމަ ދަރިވަރުންގެ ފުރާނައަށް ނުރައްކާވާވަރުގެ ހާދިސާއެއް ކަމަށާއި އެ ހާދިސާގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ފޭދޫ ސްކޫލް މިއަދު އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ، އެ ސްކޫލުގެ ލައިބްރަރީ ބޭރުގައި ރޯވެގެންނެވެ. މިއަދު ހެނދުނު 8:20 ހާއިރު އެ ރަށު ފަޔާ ސްޓޭޝަނުންނާއި ބައެއް އާންމުންގެ އެހީތެރިކަމާ އެކު 8:56 ހާއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ބުނީ ކީކޭ؟ - މި ހާދިސާއާ ގުޅޭ ގޮތުން ފޭދޫ ސްކޫލުން ދެންމެ ނެރުނު ބަޔާނެއްގައި ވަނީ، އަލިފާންގަނޑު ނިއްވާލުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި، މި ހާދިސާގައި އެއްވެސް ދަރިވަރަކަށް އަދި އެ ސްކޫލުގެ މުވައްޒަފަކަށް ވެސް ގެއްލުންވެފައެއް ނުވެ އެވެ. އެކަމަކު އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް އެ ތަނުން ބުންޏެވެ.
"މިއަދު މި ހިނގާދިޔަ ހިތާމަވެރި ހާދިސާއަކީ، ވަގުތުން ވަގުތަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުނު ނަމަ، ދަރިވަރުންގެ ފުރާނައަށާއި ސްކޫލުގެ އިމާރާތައް އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުންތަކެއް ލިބިދާނެ ފަދަ ނުރައްކާތެރި ހާދިސާއެކެވެ. ނަމަވެސް ހާދިސާ ހިނގުމާއެކު ސްކޫލުގެ އެމަޖެންސީ ޕްލޭނާއި އެއްގޮތަށް ދަރިވަރުންނާއި މުވައްޒަފުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް ހުރިހާ ފަރާތްތަކުގެ ސަލާމަތްތެރިކަން ވަނީ ކަށަވަރުކުރެވިފަ އެވެ،" ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، އެ ބަޔާނުގައި ބުނީ:
މި ހާދިސާ ހިނގި ވަގުތުން ފެށިގެން ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވޭ
ވަކިން ހާއްސަކޮށް ސްކޫލުގެ މުވައްޒަފުންނާއި އާންމުންނާއި ރަށު އޮފީހުންނާއި އެމްއެންޑީއެފް އަދި ސަރުކާރުގެ އެކިއެކި އިދާރާތަކުން ދިން އަވަސް އިޖާބަ އާއި ހިތްވަރަށް ޝަކުރު އަދާކުރި
ސްކޫލުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އަވަށު އޮފީހާއި އެމްއެންޑީއެފް އާއި ފެނަކައިގެ މުވައްޒަފުން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ