ސިޔާސީ ޕާޓީއަކުން މެމްބަރަކު ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން މެންބަރުންނަށް ގާނޫނުއަސާސީން ލާޒިމުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިގެންދާ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިިހިނެއް؟ - ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު ހުކުމްކުރީ، މިހާރު ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެންމެ ދުވަހެއްގެ ތެރޭގައި ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން ނުޖެހޭ ކަމަށެވެ. ނަމަވެސް ފަނޑިޔާރު ޝުޖޫންގެ ރައުޔު ތަފާތެވެ.
ބުނީ ކީކޭ؟ - ފަނޑިޔާރު ޝުޖޫން ވިދާޅުވީ ގާނޫނުއަސާސީން މަޖިލިސް މެންބަރުންނަށް މަތިކޮށްފައިވާ ގައުމީ މަސްލަހަތާއި ހުރިހާ ރައްޔިތުންގެ މަންފާ އާއި ލާބަ އާއި މަންފާއަށް މަސައްކަތްކުރުމުގެ ޒިންމާ އާއި ހައްގު އެ އިސްލާހުގެ ސަބަބުން ގެއްލިގެންދާ ކަމަށެވެ.
"މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލިދާނެ ކަމުގެ ބިރު ހީވެފައި، އިންތިހާބުކުރި ރައްޔިތުންގެ ހައްގުގައި އަޑުއުފުލަން ފަސްޖެހި، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައަށް ވުރެ ސިޔާސީ މަސްލަހަތާއި ނުފޫޒު އިސްކަންކުރަން ޖެހުމުގެ ފުރުސަތު ބޮޑުވާތީ،" ޝުޖޫން ވިދާޅުވި އެވެ.
ރައްޔިތުންގެ ލާބައަށް މަޖިލިސް މެންބަރުން މަސައްކަތްކުރުމުގެ ޒިންމާ ގުޅެނީ، ވޯޓު ދިނުމާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާ ކަމަށް ވެސް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ. މި ގެނުވުނު އިސްލާހުގެ ސަބަބުން އެ ދެ ހައްގަށް ނުސީދާ ގޮތުން ގައިދުކުރުމެއް ތައާރަފުވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ ބާރާއި ރައްޔިތުން ތަމްސީލްކުރުމުގެ ހައްގާ ސީދާ ގުޅުން ހުރި ހައްސާސީ ކަމެއްގައި، ތަފްސީލެއް ދިނުމެއް ނެތި، ހައްގު ހިފެހެއްޓުމުގެ ޒާތާއި ހައްގު ހިފެހެއްޓުމުގެ މަގުސަދު ރިއާޔަތްކުރުމެއް ނެތި ގެނެސްފައިވާ އިސްލާހެއް ކަމަށް އަހުރެންނަށް ބުރަވެވޭ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުން ތަމްސީލްކުރުމުގެ ހައްގަށް ހުރަސްއެޅިގެންދަނީ، ރައްޔިތުންނާއި މަޖިިލިސް މެންބަރުންގެ ދެމެދު އޮންނަން ޖެހޭ ކަމަށް ގާނޫނުއަސާސީން ކަނޑައަޅާފައިވާ ގުޅުމުގެ ދެމެދަށް ތިންވަނަ ފަރާތެއް ކަމަށްވާ ސިޔާސީ ޕާޓީތައް ވަންނާތީ ކަމަށް ޝުޖޫން ވިދާޅުވި އެވެ. ނަމަވެސް ޕާޓީގެ ނުފޫޒަށް ބޯލެނބުމަކީ ގާނޫނުއަސާސީއާ އުސޫލާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ތަފްސީލް - ޝުޖޫންގެ ރައުޔުގައި އިތުރަށް ފާހަގަކުރައްވާފައިވާ ކަންކަމަކީ:
ޕާޓީން ވަކިކުރާ ހާލަތުގައި ގާނޫނަކަށް ބަލަން އެ މާއްދާގައި ބުނާއިރު އެއީ ދައުލަތުން ފާހަގަކުރާ ގޮތަށް އެއީ އަންނަން އޮތް ގާނޫނެއް ނަމަ އެ ގޮތަށް ސާފުކޮށް ބަޔާންކުރަން ޖެހޭނެ؛ އެހެން ނޫން ނަމަ ބަލަން ޖެހޭނީ ވުޖޫދުގައިވާ ގާނޫނަކަށް ކަމާއި މި ހާލަތުގައި އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ކަމަށް ބަލަން ޖެހޭ
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ ސިޔާސީ ޕާޓީއެއްގެ ހިންގާ ގަވާއިދުގެ ތެރެއިން މެންބަރުން ވެއްދުމާއި ވަކިކުރުމާ ގުޅޭ ކަމަކަށް ވާތީވެ، ޖުމުލަ ރައްޔިތުންގެ ބާރު ނުސީދާ ގޮތަކުން ނަމަވެސް ހަނިވެގެންދޭ
ގާނޫނުއަސާސީގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަކޮށްލައިގެން ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ މަޖިލީހަށް ލިބިދޭ މުތުލަގު ބާރެއް ކަމަކަށް ނުދެކެން؛ އިޖުރާއަތްތަކުގެ ތެރެއިން ވިޔަސް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން ގެންނަ އިސްލާހަކާ މެދު ކޯޓުން ގޮތެއް ކަނޑައެޅެން ވާނެ
މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރެއަށް އިތުރުކުރި ޝަރުތުތަކަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުކުރުމުގެ ކުރިން ނެތް ޝަރުތެއް؛ އިންތިހާބުކުރާ ފަހުން ދައުރު މެދުތެރެއަށް ޝަރުތު އިތުރުކުރުމަކީ ދުސްތޫރީ ފަލްސަފާއާށް ބަލާ ނަމަ ރައްޔިތުންގެ އިޖުތިމާއީ އަހުދާ ހިލާފުވެވޭނެ ކަމެއް
ޕާޓީއަށް ގޮނޑި ގެއްލުވައިލެވޭ އިސްލާހަކީ ރައްޔިތުން ތަމްސީލްކުރަން އޮތް ހުރަހެއް: ޝުޖޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ