އަތޮޅު ފެރީތައް ވިލިމާލެއާއި ހުޅުމާލެ ޓާމިނަލަށް

ހެންވޭރު ޓާމިނަލަށް ކައިރިކުރާ އަތޮޅު ފެރީތަކުގެ ޚިދުމަތް މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލަށް ބަދަލުކުރަން އެމްޓީސީސީން ނިންމައިފިއެވެ.
އެ ކުންފުނިން މި ބަދަލު ގެނައުމަށް ނިންމާފައިވަނީ މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ 3 ވަނަ ފިޔަވަހި ފެށުމަށް ތައްޔާރުވަމުން އަންނާތީއެވެ.
އެމްޓީސީސީއިން ވިދާޅުވީ އަންނަ ހޯމައިން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލުން ލަފާފުރާ އަތޮޅު ފެރީތައް މާފަންނު ފެރީ ޓަރމިނަލާއި ހުޅުމާލެ ފެރީ ޓަރމިނަލް މެދުވެރިކޮށް ލަފާފުރާގޮތަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާނަމަ 1650އަށް ގުޅުއްވާ މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ.
އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާމިނަލްގެ ބަނދަރު، ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކަށް ހުޅުވާލީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
މާލޭ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މަސައްކަތް ފެށުމަށް ތައްޔާރުވެފައި ވަނީ، ބޮޑުތަކުރުފާނު މަގުގެ ފޭސް1ގެ ބާކީ ހިމެނޭ 4 ސެގްމަންޓްގެ މަސައްކަތެކެވެ.
ފޭސް 1ގައި ހިމެނެނީ، މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ހެންވޭރު ޓާމިނަލާ ހަމައަށެވެ. މީގެތެރެއިން ސެގްމަންޓް 1ގެ ގޮތުގައި ލޯކަލް މާރުކޭޓުން ފެށިގެން އިއްޒުއްދީނު ފާލަމާ ހަމައަށް ވަނީ ތާރުއަޅާ ތަރައްޤީކޮށް، ޑިސެމްބަރު 8 ވަނަ ދުވަހު ބޭނުންކުރަން ހުޅުވާލާފައެވެ.
އެމްޓީސީސީން ވިދާޅުވީ، ބާކީ ހިމެނޭ 4 ސެގްމަންޓުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފަވަނީ އެކުއެކީގައި ކަމަށެވެ. އެއީ، އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާއި ހަމައަށް ހިމެނޭ 700 މީޓަރުގެ މަގުގެ ސަރަޙައްދެވެ. އަދި މި މަސައްކަތާ އެކުއެކީގައި ބަނދަރުގެ އެއްގަމު ތޮށިވެސް މުޅިން އަލަށް ތަރައްޤީ ކުރާނެއެވެ. އެއީ، 610 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތެވެ. އެމްޓީސީސީން ވިދާޅުވީ މި މަގު ފަރުމާ ކޮށްފައިވާއިރު، މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ