ޢީދު ނަމާދަށް މާލޭގެ ބައެއް ސަރަޙައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

1447 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދާ ގުޅިގެން، މާލޭގެ ބައެއް ސަރަޙައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.
މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާ ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ކަމަށް ފުލުހުން ވިދާޅުވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު، ސަލްމާން މިސްކިތް އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަޙައްދުތަކަށް ކަމަށެވެ. މި ސަރަޙައްދުތަކަކީ ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބަޔަކު އީދު ނަމާދަށް އެއްވާ ސަރަހައްދުތަކެވެ.
ފުލުހުން އާންމުކޮށްފައިވާ ޗާޓުގައި ޕާކުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައި ހުރި އުޅަނދުތައް، މާދަމާގެ 15:00 ގެ ކުރިން އެ ސަރަޙައްދުތަކުން ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިއީ ޢީދު ނަމާދުގެ އިންތިޒާމުތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މި އިންތިޒާމުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މައާފަށް އެދިފައެވެ.
މިއަހަރުގެ ފިޠުރު ޢީދު ނަމާދު މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދު ޙަސަން އާދަމްއާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި، ދުބުރި ގަސްމަގާއި އެއް އިންކޮށް އޮންނަ ހުސްބިމުގައި ބޮޑު ޖަމާޢާތުގައި ނަމާދު ކުރާނެެއެވެ.
ބޮޑު ޖަމާޢަތުގައި މާލެ ސަރަހައްދުގެ 4 ތަނެއްގައި ފިތުރު ޢީދު ނަމާދު ކުރުމަށް ނިންމާފައިވާއިރު، ޖުމްލަ 24 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ