ސާފް ފުޓްސަލް ޗެމްޕިއަންޝިިޕްގައި މިއަދު ކުޅުނު ދެ ވަނަ މެޗުން ބަންގްލަދޭޝް އަތުން 5-1 އިން މޮޅުވެ، ޕާކިސްތާނުން އަމިއްލަ ބާރު ނެތް ކަމުގައި ވިޔަސް މުބާރާތް ކާމިޔާބު ކުރުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
ބަންގްލަދޭޝާއި ޕާކިސްތާން ކުޅުނު މެޗު އެއްވަރުވިނަމަ، މިއަދު ނޭޕާލް 2-1 އިން ބަލިކޮށް، ފުރަތަމަ ހަތަރު މެޗުން މޮޅުވި ރާއްޖެ އަށް ބާކީ ދެ މެޗު އޮއްވައި، މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެ އެވެ.
އެކަމަކު، ޕާކިސްތާން މޮޅުވުމާ އެކު، ރާއްޖެ އަށް އެންމެ އަވަހަށް ވެސް ޗެމްޕިއަންކަން ލިބޭނީ، ހޮނިހިރު ދުވަހު ބޫޓާން ބަލިކޮށްގެންނެވެ. ޕާކިސްތާނަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ރާއްޖެ ފަހު ދެ މެޗުން ބޫޓާނާއި ލަންކާ އަތުން ބަލިވެ، ޕާކިސްތާން ފަހު މެޗުން އިންޑިއާގެ މައްޗަށް ކުރިހޯދައިގެންނެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ކުރީގައި ރާއްޖެ އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕާކިސްތާނަށް ފަސް މެޗުން ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބަންގްލަދޭޝަށް ވަނީ ފަސް މެޗުން ހަތް ޕޮއިންޓް ލިބިފަ އެެވެ.
ނޮންތަބުރީ ޕްރޮވިންސް ސްޓޭޑިއަމްގެ އިންޑޯ ހޯލުގައި މިރޭ ކުޅުނު މެޗުގައި، ޕާކިސްތާން ފަށަން ޖެހުނީ އުނދަގޫ ކޮށެވެ. އެ ގޮތުން، މެޗުގެ 16 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން، ޒަފަރު ހާން އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެކަމަކު، ޕާކިސްތާނުން ވަނީ ފުރަތަމަ ހާފުގައި، އަލީ އަގްހާ ޖެހި ގޯލުން ލީޑުނަގައިފަ އެވެ.
ދެ ވަނަ ހާފުގައި ޕާކިސްތާނަށް ޒައިދުﷲ ހާން ލީޑުފުޅާކޮށްދީފައިވަނިކޮށް، ބަންގްލަދޭޝްގެ ފަޔެދު އާޒިމް ލަނޑެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދިނެވެ. ޕާކިސްތާނަށް އަލުން ދެ ގޯލުގެ ލީޑެއް ނަގައިދިނީ، ސަލާރު އަހުމަދު ހާން އެވެ.
މެޗުގެ ފަހު މިނިޓް ތެރޭގައި ޕާކިސްތާނުން ދެ ލަނޑު ޖެހި އެވެ. މި ގޯލުތައް ޖެހީ ޒައިދު އާއި އަލީ އެވެ.
ޕާކިސްތާނުން ބަންގްލަދޭޝް ބަލިކޮށް އުންމީދު ދަމަހައްޓައިފި ޕާކިސްތާނުން ބަންގްލަދޭޝް ބަލިކޮށް އުންމީދު ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ