ދެމީހުންގެ މެދުގަ ޖެހޭ މައްސަލައެއް ޙައްލުކުރަން އެންމެ ގާތް މީހުންގެ ޚިޔާލަށް އެދޭއިރުވެސް ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް- ނޫންނަމަ ވެއްޓެންޖެހޭނީ ހޫނުފެނަށް!

ސޯޝަލްމީޑިއާގައި އަޅުގަނޑުގެ އެކުވެރިން ވަރަށް މަދުވާނެއެވެ. އެޑްކުރަނީ ޢާއިލާގެ މީހުންނާއި އެންމެ ގާތް އެކުވެރިން އެކަނި ކަމަށްވާތީއެވެ. ދެމަފިރިންގެ މެދުގައި ޖެހުނު މައްސަލައެއް ޙައްލުކުރަން ލަފައަކަށް އެދި ޕޯސްޓެއް ޖެހީމެވެ. އެއީ ރަނގަޅު ލަފައެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. އެކަމަކު އެކަންވެގެންދިއައީ މައްސަލަ އިތުރަށް ހޫނުވެ ގޯސްވެގެން ދިއަ ސަބަބަކަށެވެ. 
ފިރިމީހާއަށްވެސް ފެންނާނީ ކޮމެންޓް ޕޯސްޓްކުރުމުގެ ބަދަލުގައި މެސެޖުތައް ފޮނުވަންފެށީ ފޯނަށެވެ. ކުރަންފެށީ ކޯލްތަކެވެ. ލަފާދިނީ މައްސަލަ ޙައްލުކުރެވޭނެ ގޮތަކަށް ނޫނެވެ. ދެމަފިރިން ވަކިވާން ހިތްވަރު ލިބޭނެ ގޮތަށެވެ. އެކަން ވިސްނުމުން "ވަރަށް ބޮޑަށް ޝުކުރިއްޔާ" ޕޯސްޓްކޮށް ކުރިން ކުރި ޕޯސްޓް ޑިލީޓްކޮށްލީއެވެ. 
މިއީ ކިޔުންތެރިއަކު ބުނެފައިވާ ވާހަކައެކެވެ. މިއީ ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހިފައިވާ ކަމަކަށްވާތީ މިގެނެސްދެނީ ޢަމަލުކުރުމުން ފައިދާކުރާނެ ގޮތުގެ ލިޔުމެކެވެ.   
ޙަޔާތުގެ ބައިވެރިޔާއާއިކު ނަމަވެސް އަދި ލޯބިވެރިޔާއާއިއެކުގައި ނަމަވެސް އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ އެކަމަށް ހޯދަންޖެހޭނީ ދާއިމީ ޙައްލެކެވެ. އެޙައްލު ހޯދޭނީ ދެމީހުން މަޝްވަރާކޮށްގެންނެވެ.  
އެއިގެ ބަދަލުގައި މިހާރަކަށް އައިސް ގިނަ ބައަކު ކުރާކަމަކީ އެމައްސަލައެއް ސޯޝަލްމީޑިއާގައި ޢާންމުކޮށް އެހެން މީހުންގެ ޚިޔާލަށް ހުޅުވައިލުމެވެ. މިއީ މައްސަލައިގެ ހުޅުގަނޑު އިތުރަށް ބޮޑުކުރަން ކުރެވޭ ކަމެކެވެ. ޙައްލެއް ފެނުމުގެ ބަދަލުގައި ކަންކަން ބަދަލުވެގެންދާނީ ގޯހުން ގޯހަށެވެ.  
ސަބަބަކީ ޚިޔާލުތައް ފޯރުކޮށްދޭ ނުވަތަ ކޮމެންޓްކުރާ ގިނަ މީހުން ކޮމެންޓްކުރާނީ މައްސަލަ ޙައްލުކުރެވޭނެ ބަލައިގެނެއް ނޫނެވެ. އަންހެންކުއްޖެގެ ނަމަ އޭނާގެ ފޮޓޯއަށް ބަލައިގެންނެވެ. މަސައްކަތްކުރާނީ ދެމީހުން ދުރުކޮށް އެކަމުން ނާޖާއިޒު ފައިދާއެއް ނެގުމަށެވެ. އެހެންވެ ވަރަށް ގިނަ ބާވަތުގެ އޮފަރތައްވެސް ހުށަހަޅާނެއެވެ. އެއިން އޮފައެއް ޤަބޫލުކޮށްފިނަމަ ގިނަ ފަހަރަށް ޖެހޭނީ މާބޮޑު ދަންތުރައެއްގައެވެ. 
ފަހަރެއްގައި އެކުވެރިންގެ ޚިޔާލެއް ހޯދަން ބޭނުންވިނަމަވެސް އެއީ ތިމާގެ އަމިއްލަ މައްސަލއެއްކަން ސިއްރުކުރާށެވެ. އެއީ އެހެން ކޮންމެވެސް މީހަކަށް ކުރިމަތިވެގެން އުޅޭ މައްސަލައެއް ކަމަށް ހަދައިގެން ސުވާލުކުރާށެވެ. ސަބަބަކީ އެކުވެރިންގެ ތެރޭގައިވެސް ގޮތް ނުއެނގޭ އެތައް ބައަކު އުޅޭނެތީއެވެ. ޙަޤީޤީ އެކުވެރިންނަކީ ކޮބައިކަން އެނގުން ފަސޭހަ ނޫންވީމައެވެ.   
 
- އަލަފް / މިއަދުނޫސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ